ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ހިދުމަތް ޒަމާނީކޮށް މާލެއަށް އާ ސެންޓަރުތަކެއް

ބޭންކް އެކައުންޓްތައް ހުޅުވުމަށާއި ލޯނު ދޫކުރާއި ބޭންކިން ހިދުމަތްތަކަށް ހާއްސަ ޒަމާނީ ސެންޓަރުތަކެއް ދިވެހި ގައުމީ ބޭންކް، ބީއެމްއެލް އިން މާލޭގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ބީއެމްއެލުން މިއަދު ބުނީ ފަށަން ތައްޔާރުވާ އެ ހިދުމަތްތަކަކީ އެ ބޭންކުގެ ތަސައްވުރާ އެއްގޮތަށް ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ދޭށާއި ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮޑަކްޓްތައް ފޯރު ކޮށްދިނުމުގެ މަސައްކަތެއް ކަމަށެވެ. އެ ސެންޓަރުތައް އަންނަ އަހަރު ހުޅުވާނެ ކަމަށެވެ.

އަލަށް ހުޅުވާ ސެންޓަރުތަކުން ޕާސަނަލް ބޭންކިން އާއި ކަސްޓަމަރުންނަށް އެކައުންޓް ހުޅުވުމާއި ލޯނަަށް އެދި ހުށަހެޅުމުގެ ހިދުމަތްތައް ފަހި ކޮށްދޭނެ އެވެ. އަދި މުޅިން އަލަށް މާލޭގެ މަޖީދީ މަގުގައި ބޭންކްގެ ޑިޖިޓަލް ބްރާންޗެއް ހުޅުވާއިރު އެ ބްރާންޗް ވާނީ ކަސްޓަމަރުންނަށް އެންމެ ޒަމާނީ ޑިޖިޓަލް ބޭންކިންގެ ހިދުމަތް ފޯރުކޮށްދޭ ބްރާންޗަކަށެވެ.

މި ބަދަލާއެކު، މިހާރު މަޖީދީ މަގުގައި ބޭންކުންގެ ހިދުމަތްދޭ ބްރާންޗުގައި ދޭ ހިދުމަތް އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން މެދުކަނޑާލާނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އަލަށް ހުޅުވާ އެކައުންޓް އޯޕަނިން ސެންޓަރާއި ލޯން ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ފުރިހަމަ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރައްވާއިރު ޑިޖިޓަލް ބްރާންޗުން ކަސްޓަމަރުންގެ ބޭންކިން ތަޖުރިބާއަށް ހެޔޮ ބަދަލެއް ގެނެސް ދެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކައުންޓަރުން ފޯރޮކޮށްދެވޭ ފައިސާގެ މުއާމަލާތްތައް ނޫން އެހެން ހުރިހާ ހިދުމަތެއް އަލަށް ހުޅުވާ އެކައުންޓް އޯޕަނިން ސެންޓަރާއި، ލޯން ސެންޓަރާއި، އަދި މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަސްޓަމާ ސާވިސް ސެންޓަރާއި ބިސްނަސް ސެންޓަރު މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

ބީއެމްއެލްގެ ބޭންކިން ވިއުގައިން ރާއްޖޭގެ 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފްސާވިސް ބޭންކިން ސެންޓަރު، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެއެވެ.