ސައުތު އޭޝިއަން ގޭމްސް

200 މީޓަރުން ސާއިދުއަށް ބުރޯންޒް މެޑަލް

ނޭޕާލުން: ހުސައިން ހަބީބު
Dec 4, 2019
2

ސައުތު އޭޝިއަން ގޭމްސްގެ 200 މީޓަރުގެ ރޭހުން ރާއްޖޭގެ ހަސަން ސާއިދު ބްރޯންޒް މެޑަލް ހޯދައިފި އެވެ.

މި ގޭމްސްގެ 35 އަހަރުވީ ތާރީހްގައި ރާއްޖެއަށް ފުރަތަމަ ރަން މެޑަލެއް އިއްޔަ ހޯދައިދިން ސާއިދު މިފަހަރުގެ ގޭމްސްގައި ރާއްޖެއަށް އެ ހޯދައިދިނީ ދެ ވަނަ މެޑަލް އެވެ. ނޭޕާލް ދަސްރަތު ސްޓޭޑިއަމްގައި ހީޓު ބުރު ބޭއްވިތާ ކުޑަ އިރުކޮޅެއް ފަހުން ބޭއްވި ފައިނަލު އިވެންޓްގެ ރޭހުން އެއް ވަނަ އަށް ދިޔައީ، ހީޓު ބުރުގައިވެސް އެއް ވަނަ ހޯދި ޕާކިސްތާންގެ އުޒައިރު ރަހްމާން އެވެ.

ސާއިދު ރޭސް ނިންމީ، 21.22 ސިކުންތުންނެވެ. ސިކުންތުންނެވެ. ދެ ވަނައަށް ދިޔައީ ލަންކާގެ ދުވުންތެރިޔާ ވިނޯޖް ޝުރަންޖަޔާ އެވެ. އެއް ވަނަ އަށް ދިޔަ އުޒައިރު ރަހްމާން ރޭސް ނިންމީ 21.15 ސިކުންތުންނެވެ. ސުރަންޖަޔާ ރޭސް ނިންމީ 21.19 ސިކުންތުންނެވެ. ހީޓްގައި ސާއިދު ރޭސް ނިންމީ 21.83 ސިކުންތުންނެވެ.

މިފަހަރުގެ ގޭމްސްގައި ރާއްޖެއިން މިހާތަނަށް ވަނީ ދެ ތިން މެޑަލް ހޯދާފަ އެވެ. އެއީ ޓޭބަލް ޓެނިސް ޓީމުން ހޯދި ބްރޯންޒް މެޑަލް އާއި އިއްޔަ ސާއިދު ހޯދި ރަން މެޑަލްގެ އިތުރުން މިއަދު ހޯދި މެޑަލް އެވެ.

އެތުލެޓިކްސްގެ މިއަދުގެ ފުރަތަމަ އިވެންޓްގައި 10000 މީޓަރުގައި ވާދަކޮށް ރާއްޖޭގެ ހުސައިން ފަޒީލް ހާރުން ދިޔައީ ހަތް ވަނަ އަށެވެ. އޭނާ ރޭސް ނިންމީ 35:01.7 (35 މިނެޓް 01.7 ސިކުންތު) ންނެވެ.

އެ ރޭހުން އެއް ވަނަ އަށް ދިޔައީ 29:33.61 (29 މިނެޓް 33.61 ސިކުންތު) ން ރޭސް ނިންމި އިންޑިއާގެ ޝުރޭޝް ކުމާރު އެވެ. ދެ ވަނަ އަށް ދިޔައީ ލަންކާގެ ޝަންމުގޭޝްވަރަން އެވެ. ޢޭނާ ރޭސް ނިންމީި 30:49.20 ން ނެވެ. އަންހެން 200 މީޓަރުގެ ހީޓްގައި ރާއްޖޭގެ ހިމްނާ ހަސަން ވެސް ވާދަ ކުރި އެވެ. އެހެންނަމަވެސް ފައިނަލު ބުރަށް ކޮލިފައި ނުވެ އެވެ.