ސައުތު އޭޝިއަން ގޭމްސް

ލަންކާގެ ޕެއާ ބަލިކޮށް ރަފާ އާއި ދީމާ ކްއާޓާއަށް

ނޭޕާލުން: ހުސައިން ހަބީބު
Dec 4, 2019

އަންހެން ޓީޓީ ޑަބަލްސްގައި، ލަންކާގެ އައިލާ ޗިޓީ އާއި އިރާންޑީ ވަރުސަވިތަނާގެ މައްޗަށް ކާމިޔާބު ހޯދައި، ރާއްޖޭ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީގެ ޕެއާ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޑަބަލްސްގެ މެޗުތައް ކުޅެނީ ހަތް ގޭމަށެވެ. އޭގެ ތެރެއިން ހަތަރު ގޭމް ކާމިޔާބު ކުރާ ޕެއާ މެޗުން މޮޅުވީ އެވެ. ރަފާ އާއި ދީމާ މޮޅުވީ 4-3 ގޭމުންނެވެ. އަންހެން ޑަބަލްސްގައި ރަފާ އާއި ދީމާގެ ޕެއާ ބަލި ކުރި ލަންކާގެ ޗިޓީ އާއި އިރާންޑީގެ ޕެއާ އަކީ ޓީމު އިވެންޓްގެ ސެމި ފައިނަލުގައި ރަފާ އާއި ދީމާ ހިމެނުނު ދިވެހި އަންހެން ޓީމު ބަލި ކުރި ލަންކާ ޓީމުގެ މުހިންމު ދެ ކުޅުންތެރިންނެވެ.

މިއަދުގެ ފުރަތަމަ ގޭމް ރަފާ އާއި ދީމާ ކާމިޔާބު ކުރީ 11-8 ން ނެވެ. ދެ ވަނަ ގޭމުން އެ ދެ ކުޅުންތެރިން ބަލިވީ 11-8 ންނެވެ. އަލުން ތިން ވަނަ ގޭމް ރަފާ ކާމިޔާބު ކުރީ 11-9 ންނެވެ. އިރަންޑީ އާއި ޗިޓީގެ ޕެއާ ޖެހިގެން އިން ގޭމުން މޮޅުވެ ރާއްޖެއަށް ޕްރެޝަރު ކުރި އެވެ. އެ ސެޓް އެ ދެކުޅުންތެރިން ކާމިޔާބު ކުރީ 11-9 ންނެވެ. އަނެއްކާވެސް ގޭމް އެއްވަރުވެ މެޗުގެ ފޯރި ގަދަ ވި އެވެ.

ފަސް ވަނަ ގޭމް 11-5 ން ކާމިޔާބު ކޮށް ރަފާ އާއި ދީމާ ބޮޑު އިތުބާރެއް ހޯދި އެވެ. ޖެހިގެން އައި ގޭމުން މޮޅުވުމާ ވަރަށް ގާތަށް އެ ދެ ކުޅުންތެރިން ދިޔަ އެވެ. ހަޕް ޕޮއިންޓް ސްކޯކޮށް ހަތަރު ޕޮއިންޓްގެ ލީޑެއްވެސް ނެގި އެވެ. އެހެންނަމަވެސް ލަންކާގެ ޕެއާ އެ ގޭމް ކާމިޔާބު ކުރީ ފަހަތުން އަރައި ސްކޯކުރި ޕޮއިންޓްތަކުންނެވެ. އެ ސެޓް ޗިޓީ އާއި އިރާންޑީގެ ޕެއާ ކާމިޔާބު ކުރީ 13-11 އިންނެވެ. ދެ ޕެއާވެސް 3-3 ސެޓް އެއްވަރުމުނުން ދެން ޖެހިގެން އައީ ޑިސައިޑިން ގޭމެވެ. ކޮންމެ ޕެއާއެއް ގޭމް ކާމިޔާބު ކުރި ނަމަވެސް އެ ޕެއާ އެއް މެޗުން މޮޅުވާނެ އެވެ.

އެ ގޭމްގައި ފުރަތަމަ ދެ ޕޮއިންޓް ސްކޯކޮށް ލީޑް ނެގީވެސް ލަންކާގެ ޕެއާ އެވެ. އެހެންމަވެސް ދީމާ އާއި ރަފާ އިތު ހިތްވަރެއްލައި ޕޮއިންޠްތަކެއް ހޯދައި ފުޅާ ލިޑްވެސް ނެގި އެވެ. އެ ގޭމް 11-6 ކާމިޔާބު ކޮށް މެޗު ކާމިޔާބު ކުރި އެވެ.

ފިރިހެން ޑަބަލްސްގައި މޫސާ މުންސިފް އާއި ޒީސްތު ނަސީމްގެ ޕެއާ ބަލިވީ ޕާކިސްތާންގެ ޕެއާ އަތުންނެވެ. އަކިހާރު އާއި މުހައްމަދު ޝައްފާން އިސްމާއީލްގެ ޕެއާ ބަލިވީ ނޭޕާލްގެ ޕެއާ އަތުންނެވެ. އަންހެން ޑަބަލްސްގެ އަނެއް ޕެއާ ކަމަށްވާ ފާތިމަތު ޖުމާނާ ނިމާލް އާއި ލައިސާ ފަތުހުﷲ އިސްމާއީލްގެ ޕެއާ ބަލިވީ ޕާކިސްތާންގެ ޕެއާ އަތުންނެވެ. ކުއާޓާ ފައިނަލުގެ މެޗުތައް އޮންނާނީ ހެދުނު އެވެ.