ހަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް، ސަމާލުވޭ!

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވުމާއެކު ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަ (މެޓް) އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ހއ. އަތޮޅުން ދ. އަތޮޅަށެވެ. މި ސަރަހަައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 11:30 އާ ހަމަ އަށެވެ. އަދި މި ވަގުތުގައި ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރޭ ވެސް މެޓް އޮފީހުން ވަނީ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފަ އެވެ. އަދި، އެއަށްފަހު ނ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ޔެލޯ އެލާޓްވެސް ނެރުނެވެ.

މެޓް އޮފީހުން މަައުލޫމާތު ދިން ގޮތުގައި، މިއަދުގެ މޫސުމަށް ބަލާއިރު އިއްޔެ އަށް ވުރެ ވައިމަޑު ވިޔަސް ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ލަފަ އެއް ނުކުރެވެ އެެވެ. އެހެންނަމަވެސް، ވިއްސާރަވެ، ކަނޑުތައް މަޑު ނުވުމާއެކު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އެދިފަ އެވެ. އަދި ދެކުނުގެ ކަނޑުތައް މަޑު ވިޔަސް އެެހެން ހިސާބުތަކަށް ގަދަ ވާނެ ކަމަށް މައުލޫމާތު ދިނެވެ.

މި ދުވަސްވަރަކީ ސްކޫލް ބޮޑު ޗުއްޓީ ދުވަސްވަރު ކަމުން އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި މޫސުމަށް ސަމާލުވުމަށް ސިފައިންނާ، ފުލުހުންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. މޫސުންގޯސް ކަނޑުގަދަ ދުވަސްތަކުގައި ދަތުރުކުރުމުގެ ސަބަބުން މީގެ ކުރިން ވަރަށް ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފަ އެވެ.