އެމްއާރުއެމް

ކައުންސިލް އިންތިހާބުގައި ގިނަ އަންހެނުން ވާދަކުރުމަށް ގޮވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވީހާވެސް ގިނަ އަންހެނުން ވާދަކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ.

އެ ޕާޓީން މިކަމަށް ގޮވާލާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން، ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ވަކި ނިސްބަތެއް ކަނޑައެޅިގެން ދިއުމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައެވެ.

އެމްއާރްއެމުން ބުނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަކީ ކޯލިޝަނުން ވެފައިވާ ވައުދެއް ކަމަށާ އިއްޔެ ފާސްކުރެވުނު ބިލުގައި އަންހެނުންނަށް ޚާއްސަކޮށް 33 އިންސައްތަ ކަނޑައެޅިވާ ކަމަށެވެ.

"މި މަސައްކަތް ކޮށްދެއްވިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް މި ޕާޓީގެ ފަރާތުން ޝުކުރު ދަންނަވަން."

އެޕާޓީން ބުނީ ކައުންސިލުތަކަށް އިންތިޚާބުކުރެވޭ މެންބަރުންގެ ތެރެއިން 33 އިންސައްތަ ޚާއްސަކުރަންވާނީ އަންހެނުންނަށް ކަމަށް ގާނޫނުގައި ކަނޑައެޅި ފާސްވެގެން ދިއުމަކީ، ދިވެހި އަންހެނުން ސިޔާސި މައިދާނުގައި ހަރަކާތްތެރިވެ ބަސްބުނުމަށް އިތުރު ފުރުސަތު ހޯދައި ދިނުމަށް އެޅިގެން ދިޔަ ބިންގަލެއް ކަމަށެވެ.

"މި ބިލު ފާސްވެގެން ދިއުމުގެ މި އުފާވެރި ދުވަހު، އެމްއާރްއެމް އިން އުންމީދުކުރަނީ، ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގައި ގިނަ އަންހެނުންގެ ބައިވެރިވުމާއި އަދި މުހިންމު ކަންކަން ނިންމުމުގައި، އަންހެނުން ކުރީ ސަފުގައި ފެނިގެން ދާނެކަމަށް. އެހެންކަމުން، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ގިނަ އަންހެން ބޭފުޅުން ވާދަ ކުރެއްވުމަށް މިޕާޓީން ގޮވާލަން. މިޕާޓީން އަބަދުވެސް ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރި ވުމަށް ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރާނެ. އެގޮތުން އެމްއާރްއެމް ގެ އަސާސީ ގަވާއިދުގައި، ޕާޓީގެ ހުރިހާ ކޮމެޓީތަކުގައި 50 އިންސައްތަ އަންހެނުން ތިބެން ޖެހޭނެ ކަމަށް ކަނޑައެޅިފައިވާ ކަން މިފުރުސަތުގައި ފާހަގަކުރަން." އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

ކައުންސިލުތަކަށް އިންތިޚާބުކުރެވޭ މެންބަރުންގެ ތެރެއިން 33 އިންސައްތަ ޚާއްސަކުރަންވާނީ އަންހެނުންނަށް ކަނޑައެޅުމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އަންހެނުން ވަކި އަދަދެއްގެ ކަނޑައެޅުމާ ދެކޮޅަށް ބައެއް އާންމުންވެސް ވަނީ ޝުއޫރުފާޅުކޮށްފައެވެ.