ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކަކާއި ސިޓީ ހޮޓެލްތަކަށް މިއަދުން ފެށިގެން މީހުން ގެނައުން ސަރުކާރުން މަނާކޮށްފި އެވެ.
މި ފިޔަވަޅު އަޅާފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށެވެ.
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން އަންގާފައިވަނީ މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން އެއްވެސް ގެސްޓްހައުސްއަކަށާއި ހޮޓެލްއަކަށް ގެސްޓުން ޗެކްއިންވުން މަނާކޮށްފަ އެވެ. ނަމަވެސް މިހާރު ގެސްޓްހައުސްތަކުގައި ތިބި ގެސްޓުންއަށް ބުކިންގެ މުއްދަތު ހަމަވަންދެން މަޑު ކުރެވޭނެ އެވެ.
ސަރުކާރުން މިއަދު ހުރިހާ ގެސްޓްހައުސްއެއް ބަންދުކުރިއިރު މީގެކުރިން މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން ސަރުކާރުން އޮތީ މަނާކޮށްފަ އެވެ.
މީގެކުރިން ބައެއް ރަށްރަށުން އަމިއްލައަށް ގެސްޓުން ގެނައުން ހުއްޓާލާފައިވެ އެވެ. އޭގެ ތެރޭގައި އއ. ތޮއްޑޫ އާއި ރަސްދޫ ހިމެނެ އެވެ. އެފަހުން އެ އަތޮޅުގެ މަތިވެރިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ މީހަކު ވަނީ ފެނިފަ އެވެ. އެ ރަށް މިހާރު އޮތީ މީހުން އަރާ ފޭބުން ހުއްޓުވާފަ އެވެ. ދެ މީހުންގެ ނަތީޖާ އަދި ނުލިބެ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.
ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ކުރިއަށް އޮތް ދެ ހަފުތާ ބަންދުވާނެ އެވެ. އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ވެސް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކުރަން އެންގި އެވެ.
އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މާލެ ސަރަހައްދުތަކުގެ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.