ސައުތު އޭޝިއަން ގޭމްސް

ތިން ވަނަ ޝެޑިއުލު، ލުއި ބަދަލެއް

ނޭޕާލުން: ހުސައިން ހަބީބު
Dec 3, 2019

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅައިގެ ޝެޑިއުލް ތިންވަނަ ފަހަރަށް ނެރެ އާންމު ކުރިއިރު، ކުރިން އޮތް ބުރަ ޝެޑިއުލަށް ލުއި ބަދަލުތަކެއް ގެނެސްދީފި އެވެ.

މުބާރާތުގެ ގުރު ނެގި ފަހުން އިންޑިއާ ވަކި ވުމުން، ނޭޕާލްގެ އޮލިމްޕިކް ކޮމީޓީ އާއި ފުޓްބޯޅަ ފެޑްރޭޝަނުން ނިންމީ ލީގް އުސޫލުން ކުޅޭ ގޮތަށް ޝެޑިއުލްއަށް ބަދަލު ގެނައުމަށެވެ. އެގޮތަށް ބަދަލު ކުރުމުން ރާއްޖެ އާއި ލަންކާ އަދި ބޫޓާނުން ހިތްހަމަ ނުޖެހުންތައް ބަންޑުން ކޮށްލި އެވެ.

ޥާދަ ކުރާ ގައުމުތަކުގެ ކަންބޮޑުވުންތަކާއެކު މުބާރާތުގެ ކުޅުން އިއްޔެ ފެށި ފަހުން، ގޭމްސްގެ އިންތިޒާމު ކޮމިޓީން ވަނީ އާ ޝެޑިއުލް އާންމު ކޮށްފަ އެވެ. ކުރިން ކޮންމެ ދުވަހަކު ކުޅޭ ގޮތަށް އޮތް ފިކްސްޗާސް އަށް ގެނެސްފައިވާ ބަދަލުގައި މިހާރު އޮތީ ކޮންމެ ދެ ދުވަހަކު މެޗު ކުޅުމަށް ފަހު އެއް ދުވަހުގެ ރެސްޓެއް ލިބޭ ގޮތަށެވެ.

މިއަދު ބަންގުލަދޭޝް އާ ދެކޮޅަށް ކުޅުމަށް ފަހު މާދަމާ ރާއްޖެއަށް ރެސްޓް ކުރެވޭނެ އެވެ. ބުރާސްފަތި ދުވަހު ރާއްޖެއިން ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.

މުބާރާތް ބާއްވާ ގައުމު އަދި އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލްއާ ދެކޮޅަށް ނުކުންނާނީ ހޮނިހިރު ދުވަހު އެވެ. ހުކުރު ދުވަކީ ހުރިހާ ޓީމަކަށް ވެސް ރެސްޓް ކުރަން ލިބޭ ދުވަހެވެ.

"ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިއްޖެ." ދެ ވަނަ ނެރުނު ޝެޑިއުލް އާމެދު އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރި ރާއްޖޭގެ ކޯޗް ޕީޓާ ޝެގަޓް ބުންޏެވެ.

އިއްޔެގެ މެޗަށް ފަހު ޝެޑިއުލްއަށް ބަދަލު ގެނައިކަން ލަންކާގެ ކޯޗް ފަކީރު އަލީއަށް އޮތީ ނޭނގި އެވެ. އެކަމާ ބެހޭ ގޮތުން އޭނާ އާ ސުވާލު ކުރުމުން ބުނީ އެކަމުގެ އަޕްޑޭޓެއް އޭނާއަށް ނުލިބޭ ކަމަށެވެ.