ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓްގައި ލަންކާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ރާއްޖޭގެ ގައުމީ އަންހެން ޓީމުން ބްރޮންޒް މެޑަލް ހޯދައިފި އެވެ.
މިއީ ސަރަހައްދީ މުބާރާތެއްގައި ރާއްޖޭގެ އަންހެން ޓީމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އަންހެން ޓީމުން މީގެ ކުރިން ސަރަހައްދީ ލެވަލްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ 2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރު ކުރުމެވެ.
މިއަދު ލަންކާ އާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ލަނޑުތައް ކާމިޔާބު ކުރީ އާމިނަތު ޝާމިލާ އާއި އައިޝަތު ފިރުޝާ އެވެ. އަންހެން ޓީމަށް ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ގޭމްސްގައި މެޑަލް ހޯދައިދިނީ ކުރިން ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށްވެސް ކޯޗް ކޮށްދިން އަހްމަދު ނާޝިދު (ނާދު) ކޯޗް ކަމުގެ ދަށުންނެވެ.
އަންހެން ޓީމުން ވަނީ، މުހައްމަދު އާތިފް (އާތީ)ގެ ކޯޗް ކަމުގެ ދަށުން މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުން ލޯ މެޑަލް ހޯދާފަ އެވެ. ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ ކުރިއަށް ދަނީ ޕޮކްހާރާގަ އެވެ. ފިރިހެން ފުޓްބޯޅަ ކަތަމަންޑޫގަ އެވެ. ފަހު މެޗުގައި ފިރިހެން ޓީމު މިއަދު ނުކުންނާނީ ނޭޕާލް އާ ދެކޮޅަށެވެ.