ދިރާގު

ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ޝަރަފްވެރި އެވޯޑެއް

އޭޝިއާގެ ކުޅިވަރު އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ އެސްޕީއައިއޭ އޭޝިއާ އެވޯސްޑްގެ "ބެސްޓް ޔޫސް އޮފް ޓެކްނޮލޮޖީ އިން ސްޕޯޓްސް" ކެޓަގަރީން ބްރޯންޒް އެވޯޑް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުމުގެ ހަރަކާތް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަށް ލިބިއްޖެ އެވެ.

އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއި ދުނިޔޭގެ ތަރިންނާ އެކު 600 އަށް ވުރެ ގިނަ ޑެލިގޭޓްސް ބައިވެރިވި މި އެވޯޑް ހަފުލާ އޮތީ ސައުތު އީސްޓް ގޭމްސްގެ ރަސްމީ ހަރަކާތްތަކުގެ ހަވާސާގައި، ޑިސެމްބަރު ދެއަކުން ތިނަކަށް ފިލިޕީންސްގެ ވެރިރަށް މެނީލާގެ ގްރޭންޑް ހަޔާޓް މެނީލާ ހޮޓަލުގައެވެ.

އޭޝިއާގެ ލީޑިން ސްޕޯޓްސް ބިޒްނަސް ކޮންފަރެންސް އަދި އެވޯޑް ޕްލެޓްފޯމުގެ މި ޝަރަފްވެރި އެވޯޑްސްގެ އެކި ކެޓަގަރީތަކަށް ދިރާގުގެ އިތުރުން އޭޝިއާގެ 47 ގައުމަކުން ފައްސަތޭކައެއްހާ ނޮމިނޭޝަންސް ހިމެނުނެވެ. އެވޯޑް ތަކަށް ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބައިނަލް އަގުވާމީ ބޮޑެތި ދުވުންތަކާއެކު ވަނީ ވާދަކޮށްފައިއެވެ. ހުރިހާ ކެޓަގަރީއެއްގެ ދުވުންތައްވެސް އިންސާފުކޮށްފައިވަނީ ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރު ޖަޖިން ޕެނަލް އަކުން ބައިނަލްއަގުވާމީ ކުޅިވަރު އެވޯޑް ތަކުގެ މިންގަޑުތަކަށް ފެތޭގޮތަށް ދިރާގުން ބުނެއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް ނޮމިނޭޓްވި ދާއިރާތައް

  • ބެސްޓް ސްޕޯޓްސް ފޭން އެންގޭޖްމަންޓް ކެމްޕެއިން އޮފް ދަ އިޔާ
  • ބެސްޓް އިންޓަގްރޭޓެޑް މާކެޓިން ކެމްޕެއިން ފޮ އަ ސްޕޯޓިން އިވެންޓް
  • ބެސްޓް ސްޕޯޓްސް ސީއެސްއާރް އިނީޝިއޭޓިވް އޮފް ދަ އިޔާ
  • ބެސްޓް ސްޕޯޓްސް ޓޫރިޒަމް ޑެސްޓިނޭޝަން ކެމްޕެއިން އޮފް ދަ އިޔާ

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2019 އަކީ 5ގީ/އައިއޯޓީ ބޭނުންކޮށް ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް ބޭއްވާ އެންމެ ބޮޑު އަދި ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގްވާމީ ރޭހެވެ. ރޭހުގައި ބައިވެރިވާން ރެޖިސްޓަރާ ކުރާ ހިސާބުންފެށިގެން ރޭސް ނިންމުމާ ހަމައަށް ދިރާގުން ދަނީ ދުވުންތެރިންނަށް ޑިޖިޓަލް ވަސީލަތްތަކުން ލުއިފަސޭހަތަށް ފޯރުކޮށްދެމުންނެވެ. އެގޮތުން ދިރާގުން ވަނީ މި ރޭހަށް ހާއްސަ ކޮށްގެން މޮބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފު ކޮށްފައެވެ.

މީގެ އިތުރުން، މިއަހަރުގެ ރޭހުގައި ދިރާގުން ވަނީ ސައުތު އޭޝިއާގައިވެސް އަލަށް 5ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް މި ރޭސް ޓީވީ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާފައެވެ.

ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރު މަހުމޫދް ދައްސަރު ވިދާޅުވީ އެސްޕީއައީއޭ ފަދަ މި ސަރަހައްދުގެ ކުޅިވަރު އިވެންޓްތަކުގެ އެވޯޑް ޕްލެޓްފޯމެއްގައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މިފަދަ ކާބިޔާބީއެއް ލިބުމަކީ ދިރާގާއި މުޅި ރާއްޖެއަށްވެސް ލިބޭ ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށެވެ. އަދި އޭޝިއާގެ ގަދަ 10 ކުޅިވަރުގެ ހަރަކާތްތަކާއި ބްރޭންޑްތަކާ އެކު ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މިފަދަ ކާމިޔާބީއެއް ލިބިގެން ދިޔުމަކީ ރޭހަށް ހާސިލްކުރެވުނު ވަރަށްވެސް ބޮޑު އަދި މުހިންމު ލަނޑުދަޑި އެއްކަމަށެވެ.

މަހުމޫދު އިތުރަށް ވިދާޅުވީ ހާސިލް ކުރެވުނު މި އެވޯޑަކީ މި އިވެންޓުގައި ހަރަކާތްތެރިވާ ދިރާގުގެ ޓީމްތަކުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރޭސް އިތުރަށް ފުރިހަމަ ކުރަން ކެނޑިނޭޅިކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށާއި އަދި އަންނަ އަހަރުގެ އިވެންޓް އިތުރަށް ފުރިހަމަކުރުމަށް ޓީމްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިއްވަރެއް ވެސް ކަމަށެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވެމުން އަންނަ ދުވުމެކެވެ. އެގޮތުން 2018 ވަނަ އަހަރު އިޖުތިމާއީ ހަރަކާތްތަކަށް ބިނާކޮށް، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓެންސް (އެއިމްސް) އިން ދޭ ބައިނަލްއަގުވާމީ ސޯޝަލް އެވޯޑްގެ ގަދަ ތިނެއްގައި ވެސް މި ރޭސް ވަނީ ހިމެނިފަ އެވެ.