ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ދުވުންތެރިޔާ ހަސަން ސާއިދަށް މާބޮޑު ކާމިޔާބެއް ނުލިބުނެވެ. ރީޔޫނިއަންގައި 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މީޓަރުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނުމުން މި އަހަރުގެ ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސާއިދު އާ މެދު އުންމީދުތަކެއް ހުއްޓެވެ.
އެ ގޭމްސްގައި ސާއިދު ފަނޑުވެ، ވިދައި ގަތީ އެހެން ކުޅުންތެރިންނެވެ. އެ ގޭމްސްގައި ދިވެހިން ބޭނުންވި ކާމިޔާބު ސާއިދަށް ނުލިބުމުން ގިނަ ބަޔަކަށް އެކަން އަޅައިގެނެ އެ ވާހަކަ ދެއްކި އެވެ. ސާއިދު ދަށް ވެއްޖެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފާޑު ކިޔާފައިވެސް ހުއްޓެވެ. އެހެންނަމަވެސް އެއިން އެއްވެސް އެއްޗަކާ މެދު މީޑިއާގައިވެސް ސާއިދު ވެސް އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ބޭފުޅަކުވެސް ޖަވާބެއް ނުދެ އެވެ.
ސާއިދު ފަނޑުވީ އެއް ނޫނެވެ. އޭނާ މިހެދީ މާ ވަރުގަދަ ކަމްބެކެވެ. ކުޅިވަރު ދަނޑުތަކާއި ކޯޓްތަކުގައި ޓްރެކުތަކުގައި ކަމްބެކް އެކި ފަހަރު އެކި ގޮތަށް ފެންނަ ކަމެކެވެ. ސާއިދު ކަމްބެކު މިވީ ދިވެހި ކުޅިވަރު ތާރީހް ބަދަލު ކޮށްލި ކާމިޔާބަށެވެ. ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް އުފަންވި ގައުމުގައި އޭގެ 35 އަހަރު ފަހުން ރާއްޖެއަށް މި ގޭމްސްގައި ފުރަތަމަ ރަން މެޑަލް ހޯދައި ދީނީ އެވެ.
ރަން މެޑަލްއަކަށް ދިވެހިން އުންމީދު ކުރީވެސް 1984 ވަނަ އަހަރުގެ ސާފް ގޭމްސްގައި ގައުމީ ފުޓްބޯޅަ ޓީމުން ހޯދި ލޯ މެޑަލް އާއެކު އެވެ. އޭގެ ފަހުން އެތައް ފަހަރަކު އެހެން ކުޅިވަރުތަކުންވެސް އެކަމަށް މަސައްކަތް ކޮށް އެ ތާރީހް އަނބުރާލުމަށް މަސައްކަތް ކުރި އެވެ. މިދިޔަ އަންގާރަ ދުވަހާ ހަމައަށް އެކަން އޮތީ ހާސިލު ނުވެ އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސާއިދު ފަނޑުވުމުން، ފާޑު ކިޔުން އޮއްސާލި އެންމެންނަށް އޭނާ ޖަވާބު ދިނީ ގައުމީ ހަޔަތުގައި ހޯދި އެންމެ ޝަރަފުވެރި މެޑަލް އަކާއެކު އެވެ. ސައުތު އޭޝިއަން ގޭމްސްއިން މެޑަލްއަކާ ވަރަށް ގާތަށް ދެވުނު ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލް ބުނީ، ފާޑު ކިޔުން މޯޓިވޭޝަނެއްގެ ގޮތުގައި ބަދަލު ކޮށްލުމަކީ ހަރުދަނާ އެތުލީޓެއްގެ އެންމެ ބޮޑު ސިފަ ކަމަށެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފަނޑުކަން ސާއިދު ބޭނުން ހިފީ މޯޓީވޭޝަނެއްގެ ގޮތުގައެވެ.
މިފަހަރުގެ ގޭމްސްގެ 200 މީޓަރުން ބްރޯންޒް މެޑަލްވެސް ހޯދުމަށް ފަހު ސާއިދު ބުނީ، އޭނާ ޓާގެޓް ކުރީ 100 މީޓަރަށް ކަމަށާއި އެ ކެޓަގަރީއަށް ހާއްސަކޮށްގެން ހެދި ޓްރޭނިންތަކުން 200 މީޓަރުގައިވެސް ރަނގަޅު ފައިޓެއް ދެވޭނެ ކަމަށް ގަބޫލު ކުރެވުނު ކަމަށެވެ. އެ ކެޓަގަރީން ރަން މޭޑަލް ހޯދި ޕާކިސްތާންގެ ދުވުންތެރިޔާ އާ އަދި ރިހި މެޑަލް ހޯދި ލަންކާގެ ދުވުންތެރިޔާއާވެސް ވަރަށް ގާތަށް ސާއިދު ދިޔަ އެވެ.
އޭނާ މިއަދު ބުނީ، އެތުލީޓަކު އަބަދު އެއްވަރެއްގައި ނުހުންނާނެ ކަމަށެވެ. ބަލިވާ ވަގުތު ތަކާއި މޮޅުވާ ވަގުތުތައް އެއީ އެތުލީޓެއްގެ ހަޔާތުގައި އޮންނަ ދެބަ އެވެ. އެއީ ފަނޑުވުމެއް ނޫނެވެ. އޭނާ މިސާލަކަށް ދެއްކީ ބާރު ދުވުންތެރިޔާ ޖަމައިކާގެ އުސައިން ބޯލްޓް އެވެ. ފަނޑެއް ނުވެ އެެވެ. ސާއިދޫ ހެދީ ވަރުގަ ކަމެބެކެވެ. އެ ކަމްބެކްވީ ދިވެހި ކުޅިވަރުގެ ތާރީހް ބަދަލު ކޮށްލި އެނބުރި އައުމަށެވެ.