ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅައިގައި ލަންކާ އާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖަހަން ރާއްޖެއަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވި މެޗު 0-0 ން އެއްވަރު ވެގެން ނިމިއްޖެ އެވެ.
ކުރިން ގުރޫޕް ސްޓޭޖު ފޯމެޓަށް ކުޅެން އޮތް މުބާރާތް އިންޑިއާ ވަކިވުމުން މުބާރާތުގެ ފޯމެޓަށް ބަދަލު ގެނެސްގެ މިއަދު ފެށި މުބާރާތުގެ ދެ ވަނަ މެޗުގައި ލަނޑު ޖަހާނެ ފަހި ފުރުސަތުތަކެއް ރާއްޖެއިން ތަނަވަސް ކުރި އެވެ.
ފުރަތަމަ ހާފުގެ 20 ވަނަ މިނެޓްގައި، އަބްދުﷲ ޔާމީން (ޔާން) އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަތން ތަނުން އޭނާއަށް ލަންކާގެ ޑިފެންޑަރުން ހުރަސް އަޅަން އުޅުމުގެ ތެރޭގައި އޭނާ ވެއްޓުނެވެ. ނަމަވެސް ރެފްރީ ދެއްކީ ކުޅުން ކުރިއަށް ގެންދިއުމަށެވެ. ޔާން އަތުން ގެއްލުނު ބޯޅަ ދެ ވަނަ ފަހަރަށް ލިބުނީ ނާއިޒް ހަސަން (ދާދު) އަށެވެ. ދާދު ގޯލްގެ ތިރީ ކަނަށް އަމާޒުކޮށް ފޮނުވާލި ނަމަވެސްލަންކާގެ ކީޕަރު ސޫޖަން ޕެރޭރާ ދިފާއު ކުރީ އެވެ.
ފުރަތަމަ ހާފުގައި، އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އަށްވެސް ފުރުސަތެއް ލިބި ބޭކާރު ވެގެންދިޔައީ އެވެ. ދެ ވަނަ ހާފުގައި މުޅި ގޭމް ޑޮމިނޭޓް ކުރީ ރާއްޖެއިންނެވެ. އެ ހާފުގެ ފަހު ކޮޅު ރާއްޖެއިން ގިނަ ހަމަލާތަކެއް ލަންކާގެ ގޯލަށް އަމާޒުކޮށް ފޮނުވާލި އެވެ. އެ ބޯޅަތައް ދިފާއު ކުރުމުގައި ރާއްޖޭގެ އީގަލްސްއަށް ކުޅޭ ކީޕަރު ސުޖަންގެ ހުށިޔާރުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިގެން ދިޔަ އެވެ.
ލަންކާގެ ކޯޗް ފަކީރު އަލީ ބުނީ މެޗުން ޕޮއިންޓެއް ލިބުމުގައި ސުޖަންގެ ހިއްސާ ބޮޑު ކަމަށެވެ. އޭނާ ބުނީ ރާއްޖެ ކަހަލަ އުނދަގޫ ޓީމެއްގެ އަތުން ޕޮއިންޓެއް ލިބުމުން ވެސް ހިތްހަމަ ޖެހޭ ކަމަށެވެ.
މުޅި މެޗުގައިވެސް އެންމެ ހުސް ފުރުސަތެއް ލިބުނީ ރާއްޖޭގެ މުހައްމަދު ރިހާމް (ބޮބީ) އަށެވެ. ދާދު ނަގައިދިން ބޯޅަ ހުހަށް ހުރެ ގޯލްގެ ތެރެއަށް ފޮނުވާލަން ކޮށްޕާލި ބޯޅަ ދިޔައީ ބޭރަށެވެ.
އޭގެ ކުރިން ލަންކާގެ އޭރިއާގެ ބޭރުން ލިބުނު ބޯޅަ ހަމްޒާ މުހައްމަދު (ހަމްޕް) ފޮނުވާލުމުން އެ ބޯޅަ ހުރަސް ދަނޑީގެ ކޭތިލާފައި ދިޔައީ ބޭރަށެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރާއްޖޭގެ ކޯޗް ޕީޓާ ޝެގަޓް ބުނީ، ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުކުރެވުމުން ހިތްހަމަ ނުޖެހޭ ކަމަށެވެ.