އިޒުރޭލުގެ ހާރިޖީ ވަޒީރު އިޒްރައިލް ކަޒް ދެކެވަޑައިގަންނަވާ ގޮތުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިތު އުރުދުޣާން މިހާރު ހިިންގަވަމުން އެ ވަޑައިގަންނަވަނީ، އީރާގުގައި ޑިކްޓޭޓަރެއްގެ ވެރިކަން ކުރެއްވި ކަމަށް ބައެއް މީހުން ބުނާ ސައްދާމް ހުސައިންގެ ފިޔަޅުމަތީގަ އެވެ.
އުދުޣާންގެ ބަސްމަގާއި އަމަލުތައް ހުރީ ސައްދާމް ހުސައިނާ އެއްފަދައިން ކަމަށް ވަޒީރު ދެކެވަޑައިގަންނަވަ އެވެ.
އިޒުރޭލުގެ ހާރިޖީ ވަޒީރު ވިދާޅުވީ ހިތާމައަކީ ސައްދާމަށް ޖެހިވަޑައިގެންނެވި ފަދަ ދަތުރެއް އުރުދުޣާނަށް ޖެހިވަޑައިގެންފާނެތީ އެވެ.
ސައްދާމް ހުސައިން މަރުވެގެން ދިޔަ ގޮތް އުރުދުޣާން ތަޖުރިބާ ނުކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ސައްދާމް ހުސައިން އިރާގުގައި ވެރިކަންކުރެއްވީ 1979 އިން 2003 އަށެވެ.
އެމެރިކާ އަޑީގައި އޮވެގެން ގުޅިފައި އޮތް އަސްކަރީ ބާރުތައް އީރާގަށް އަރައި ސައްދާމްގެ ވެރިކަން ވައްޓާލައި އަދި 2006 ގައި އޭނާ ދަންޖައްސައި ވަނީ މަރާލާފަ އެވެ.
އެކި މައިދާންތަކުގައި އިޒުރޭލަށް ބިރުދައްކައި ސައްދާމް ހުސައިން ފަދައިން ގަދަބަސް ވިދާޅުވުމުގައި ހުރި ނުރައްކާތެރިކަމާ މެދު އުރުދުޣާން ވިސްނާ ވަޑައިގަތުން ބުއްދިވެރި ކަމަށް ވަޒީރު ވިދާޅުވި އެވެ.
އިޒުރޭލުގެ ހާރިޖީ ވަޒީރު މި މޭރުމުން ބަސް ވިދާޅުވީ ތުރުކީގެ ރައީސް އުރުދުޣާން ޖުލައި 28 ގައި ވިދާޅުވި ވިދާޅުވުމެއްގެ ސަބަބުންނެވެ.
އުރުދުޣާން ވިދާޅުވީ ފަލަސްތީނަށް އެހީތެރިވުމަށްޓަކައި އިޒުރޭލަށް އަރަންޖެހިދާނެ ކަމަށެވެ. އެކަމަކު އިޒުރޭލަށް އަރާނެ ވަކި ގޮތެއް ވިދާޅެއް ނުވެ އެވެ.
އުރުދުޣާން ވިދާޅުވީ އަޒަރުބައިޖާންގެ ނަގޯނީ ކަރަބާޚްއަށް ތުރުކީން އަރަން ޖެހުނީ ބަޔަކު ގޮތް ދޫނުކުރުމުން ކަމަށެވެ. ތުރުކީގެ ކުޅަދާނަކަން ލީބިއާއިންވެސް ފެނިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި އިޒުރޭލު ސިފައިން ޣައްޒާއަށް އަރައިގަތް ފަހުން ތުރުކީން ދަނީ އިޒުރޭލުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އިޒުރޭލަށް ފާޑުވިދާޅުވުމުގައި އެންމެ ކުރިގައި ހުންނެވި އެއް ލީޑަރަކީވެސް ތުރުކީގެ ރައީސް އުރުދުޣާން އެވެ.