ސައުތު އޭޝިއަން ގޭމްސްގައި، ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުން ބަންގުލަދޭޝްއާ ދެކޮޅަށް ވަރުގަދަ ފައިޓެއް ދީފި އެވެ.
ރާއްޖެއިން މެޗުން ބަލިވީ 11 ޕޮއިންޓްގެ ކުޑަ ތަފާތަކުންނެވެ. ފުރަތަމަ ކުއާޓާގައި ލީޑްގައިވެސް އޮތީ ރާއްޖެއިންނެވެ. އެ ކުއާޓަރުގައި ރާއްޖެއިން 19 ޕޮއިންޓް ހޯދި އެވެ. ބަންގުލަދޭޝް ޓީމަށް ހޯދުނީ ނުވަ ޕޮއިންޓެވެ. ދެ ވަނަ ކުއާޓަރުގައި ބަންގުލަދޭޝްއިން ފަހަތުން އަރައި ލީޑް ނެގިިއިރު ރާއްޖެއިން ވަރުގަދަ ފައިޓެއް ދިނެވެ. އެ ކުއާޓާ ނިންމާލިއިރު ބަންގުލަދޭޝް ކުރީގައި އޮތީ އެއް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އެއީ 34-33 ންނެވެ.
ތިން ވަނަ ކުއާޓަރު ރާއްޖެއިން ނިންމާލީވެސް ލީޑްގައި އޮވެގެންނެވެ. އެ ކުއާޓާގައި ހަ ޕޮއިންޓްގެ ލީޑެއް ރާއްޖެއިން ނެގި އެވެ. ކުއާޓާ ނިމުނު އިރު ރާއްޖެއިން ލީޑްގައި އޮތީ 56-50 ހުންނެވެ. ހަތަރު ވަނަ ކުއާޓާ ނިމުނިއިރު މެޗުގެ ނަތީޖާ ވަނީ 67-67 ޕޮއިންޓުން އެއްވަރު ވެފަ އެވެ. އެ ކުއާޓާ އެއްވަރު ވެގެން ނިމުމުން ފަސް ވަނަ ކުއާޓާ ކުޅެން ޖެހުނުއިރު އެ ކުއާޓާގައި ރާއްޖެއަށް އިތުރު ޕޮއިންޓެއް ނުހޯދުނެވެ.
އެ ކުާޓަރުގައި ބަންގުލަދޭޝްއިން 11 ޕޮއިންޓް ހޯދައި 78-67 ން މެޗު ކާމިޔާބު ކުރި އެވެ.
އަންހެން ޓީމު ކުރިމަތިލީ ވަރުގަދަ އިންޑިއާ ދެކޮޅަށެވެ. އިންޑިއާ އަތުން ބަލިވީ 123 ޕޮއިންޓްގެ ބޮޑު ފަރަގަކުންނެވެ. އިންޑިއާއިން 156 ޕޮއިންޓް ހޯދިއިރު ރާއްޖެއަށް ހޯދުނީ 33 ޕޮއިންޓެވެ. ފުރަތަމަ ކުއާޓާގައި އިންޑިއާއިން 31 ޕޮއިންޓް ހޯދިއިރު ރާއްޖެއަށް ހޯދުނީ އަށް ޕޮއިންޓެވެ.
ދެ ވަނަ ކުއާޓާގައި ރާއްޖެއިން އިންޑިއާއިން 64 ށް ސްކޯ ގެންދިޔަ އެވެ. އެ ކުއާޓާގައި ރާއްޖެއިން 11 ޕޮއިންޓް ހޯދައި ރާއްޖޭގެ ސްކޯ 19 ޕޮއިންޓަށް ގެންދިޔަ އެވެ. ތިން ވަނަ ކުއާޓަރުގައި އިންޑިއާއިން ސެންޗްރީ ފަހަނައަޅައި 102 ޕޮއިންޓަށް ސްކޯރިން ގެންދިޔަ އެވެ. އެ ކުއާޓާރުގައި ރާއްޖެއަށް ހޯދުނީ 26 ޕޮއިންޓެވެ.
ހަތަރު ވަނަ ކުއާޓަރުގައި އެކަނި އިންޑިއާއިން 54 ޕޮއިންޓް ސްކޯ ކުރި އެވެ. އެ ކުއާޓަރުގައި ރާއްޖެއަށް ސްކޯ ކުރެވުނީ ހަތް ޕޮއިންޓެވެ.