ހަބަރު

ބްރޯޑްކޮމްއަށް މަރީ، އަލީ ޔޫސުފް އަދި ގައިސް

Dec 3, 2019
4

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް މަރިޔަމް ވަހީދާ އާއި އަލީ ޔޫސުފް އަދި އަހުމަދު ގައިސް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކޮމްގެ ހަތަރު ގޮނޑިއެއް ހުސްވެފައިވާ އިރު، މިއަދު ވޯޓަށް އަހާފައި ވަނީ އޭގެ ތެރެއިން ތިން ގޮނޑިއަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތަކަށް ރުހުން ދިނުމަށެވެ.

މިއަދު އެންމެ ފުރަތަމަ ވޯޓަށް އަހާފައިވަނީ، ބްރޯޑްކޮމްއިން އިސްމާއިލް ސޮފްވާނާއި ހަސަން ނަބާހު އިސްތިއުފާ ދެއްވާފައި ވާތީ އެ ދެ ގޮނޑިއަށް ހަމަޖައްސަން ރައީސް ފޮނުއްވި ނަންފުޅުތަކުން ދެ ނަމަކަށް ރުހުން ދިނުމެވެ.

އެގޮތުން، ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން، މިނވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ތަޅުމަށް ފޮނުވިއިރު، އެންމެ މަތީގައި އޮތީ ސަންގު ޓީވީގެ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމްގެ ނަމެވެ. ރައީސް ވެސް އެންމެ އިސްކަން ދެއްވާފައި އޮތީ ޝިފްލާ އަށެވެ. އަދި ދެވަނައަށް އޮތީ، އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ގައިސްގެ ނަމެވެ. އަދި ތިން ވަނައަށް އޮތީ، ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފްގެ ނަމެވެ.

ނަމަވެސް، ޝިފްލާގެ ނަމަށް އެހި ވޯޓުގައި 49 މެންބަރަކު ވަނީ އޭނާއާ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ. ޝިފްލާ އައްޔަން ކުރަން ފެންނަކަމަށް ހަތް މެންބަރަކު ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ މެންބަރަކު އިންނެވި އެވެ.

އެއަށްފަހު، ގައިސް އާއި އަލީ ޔޫސުފްގެ އިތުރުން މަރިޔަމް ވަހީދާ ބްރޯޑްކޮމަށް އައްޔަނުކުރަން ފެންނަކަމަށް ވަކި ވަކިން ނެގުނު ވޯޓުތަކުގައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން އިއްތިފާގުވި އެވެ.

ކޮމިޝަންގެ ނައިބު ރައީސްއަކަށް ހުންނެވި، ފާތިމަތު ޒައިނާގެ ބަދަލުގައި ހަމަޖައްސަން ރައީސް ތިންނަމެއް މަޖިލީހަށް ފޮނުއްވި ނަމަވެސް ކޮމިޓީއިން ވަނީ އޭގެން އެއްވެސް ނަމެއް ތަޅުމަށް ނުފޮނުވައި، އާ ނަންތަކެއް ފޮނުވުމަށް ރައީސް ލަފާދިނުމަށް ވަނީ ނިންމައިފަ އެވެ. އެ ނިންމުންވެސް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.