ދުނިޔެ

އިރާގުގެ ބޮޑު ވަޒީރުގެ އިސްތިއުފާ ގަބޫލުކޮށްފި

އިރާގުގައި މިހާރު ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުން ކޮންޓްރޯލް ނުވިކަމަށް ބުނެ، އެގައުމުގެ ބޮޑު ވަޒީރު އާދިލް އަބްދުލް މަހްދީ އިސްތިއުފާއަށް އެދި ހުށަހެޅި ހުށަހެޅުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ގަބޫލުކޮށްފި އެވެ.

އާދިލް އަބްދުލް މަހްދީ މަގާމުން އިސްތިއުފާއަށް ދިންކަން އަންގާ މަޖިލީހަށް ސިޓީ ފޮނުވާފައިވަނީ މުޒާހަރާގެ ތެރެއިން 50 މީހުން މަރުވުމުން، އިތުރު މަރެއްގެ ޒިންމާ ނަގަން ބޭނުން ނުވާ ކަމަށް ބުނެ އެވެ. މި 50 މީހުން ވެސް މަރުވެފައިވަނީ ސަލާމަތީ ބާރުތަކުން މުޒާހަރާ ކޮންޓޮރޯލް ކުރުމުގެ ތެރެއިންނެވެ.

ސަލާމަތީ ބާރުތަކުން މުޒާހަރާ ކޮންޓޮރޯލް ކުރުމަށް ބާރުގެ ބޭނުން ކުރުމުން ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ އެކަމާ ފާޑު ކިޔާފަ އެވެ. އެކަން ހައްލުކުރާނެ ކަމަށް އާދިލް އަބްދުލް މަހްދީ ވިދާޅުވި ނަމަވެސް ސަލާމަތީ ބާރުތަކުން ގެންދިޔައީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ކޮންޓޮރޯލް ކުރުމުގެ ނަމުގައި ބައިވެރިންނަށް އަނިޔާ ކުރަމުންނެވެ.

ބޮޑު ވަޒީރުގެ އިސްތިއުފާ މިހާރު އިރާގުގެ ކެބިނެޓުން ވެސް ވަނީ ގަބޫލުކޮށްފަ އެވެ. މިއާއެކު އިރާގ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ގިނަ ބަޔަކު ދަނީ މަގާމުން އިސްތިއުފާ ދެމުންނެވެ. އާދިލް އަބްދުލް މަހްދީ ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދިނުމާ ގުޅިގެން މަޖިލީހުން މިހާރު ގެންދަނީ އާ ބޮޑު ބަޒީރު އައްޔަން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މަޖިލީހުން ބޮޑު ވަޒީރަކު އައްޔަން ކުރަން ޖެހޭނީ 30 ދުވަހުގެ ތެރޭގަ އެވެ.

ނަމަވެސް މީޑިއާ ރިޕޯޓުތަށް ބުނާ ގޮތުން މަޖިލީހުން ހަފްތާއެއްގެ ތެރޭގައި ހުސްވެފައިވާ ބޮޑު ވަޒީރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނެ އެވެ.