ތިން ކެޓަގަރީ އަކުން ފައިނަލަށް ދަތުރު ކޮށް، ސައުތު އޭޝިއަން ގޭމްސްގައި ގައުމީ ސްވިމިންއިން ޓީމުން ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.
ސަރަހައްދީ އެންމެ ބޮޑު ކުޅިވަރު މުބާރާތަށް ސްވިމިންއިން ތައްޔާރުވީ ގޮންޖެހުންތަކާއެކު އެވެ. އޮލިމްޕިކް ސްވިމިން ޓްރެކެއް ނެތުމުގެ ދަތިތައް ތަހައްމަލު ކުރުމާއެކު ސްވިމިންގް ޓީމުގެ މައިގަނޑު ޓްރޭނިންތައް ބޭއްވީ ހުޅުމާލޭގައި ހުންނަ ކުޑަ ސްވިމިން ޕޫލްގަ އެވެ. މުބާރާތްތައް ބޭއްވޭނެ އެކަށޭނެ ފެންވަރުގެ ސައިޒެއް އެ ޕޫލްގައި ނެތެވެ.
އެހެންނަމަވެސް، ސައުތު އޭޝިއަން ގޭމްސްގައި ވާދަ ކޮށް ތިން ކެޓަގަރީއަކުން ރާއްޖެ ފައިނަލަށް ދަތުރު ކުރުމަކީ ކާމިޔާބެކެވެ. ސްވިމިންގެ ދުނިޔޭގެ މައި ފެޑްރޭޝަންގެ އެންމެ ބޮޑު އެހީއެއް ލިބޭ އިންޑިއާ އާއި ލަންކާގެ ފެތުންތެރިންނާ ވާދަކޮށް ރާއްޖޭގެ ތިން ފެތުންތެރިޔަކު ފައިނަލަށް މިއަދު ދަތުރު ކުރި އެވެ.
ފެތުމުގެ ބެކްސްޓްރޯކް ފިރިހެން ކެޓަގަރީން 200 މީޓަރުގެ ބައިން އިމްއާން އަލީ އަދި ހަމަ އެކެޓަގަރީގެ އަންހެން ބައިން އައިޝަތު ސައުސަން ވަނީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. އަދި ފްރީ ސްޓައިލް 1500 މީޓަރުން މުބާލް އައްޒާމް އިބްރާހިމް ވަނީ ފައިނަލުގެ ރޭހަށް ނުކުމެފަ އެވެ.
އަންހެން ބެކްސްޓްރޯކްގެ ދެ ހީޓްގައިވެސް ގައުމީ ރެކޯޑް ހެދި އެވެ، އެންމެ ފުރަތަމަ ހީޓް އެކެއްގައި ވާދަ ކުރި ހަމްނާ އަހްމަދު ރެކޯޑް ހެދީ 2:54.22 އިން ރޭސް ނިންމައިގެންނެވެ. އޭނާ މުގުރާލި ގައުމީ ރެކޯޑަކީ 2018 ވަނަ އަހަރު ބޭއްވި 14 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި ހަމަ އޭނާ ހެދި ރެކޯޑެވެ. އޭރު އޭނާ ރޭސް ނިންމީ 3:07.55 ންނެވެ.
އޭގެ އިރުކޮޅެއް ފަހުން ދެ ވަނަ ހީޓްގައި ވާދަ ކޮށް ސައުސަން ވަނީ ހަމްނާ ހެދި ރެކޯޑް މުގުރާލާފަ އެވެ. އެއީ 02:52.37 ސިކުތުންނެވެ. އެއާކު އޭނާ ފައިނަލުގެ ޖާގަ ކަށަވަރު ކުރި އެވެ
ފިރިހެނުންގެ ބެކްސްޓްރޯކް 200 މީޓަރުގެ ބައިން އިމްއާން ފައިނަލަށް ދަތުރު ކުރީ، 2:25.78 ން ރޭސް ނިންމައިގެންނެވެ. އެއީ އެ ކެޓަގަރީގައި ދިވެހި ފިރިހެން ފެތުންތެރިޔަކު ވާދަ ކުރި ފުރަތަމަ ފަހަރެވެ.
މިއަދު ހަވީރު ބޭއްވި ފައިނަލުގައި، 1500 މީޓަރުގައި، މުބާލްއަށް ކުރިމަތިވީ ދެރަ ގޮތެކެވެ. ޕޫލްގެ ފެންގަނޑު ޓެމްޕަރޭޗާގެ ފިނި ކަމުން އޭނާއަށް ނޭވާލާން އުނދަގޫވެ ރޭސް ފުރިހަމަ ނުކުރެވުނެވެ.
ބެކް ސްޓްރޯކް 200 މީޓަރުގެ ފިރިހެން ފައިނަލު އިމްއާން ނިންމީ، ގައުމީ ރެކޯޑަކާވެސް އެކު އެވެ. އެއީ މިއަދު ހެނދުނު ބޭއްވި ހީޓް ބުރުގައި ނިންމި ވަރަށް ވުރެ އަވަހަށް ރޭސް ނިންމައިގެންނެވެ. ފައިނަލުގެ ރޭސް އޭނާ ނިންމީ 2:24.26 ންނެވެ.
ހަމަ އެ ކެޓަގަރީގެ އަންހެން ފައިނަލުގައި، ވާދަ ކޮށް ސައުސަން ރޭސް ނިންމީ 2:53.10 ސިކުންތުންނެވެ.
މި ގޭމްސްގެ ފްރީ ސްޓައިލް 200 މީޓަރު ހީޓް އިވެންޓްގައި މުބާލް ގައުމީ ރެކޯޑް އާ ކުރި އެވެ. ކުރިންވެސް އެ ރެކޯޑް އޮންނަނީ އޭނާގެ އަތުގަ އެވެ. އެއީ މިދިޔަ އަހަރުގެ ފީނާ ޗެމްޕިއަންޝިޕްގައި 2:09.57 ރޭސް ނިންމައިގެންނެވެ. ސައުތު އޭޝިއަން ގޭމްސްގައި އޭނާ އެ ރެކޯޑް އާ ކުރީ ހީޓްގައި 2:05.04 ރޭސް ނިންމައިގެންނެވެ.
ބްރެސްޓް ސްޓްރޯކް އަންހެން 100 މީޓަރުގެ ހީޓްގައި ވާދަކޮށް އައިޝަތު ސާޖިނާ ވަނީ ގައުމީ ރެކޯޑް އާ ކޮށްފަ އެވެ. ކުރިންވެސް އެ ރެކޯޑް އޮންނަނީ އޭނާގެ އަތުގަ އެވެ. އެއީ 2017 ވަނަ އަހަރު ބޭއްވި އޭޝިއަން އިންޑޯރ މާޝަލް އާރޓްސް ގޭމްސް ގައި 1:27.53 ރޭސް ނިންމައިގެންނެވެ. ސައުތު އޭޝިއަން ގޭމްސްގައި އޭނާ ރޭސް ނިންމީ 1:23.81 ންނެވެ.
ގައުމީ ސްވިމިން ކޯޗް، އިބްރާހިމް މޫސާ (އިއްބެ) ބުނީ، ޕޫލްގެ ފެންގަނޑުގެ ފިނިގަދަ ކަމާއެކުވެސް ދިވެހި ފެތުންތެރިން ރަނގަޅު ވާދައެއް ކޮށްފި ކަމަށެވެ. މުބާރާތަށް ތައްޔާރުވުމުގައި ހުރި އުނދަގޫކަންވެސް އޭނާ ފާހަގަ ކުރި އެވެ.
އިންޑީއާގައި 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދި އާމިނަތު ސަޖަން ވަނީ، ކިޔެވުމަށްޓަކައި ފެތުން ހުއްޓާލާފަ އެވެ.