ސައުތު އޭޝިއަން ގޭމްސް

ގައުމީ އަންހެން ޓީޓީ ޓީމަށް ބްރޯންޒް މެޑަލް

ނޭޕާލުން: ހުސައިން ހަބީބު
Dec 3, 2019

ސެމީ ފައިނަލުގައި ޝްރީ ލަންކާ އަތުން ބަލިވި ނަމަވެސް، ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމުން ބްރޯންޒް މެޑަލް ހޯދައިފި އެވެ.

ޕާކިސްތާންގެ މައްޗަށް ވާދަވެރި މެޗަކުން މޮޅުވުމަށް ފަހު އޭގެ ދެ ގަޑިއިރެއްހައި ފަހުން ރާއްޖެއިން ކުޅުނު މެޗުގައި ލަންކާ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މިއީ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސްގައި ރާއްޖެއިން ހޯދި ފުރަތަމަ މެޑަލް އެވެ.

ފުރަތަމަ ސެޓަށް ރާއްޖޭގެ ޓީމުން ނުކުތީ، ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އެވެ. ލަންކާގެ ޓީމުން ނުކުތީ އިރަންޑީ އެވެ. އިރަންޑީ ސެޓް ކާމިޔާބު ކުރީ 3-1 ގޭމުންނެވެ. ގޭމްތައް ދިޔައީ 11-4، 12-10، 12-14 އަދި 13-11 އިންނެވެ. ދީމާ ތިން ވަނަ ގޭމުން މޮޅުވި އެވެ.

ދެ ވަނަ ސެޓަށް ނުކުތީ އައިޝަތު ރަފާ ނާޒިމް އެވެ. ލަންކާގެ އިޝާރާ އަތުން ރަފާވެސް ބަލިވީ 3-1 ންނެވެ. އެ ސެޓްގައި ރަފާ ގެންދިޔައީ ދެ ވަނަ ގޭމެވެ. ސެޓް ދިޔައީ 11-6، 10-12، 11-3 އަދި 11-6 ޏްނެވެ.

ތިން ވަނަ ސެޓަށް ނުކުމެ ލައިސާ ފަތުހުﷲ އިސްމާއީލް، ލަންކާގެ ޕްއިސިލާގެ މައްޗަށް ފަހަތުން އަރައި ކުރި ހޯދުމުން ރާއްޖެއަށް އުންމީދެއް ލިބުނެވެ. އޭނާ ގޭމް ހޯދީ 12-10 ންނެވެ. އެހެންނަމަވެސް ދެން އައި ތިން ގޭމް ޕްއިސިލާ ކާމިޔާބު ކުރި އެވެ. އެއީ 11-6، 11-8 އަދި 11-4 ންނެވެ.

ގައުމީ އަންހެން ޓީމަށް މެޑަލް ހަވާލުކޮށް ދެއްވީ، ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އެވެ. މިއަދަކީ ރާއްޖޭގެ ކުޅިވަރުގައި ތާރީހީ ދުވަހެކެވެ. ސައުތު އޭޝިއަން ގޭމްސްގެ 35 އަހަރުވީ ތާރީހްގައި ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ލިބުނު ދުވަހެވެ.

ފިރިހެނުންގެ 100 މީޓަރު ދުވުމުގައި ވާދަ ކޮށް ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ދާއިދު ވަނީ ރަން މެޑަލް ހޯދާފަ އެވެ. ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ހޯދި ފުރަތަމަ މެޑަލަކީ 1984 ވަނަ އަހަރު ފުޓްބޯޅަ ޓީމުން ހޯދި ލޯ މެޑަލް އެވެ.