ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރަސްދޫއަށް ވެސް ގެސްޓުން ގެންދިޔުން ހުއްޓާލައިފި

Mar 16, 2020
5

ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރެމުން ދާތީ، އއ. ރަސްދޫގެ ގެސްޓްހައުސްތަކަށް ގެސްޓުން ގެންދިޔުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ރަސްދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން މި މަހުގެ ނިޔަލަށް އެ ރަށަށް އެއްވެސް ޓޫރިސްޓަކު ނުގެންދަން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމީ ރަށުގެ ގެސްޓްހައުސްތަކާއި ޑައިވް ސެންޓަރުތަކުގެ ވެރިން ކައުންސިލާއެކު އެއްބަސްވުމަކަށް އައިސްގެން ކަމަށް ވެސް އިއުލާނުގައި ވެއެވެ.

މީގެ ކުރިން އއ. ތޮއްޑޫއިން ވެސް ވަނީ ގެސްޓުން ރަށަށް ގެންދިޔުން ހުއްޓާލާފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހެކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.