ސައުތު އޭޝިއަން ގޭމްސް

ފައިނަލަށް ދަތުރުކޮށް ހިމްނާ ރަނގަޅު ވާދައެއް

ސައުތު އޭޝިއަން ގޭމްސްގެ އަންހެން 400 މީޓަރުން ފައިނަލަށް ދަތުރުކޮށް އެ ކެޓަގަރީގައި ރާއްޖޭގެ ޒުވާން ދުވުންތެރިޔާ ހިމްނާ ހަސަން ރަނގަޅު ވާދައެއް ކޮށްފި އެވެ.

އިއްޔެ އަންހެން 200 މީޓަރުގެ ހީޓްގައި ހިމްނާ ވާދަ ކުރި އެވެ. އެ އެކެޓަގަރީން އޭނާއަށް ކުރިމަތިވީ ނާކާމިޔާބެވެ. މިއަދު ބޭއްވި 400 މީޓަރުގެ އިވެންޓްވީ 200 މީޓަރުގެ ރޭހަށް ވުރެ މާ ބުރަ އަދި އުނދަގޫ ކެޓަގަރީ އަކަށެވެ. އެހެންނަމަވެސް ހިމްނާގެ މަސައްކަތް އޭނާ ފޯކަސް ކުރީ ކޮންމެ ދުވަހަކީ ތަފާތު ދުވަހެއް ކަމަށް ދެކިގެންނެވެ.

އިއްޔެއަށް ވުރެ މާ އުނދަގޫ ކޮށް މިއަދު އޮތް 400 މީޓަރުގެ ރޭހުން ފައިނަލަށް ދެވުމަކީ ކާމިޔާބެކެވެ. ހިމްނާ ފައިނަލަށް ދަތުރު ކުރީ ވާދަކުރި ހީޓު ދޭކުން ހަތަރު ވަނަ ހޯދައިގެންނެވެ. އޭނާ ރޭސް ނިންމީ 1:01.03 (އެއް މިނެޓް 1.3 ސިކުންތުން) ރޭސް ނިންމައިގެންނެވެ. ފައިނަލުގެ ޖާގަ އޭނާ ކަށަވަރު ކުރީ ހީޓް ދުވި ގޭމްސް ހޯސްޓް ކުރާ ގައުމު ނޭޕާލްގެ އަރުނާ ރިޖާލްއަށް ވުރެ އަވަހަށް ރޭސް ނިންމާފައި ވުމުންނެވެ. އަރޫނާ ރޭސް ނިންމީ 1.03.13 ންނެވެ.

ހިމްނާ ވާދަ ކުރި ހީޓުން އެއް ވަނަ ހޯދީ 55.82 ސިކުންތުން ރޭސް ނިންމި ލަންކާގެ ދިލްޝާ މަހީޝާ އެވެ. ދެ ވަނަ ހޯދި އިންޑިއާގެ ވިޖުޔާ ކުމާރީ ރޭސް ނިންމީ 57.23 ސިކުންތުންނެވެ. ތިން ވަނަ ހޯދީ ބަންގުލަދޭޝްގެ ސުމީ އަހްތަރު އެވެ. އޭނާ ރޭސް ނިންމީ 59.76 ސިކުންތުންނެވެ.

ހީޓަށް ފަހު ގަޑިއެއްހާއިރު ތެރޭ ބޭއްވި ފައިނަލުގައި ހިމްނާ ރޭސް ނިންމީ 1.02.25 ސިކުންތުންނެވެ. ވާދަ ކުރި އަށް ބައިވެރިންގެ ތެރެއިން ހަތް ވަނަ އަށެވެ. ބަނގުލަދޭޝްގެ ޝަބިއްޔާ އަލް ސޯހާ އަށް ރޭސް ނުނިންމުނެވެ.

ފައިނަލުގައި އެއް ވަނަ ހޯދައި ރަން މެޑަލް ހާސިލު ކުރީ، ހީޓް ބުރުގައި ހިމްނާ އާއެކު ދުވެ އެއް ވަނަ ހޯދި ލަންކާގެ ދިލްޝާ މަހީޝާ އެވެ. އޭނާ ރޭސް ނިންމީ 53.40 ތިން ސިކުންތުންނެވެ. ދެ ވަނަ ހޯދީ 54.31 ން ރޭސް ނިންމި އިންޑިއާގެ ޕްރިޔާ ހައްބަތާން އެވެ. ތިން ވަނަ ހޯދީ ޕާކިސްތާންގެ ސާހިބް އަޝްރާ އެވެ. އޭނާ ރޭސް ނިންމީ 54.58 ސިކުންތުންނެވެ