ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ބޫޓާނުން ތާރީހީ މޮޅެއް ހޯދައިފި އެވެ.
މިއަދުގެ މެޗަކީ ރާއްޖޭގެ 20 އަހަރުން މަތީގެ އުމުރުފުރާގެ ޓީމެއް ބޫޓާން އަތުން ބަލިވި ފުރަތަމަ މެޗެވެ. ކުރިން ކުޅުނު ދެ މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނު ޖޯޝެއް މިއަދުގެ މެޗަކުން ނުފެނުނެވެ.
ދެ ވަނަ ހާފު ބޫޓާނުން ކުޅުނީ ވަރަށް ރަނގަޅަށް ޑިފެންސް ކޮށްގެންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 53 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޝިމީ ޑޯޖީ އެވެ. އެ ޓީމުން ނެގި ކޯނަރު އޭނާ ބޮލުން ފޮނުވާލީ ރާއްޖޭގެ ގޯލްގެ ތެރެއަށެވެ.
ބޫޓާނުން ދެ ވަނަ ހާފުގައި ރަނގަޅަށް ކުޅުނު އިރު، ފުރަތަމަ ހާފުގައި ރާއްޖެއިން ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. އެހެންނަމަވެސް ގޯލަށް ފޮނުވާލާނެ އެދެވޭ ފުރުސަތެއް ރާއްޖޭގެ ކުޅުންތެރިންނަކަށް ނުހޯދުނެވެ.
ބޫޓާނުގެ ދެ ވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕުބީ ތީންލީ އެވެ. އޭރިއާގެ ބޭރުން ތިރިތިރިން އޭނާ އެ ބޯޅަ ރާއްޖޭގެ ގޯލްގެ ތެރެއަށް ފޮނުވާލިރު ދިވެހި ޑިފެންސް އޮތީ ރޫޅިފަ އެވެ.
އޭގެ ކުރިން ބޫޓާންގެ އެންމެ މުހިންމު ފޯވަޑް ޗެންޗޯ ގިއެލްޝަންއަށްވެސް ހުސް ފުރުސަތެއް ލިބުނެވެ. ކެޕްޓަން އަކުރަމް ފަސް ދީފައި ލިބުނު ބޯޅަ ޗެންޗޯއަށް ހުސްކޮށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން އުޅުނު ނަމަވެސް ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް އެ ބޯޅަ ދިފާއު ކޮށް ކޯނަރަކަށް ބޭރު ކޮށްލީ އެވެ.
މެޗުގެ 90 ވަނަ މިނެޓްގައި ރާއްޖެއިން ހަމްޒާ މުހައްމަދު (ހަމްޕު) ލަނޑު ޖެހިނަމަވެސް ރާއްޖެއަށް ކުރަން ޖެހޭ މަސައްކަތް އޮތީ މާ ބޮޑު ކޮށެވެ. މެޗުގެ އެންމެ ފަހު ވަގުތުގައި ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
މެޗުން ބަލިވުމުން މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު ރާއްޖޭގެ ޓީމަށް ވަނީ ގެއްލިފަ އެވެ. ބޫޓާނުން މިހާތަނަށް ހަ ޕޮއިންޓް ހޯދާފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލުން ވަނީ ހަތަރު ޕޮއިންޓް ހޯދާފަ އެވެ. ރާއްޖެއަށް ކުރިއަށް އޮތް މެޗުގައި ނޭޕާލް ބަލި ކުރެވުނަސް ފަހު މެޗުގައި ނޭޕާލް އާއި ބަންގުލަދޭޝް ކުޅޭ މެޗުން ނޭޕާލް ބަލިވާން ޖެހޭނެ އެވެ.