ސައުތު އޭޝިއަން ގޭމްސްގެ 200 މީޓަރުގެ ހީޓުން ރާއްޖޭގެ އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދު ފައިނަލަށް ދަތުރު ކޮށްފި އެވެ.
ނޭޕާލް ދަސްރަތު ސްޓޭޑިއަމްގައި މިއަދު ބޭއްވި ހީޓު ބުރުން ސާއިދު ރޭސް ނިންމީ ތިން ވަނައިގަ އެވެ. ސާއިދު ވަނީ އިއްޔެ 100 މީޓަރުގެ ފައިނަލުން އެއް ވަނަ ހޯދައި 35 އަހަރުވީ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ހޯދައި ދީފަ އެވެ.
ރާއްޖޭގެ ތާރީހްގައި އުފެދުނު އެންމެ ކާމިޔާބު އެތުލީޓުންގެ ތެރޭގައި ހިމެނޭ ސާއިދުއަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ހޯދައިން އެތުލީޓެވެ.
މިއަދުގެ ރޭސް ސާއިދު ނިންމީ 21.83 ސިކުންތުންނެވެ. އެ ހީތުން އެއް ވަނަ އަށް ދިޔައީ ޕާކިސްތާންގެ ދުވުންތެރިޔާ މުހައްމަދު ޝަހަބާ އެވެ. އޭނާ ރޭސް ނިންމީ 21.64 ސިކުންތުންނެވެ. ދެ ވަނައަށް ދިޔައީ ލަންކާގެ ދުވުންތެރިޔާ ވިނޯޖް ޝުރަންޖަޔާ އޭނާ ރޭސް ނިންމީ 21.70 ސިކުންތުންނެވެ.
ސާއިދު ވާދަކުރާ ފައިނަލް އޮންނާނީ ރާއްޖޭގަޑިން 10:15 ގަ އެވެ.
އެތުލެޓިކްސްގެ މިއަދުގެ ފުރަތަމަ އިވެންޓްގައި 10000 މީޓަރުގައި ވާދަކޮށް ރާއްޖޭގެ ހުސައިން ފަޒީލް ހާރުން ދިޔައީ ހަތް ވަނަ އަށެވެ. އޭނާ ރޭސް ނިންމީ 35:01.7 (35 މިނެޓް 01.7 ސިކުންތު) ންނެވެ.
އެ ރޭހުން އެއް ވަނަ އަށް ދިޔައީ 29:33.61 (29 މިނެޓް 33.61 ސިކުންތު) ން ރޭސް ނިންމި އިންޑިއާގެ ޝުރޭޝް ކުމާރު އެވެ. ދެ ވަނަ އަށް ދިޔައީ ލަންކާގެ ޝަންމުގޭޝްވަރަން އެވެ. ޢޭނާ ރޭސް ނިންމީި 30:49.20 ން ނެވެ. އަންހެން 200 މީޓަރުގެ ހީޓްގައި ރާއްޖޭގެ ހިމްނާ ހަސަން ވެސް ވާދަ ކުރި އެވެ. އެހެންނަމަވެސް ފައިނަލު ބުރަށް ކޮލިފައި ނުވެ އެވެ.