ހަބަރު

މީގެ ފަހުން ބިން ދޫކުރެވޭނީ ޕްލޭނިންގެ ހުއްދައާއެކު

ކައުންސިލް އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުންނަ ބޮޑެތި ބިންތަކާއި ދިގު މުއްދަތަށް ދޫކުރާ ބިންތައް ދޫކުރުމުގެ ކުރިން ޕްލޭނިން މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

މި ގަވާއިދުގެ ދަށުން މީގެ ކުރިން ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރީ ރަށްރަށުގެ އޮފީސް ނުވަތަ ކައުންސިލް އިދާރާތަކުންނެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ސަރުކާރުން ވަނީ މި ބިންތައް ދޫކުރުން ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އެއްވެސް ބިމެއް 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ދޫކުރާނަމަ ދޫކުރަންވާނީ ޕްލޭނިންގެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ރަށަކުން 10،000 އަކަފޫޓަށްވުރެ ބޮޑު ބިމެއް ސަރުކާރުގެ އިދާރާއެއްގެ ބޭނުމަކަށް ވެސް އަދި އަމިއްލަ ފަރާތެއްގެ ބޭނުމަކަށް ވެސް ދޫކުރެވޭނީ މިނިސްޓްރީގެ މަޝްވަރާއާއި ހުއްދަޔާއެކު، ބިމާބެހޭ ކަންކަން ބަލަހައްޓާ ސަރުކާރުގެ ވުޒާރާއަކުން ކަމަށްވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

މި ބަދަލާއެކު ކައުސިލްގެ ބެލުމުގެ ދަށުން މިހާރު އެއްވެސް ބިމެއް ދޫނުކުރެވޭނެ އެވެ. އަދި މިއީ ކައުންސިލްތަކަށް ބިން ދޫކުރުމަށް ލިބުނު ލުއިފަސޭހަ އެކެވެ.