ވިޔަފާރި

ރިސޯޓު ތަރައްގީ ކުރަން ނަގާފައިވާ ފަޅެއް ވިއްކާލަނީ

ރިސޯޓު ތަރައްގީ ކުރަން، މާލެ އަތޮޅުން ދޫކޮށްފައިވާ ފަޅެއް ވިއްކާލަން، ނިންމައި މައްސަލައެއް އޮތޯ ބަލަން އިއުލާނުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް މިނިސްޓްރީއިން ކުއްޔަށްދޫކޮށްފައިވާ ކ. އަތޮޅު ފަޅު ކުއްޔަށް ދިނުމާ ބެހޭ ލީސް އެގްރީމަންޓްގެ ދަށުން އެތަން ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެދިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ފަރާތްތަކުން އެކަމަށް ހުށަހަޅުއްވާފައިވާތީ، އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ މި އިއުލާން ރާއްޖޭގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެންގުމަށް އެދޭ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ވިއްކާލަން އިއުލާނުކޮށްފައިވަނީ ބަރޮސް މޯލްޑިވްސް ރިސޯޓު ކައިރީގައި އޮންނަ ފަޅެކެވެ. މި ފަޅު ކުއްޔަން ދޫކޮށްފައިވަނީ އޭޖީ ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށެވެ. ނަމަވެސް އެ ކުންފުނިން މި ފަޅު ވިއްކާލަނީ ކޮން ފަރާތަކަށް ކަމެއް އެނގިފައެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 140 އަށްވުރެ ގިނަ ޓޫރިޒަމް މަޝްރޫއު ހިންގަމުންދެ އެވެ.