އެމްޑީޕީ

އެމްޑީޕީއަށް ބައިނަލްއަގްވާމީ އެވޯޑެއް

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެ އެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ލިބިފައިވަނީ ބުޝް ތޭޗާ ފްރީޑަމް އެވޯޑެވެ. މިއީ އިންޓަނޭޝަނަލް ޑިމޮކްރަޓިކް ޔޫނިއަން (އައިޑީޔޫ) އިން ދޭ އެވޯޑެކެވެ.

މިއަހަރު އައިޑީޔޫއިން އަލަށް ދޭން ފެށި މި އެވޯޑް އެމްޑީޕީއަށް ލިބިފައިވަނީ އެ ޕާޓީން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ހާއްސަކޮށް ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގައި އެމްޑީޕީން ކޮށްފައިވާ މަސައްކަތްތަކަށް މި އެވޯޑް ދިނުމުގައި ބަލާފައިވެއެވެ.

ބުޝް ތޭޗާ ފްރީޑަމް އެވޯޑާ، އެމްޑީޕީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

އެމްޑީޕީން ވަނީ އެ ޕާޓީން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިފަދަ އެވޯޑެއް އެޕާޓީއަށް ދީފައިވާތީ އިންޓަނޭޝަނަލް ޑިމޮކްރަޓިކް ޔޫނިއަން (އައިޑީޔޫ) އަށް ޝުކުރު ދަންނަވާފައެވެ.