ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކެޑޭޓް ކޭންޕަށް ރައީސް ޒިޔާރަތްކުރައްވައިފި

ގައުމީ ކެޑޭޓް ކޯ ގެ ސުޕްރީމް ކޮމާންޑަރާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ގައުމީ ކެޑޭޓް ކޭންޕަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ކޭންޕް ކުރިއަށްދާގޮތް ބައްލަވާލައްވައި، ކޭންޕުގެ ތެރެއިން ކެޑޭޓުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ބައެއް ކްލާސްތައް ކުރިޔަށްދާގޮތް ވެސް ބައްލަވާލެއްވިއެވެ.

މިއަހަރުގެ ގައުމީ ކެޑޭޓް ކޭންޕު ކުރިއަށް ދަނީ މިމަހުގެ އެކަކުން 12 އަށް އެމްއެންޑީއެފްގެ ގިރިފުށީ ޓްރެއިނިން ސެންޓަރުގައެވެ.

މި ކޭންޕުގައި 32 ސްކޫލަކުން 118 ދަރިވަރުން ބައިވެރިވެއެވެ.

މީގެ އިތުރުން، އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭޖް ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ކޭންޕުގައި ހަތަރު ގައުމަކުން 16 ކެޑޭޓުންނާއި ހަތަރު އޮފިސަރުން ބައިވެރިވާނެވެ.

އެ ގައުމުތަކަކީ، ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލެވެ.

ރައީސްގެ އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.