ސައުތު އޭޝިއަން ގޭމްސް

ޕާކިސްތާން ބަލިކޮށް ރާއްޖެ ސެމީ ފައިނަލަށް

ނޭޕާލުން: ހުސައިން ހަބީބު
Dec 3, 2019

ސައުތު އޭޝިއަން ގޭމްސްގެ އަންހެން ޓީޓީ ޓީމު އިވެންޓްގައި، ޕާކިސްތާންގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައި ސެމީ ފައިނަލަށް ރާއްޖެ ދަތުރު ކޮށްފި އެވެ.

ގުރޫޕް ސްޓޭޖުގައި އިއްޔަ އިންޑިއާ އަތުން ބަލިވި މެޗުން އަރައިގަނެ ޕާކިސްތާން އާ ދެކޮޅަށް ނުކުތީ ވަރުގަދަ ހިތްވަރަކާއެކު އެވެ. ފުރަތަމަ ސެޓްގައި އައިޝަތު ރަފާ ނާޒިމް ނުކުތީ ޕާކިސްތާންގެ ސަނަމް އާ ދެކޮޅަށެވެ. އެ ސެޓް ރަފާ ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ރަފާ ގޭމްތައް ގެންދިޔައީ، 11-5، 11-9 އަދި 11-8 ށްނެވެ.

ދެ ވަނަ ސެޓަށް ނުކުތީ، ރާއްޖޭގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އެވެ. ޕާކިސްތާންގެ ސަނާ އާ ދެކޮޅަށް ދީމާ ސެޓް ކާމިޔާބު ކުރީ 3-1 ގޭމުންނެވެ. ދީމާ ގޭމްތައް ގެންދިޔައީ 12-10، 5-11، 11-7 އަދި 11-3 ންނެވެ.

ތިން ވަނަ ސެޓްގައި ލައިސާ ފަތުހުﷲ އިސްމާއީލް ނުކުތީ ޕާކިސްތާންގެ ފަރުއާ ދެކޮޅަށެވެ. އެ ސެޓުން ލައިސާ ބަލިވީ އެންމެ ފަހު ސެޓް އަތުން ދޫވުމުންނެވެ. ފަރުއާ ގޭމްތައް ގެންދިޔައީ11-7، 12-10، 11-8، 5-11 އަދި 7-11 އިންނެވެ.

ހަތަރު ވަނަ ސެޓަށް ނުކުތީ ދީމާ އެވެ. އެ ސެޓްގައި ޕާކިސްތާން ޓީމުން ނުކުތީ ފުރަތަމަ ސެޓްގައި ރަފާ އަތުން ބަލިވި ސަނަމް އެވެ. ވަރަށް ވާދަވެރިކޮށް ދިޔަ ފުރަތަމަ ގޭމް ސަނަމް ކާމިޔާބު ކުރީ 15-13 އިންނެވެ. ދެން ޖެހިގެން އައި ތިން ސެޓުންވެސް ގެންދިޔައީ ދީމާ އެވެ. އޭނާ ގޭމްތައް ކާމިޔާބު ކުރީ 11-7، 11-8 އަދި 11-4 ންނެވެ.

ސެމީގައި ރާއްޖެ ނުކުންނާނީ ޕޫލް އޭ ގެ އެއް ވަނަ ނޭޕާލް އާ ދެކޮޅަށެވެ. މިއަދު ފިރިހެން ޓީމު އިވެންޓްގައި ރާއްޖޭގެ ފިރިހެން ޓީމު، ނޭޕާލް އަތުން ބަލިވީ 3-1 ސެޓުންނެވެ. އެ މެޗާއެކު ޓީމު އިވެންޓުން ފިރިހެން ކުޅުންތެރިންނަށް ވަނީ މުބާރާތް ނިމިފަ އެވެ.