ސައުތު އޭޝިއަން ގޭމްސް

އަހަންނަށް މައާފު ކުރޭ: ޝެގަޓް

ސައުތު އޭޝިއަން ގޭމްސްގައި އިއްޔެ ބޫޓާން އަތުން މޮޅު ނުވެވުމުން މައާފަށް އެދޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

އިއްޔެގެ މެޗަކީ ރާއްޖޭގެ 20 އަހަރުން މަތީގެ ޓީމެއް ބޫޓާން އަތުން ބަލިވި ފުރަތަމަ މެޗެވެ. ސައުތު އޭޝިއަން ގޭމްސްގެ ފުރަތަމަ މުބާރާތުގައި 1984 ވަނަ އަހަރު ރާއްޖެއިން ލޯ މެޑަލް ހޯދީ ބުޓާން ބަލި ކުރުމަށް ފަހު އެވެ، އެ ދުވަހުން ފެށިގެން އިއްޔެ އާ ހަމައަށް ބޫޓާން އަތުން 20 އަހަރުން މަތީގެ ޓީމެއް ބަލިވެފައެއް ނުވެ އެވެ.

އިއްޔެގެ މެޗަށް ފަހު ވާހަކަ ދައްކަމުން ޝެގަޓް ބުނީ ކުޅުންތެރިންގެ ފަރާތުން މެކްސިމަމް ފެނިގެން ދިޔަ ކަމަށާއި މައްސަލައަކީ ރާއްޖެއަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުން ކަމަށެވެ. އަދި ރާއްޖެ ކުޅޭ ސްޓައިލްގެ ގޮތުން ހަތަރު ދުވަހުން ތިން މެޗު ކުޅުމަކީ ކުޅުންތެރިނަށް ކުރެވޭނެ ކަމެއް ނޫންކަން ފާހަގަ ކުރި އެވެ.

މިދިޔަަ އަހަރު މާޗް މަހު ރާއްޖޭގެ ކޯޗް ކަމާ ހަވާލުވެ، ޝެގަޓްގެ އޮފިޝަލް ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމުން ކުރިމަތިލީ ބޫޓާން އާއެކު އެވެ. އޭޝިއަން ކަޕް ކޮލިފިކޭޝަން ފަހު މެޗުގައި ނާއިޒު ހަސަން (ދާދު) ގެ ހަތަރު ލަނޑާއެކު މާލޭގައި ކުޅެ ބޫޓާން ބަލި ކުރީ 7-0 އިންނެވެ. އެއީ ރާއްޖެއިން މިހާތަނަށް ބޫޓާން އާ ދެކޮޅަށް ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާވެސް މެއެވެ.

ސައުތު އޭޝިއަން ގޭމްސްގައި ނެރެމުންދާ ނަތީޖާ ތަކުން މިހާރު އޭނާ އަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. ކޯޗުންނާއި ފުޓްބޯޅައިގައި މަސައްކަތް ކުރާ އެކި ފަރާތްތަކުގެ ފާޑު ކިޔުން އަމާޒުވެފައި ވުމުން އޭނާ މަގާމާ މެދުވެސް ވަނީ ސުވާލު އުފެދިފަ އެވެ.

ބޫޓާން އާއެކު ބޮޑު މޮޅަކުން ފެށިއިރު އޭނާ ނިންމާލީ ބޫޓާން އަތުން ބަލިވެގެންނެވެ. އެކަން ފާހަގަކޮށް ދިވެހި މީޑީއާތަކުން ސުވާލު ކުރުމުން ޝެގަޓް ބުނީ، ސީނިއާ ޓީމާއި ޒުވާން ޓީމަކާ އަޅުވާ ނުކިޔޭނެ ކަމަށެވެ.

"ޒުވާން ކުޅުންތެރިންގެ ޑިވްލަޕްމެންޓް ދާނީ އެކިފަހަރު އެކިވަރަށް ބައެއް ފަހަރު ވަރަށް ދަށް މެޗެއްވެސް ހިނގައި ދާނެ، އަނެއް ބައި ފަހަރު ވަރަށް މޮޅަށްވެސް ކުޅެފާނެ،" ޝެގަޓް ބުންޏެވެ. "އެހެންވީމަ އޭ ނެޝަނަލް ޓީމާއި [ސީނިއާ ޓީމު] ޒުވާން ޓީމާ އަޅުވާ ނުކިޔޭނެ."

އޭނާ ބުނީ، ޓާގެޓަކަށް ހަދައިގެން އައީ މުބާރާތް ކާމިޔާބު ކުރުން ކަމަށާއި އެހެންނަމަވެސް މުބާރާތުގެ ޝެޑިއުލަށް ކުއްލިއަކަށް ގެނައި ބަދަލާ އެކު ކޮންމެ ހަތަރު ދުވަހަކުން ތިން މެޗު ކުޅެން ޖެހުމުން މުޅި ޓީމަށް އޭގެ އަސަރު ކުރާ ކަމަށެވެ. އިއްޔަ ލަންކާއިން ބަންގުލަދޭޝް ބަލި ކުރުމުން ރާއްޖެއަށް ދޮރު ވަނީ ބަންދު ވެފަ އެވެ. މިކަމުގެ ޒިންމާ ނަގަންތޯ ސުވާލު ކުރުމުން އޭނާ ބުނީ އަބަދުވެސް ޒިންމާ ނަގާނީ ހެޑް ކޯޗް ކަމަށެވެ.

"މިއީ ސރީރިއަސް ފުޓްބޯޅައެއް ނޫން، ދުނިޔޭގެ އެއްވެސް ތަނެއްގައި ހަތަރު ދުވަހުން ތިން މެޗެއް ނުކުޅޭނެ،" ޝެގަޓް ބުންޏެވެ. "އެހެންވިޔަސް އަހަރެމެންގެ ހުރިހާ ކުޅުންތެރިން މެކްސިމަމް ދިން، އަހަރެން ކުޅުންތެރިން ހިމާޔަތް ކުރަން، ޒިންމާ ނަގާނެ މީހަކީ ހެޑް ކޯޗް، އަހަރެން."