ހަބަރު

"އިދިކޮޅު މެންބަރުން ކުރަނީ އިހުތިޖާޖެއް ނޫން، ފާޅުކުރަނީ އުފާ"

Dec 4, 2019
5

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ކުރަނީ އިހުތިޖާޖެއް ނޫން ކަމަށާއި، މަޖިލީހުގެ ތަޅުމުން ފެންނަމުންދަނީ އުފާ ފާޅުކުރުންކަމަށް މަކުނުދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުުރުމާ ގުޅިގެން މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު މެންބަރުން ގެންދަނީ އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލައި އިހުތިޖާޖު ކުރަމުންނެވެ.

މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓު ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރާއީ ވިދާޅުވީ އިދިކޮޅު މެންބަރުންގެ ފަރާތުން ފެންނަމުންދަނީ މިނިވަންވެފައިވާ އިހުސާސްތަކެއްގެ ތެރެއިން އުފާވެރި ޝުއޫރުތައް ކަމަށެވެ.

ރާއީ އިތުރަށް ވިދާޅުވި ގޮތުގައި ފާއިތުވި ދެ ތިން ދުވަހު އިދިކޮޅުން ނެރުނު ހިތްވަރެއް މިއަދު ނުފެންނާނެ ކަމަށާއި، އިހުތިޖާޖު ކުރާ މެންބަރުންގެ ތެރެއިން ދެ ބޭފުޅަކު ވަނީ "އަރާމުކޮށްލަން" ރާއްޖޭން ބޭރަށް ވަޑައިގެންފައިވާ ކަމަށެވެ.

ހުކުމް ކުރުމުގެ ކުރިން، އެމަނިކުފާނު ނެތް ނަމަވެސް، "މިނިކާ ބާޒުތައް" ޕާޓީގެ ތެރެއަށް ވަނަނުދިނުމަށް ރައީސް ޔާމީން ކުރެއްވި ވަސިއްޔަތަށް އިޝާރާތް ކުރައްވާ، ރާއީ ވިދާޅުވި ގޮތުގައި ރައީސް ޔާމީން އިޝްރާތް ކުރެއްވި "މިނިކާ ބާޒުތައް" މަޖިލީހުގެ ތަޅުމުން ފެންނަމުންދާ ކަމަށެވެ.

"އެ ވިދާޅުވާ މިނިކާ ބާޒު ވަރަށް އަވަހަށް ފެނިގެންދާނެ،" ރާއީ ވިދާޅުވި އެވެ.

އަދި ޕީޕީއެމްގެ ރައީސްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގެންނަން ފެނިވަޑައިގަންނަވާކަމަށްވެސް އޭނާ މިއަދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާ އަދި ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވާފައިވަނީ އިންސާފުން ބޭރުން ކަމަށް ވިދާޅުވެ އެމަނިކުފާނު މިނިވަން ކުރުމަށް އިދިކޮޅު މެންބަރުން މަޖިލީހުގައި ވަނީ ގޮވާލާފައެވެ. އިއްޔެގެ ވޯޓް ގަޑީގައި ޕީޕީއެމް/ޕީއެންސީ މެންބަރުން ވަނީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެން މަޖިލީހުގައި އަޑުއުފުލާފަ އެވެ.

އިހުތިޖާޖުތަކާ ގުޅިގެން އިދިކޮޅު ހަތް މެންބަރުންގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ވަނީ ނެރެފަ އެވެ.