ސައުތު އޭޝިއަން ގޭމްސް

ނޭޕާލް އަތުންވެސް ބަލިވެ ރާއްޖެ، މުބާރާތް ނިންމާލައިފި

ނޭޕާލުން: ހުސައިން ހަބީބު
Dec 7, 2019
2

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅައިގައި އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލް އަތުންވެސް 2-1 ން ބަލިވެ، މޮޅެއް ނުލިބި ރާއްޖެއިން މުބާރާތް ނިންމާލައިފި އެވެ.

މިއީ ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓްގެ ކޯޗް ކަމުގައި ރާއްޖެއަށް މޮޅެއް ނުލިބި ނިންމާލި ދެ ވަނަ މުބާރާތެވެ. މި އަހަރު ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް، އޭނާ ނިންމާލީ މޮޅެއް ނެތި އެވެ.

ގޭމްސްއިން ރާއްޖެއަށް ލިބުނީ ދެ ޕޮއިންޓެވެ. އެއީ ފުރަތަމަ ދެ މެޗުގައި ލަންކާއާ ބަނަގުލަދޭޝް އަތުން އެއްވަރުވެގެން ލިބުނު ދެ ޕޮއިންޓެވެ. ތިން ވަނަ މެޗުގައި ރާއްޖެ ބުޓާން އަތުން ބަލިވީ ލަދުވެތި ގޮތަކަށެވެ.

މިއަދު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ ލިބުނު ލީޑްގައި ހިފަހައްޓާ ނުލެވުމުންނެވެ. ރާއްޖެއަށް ފުރަތަމަ ލީޑް ނަގައިދިނީ އިބްރާހިމް މަހްދީ ހުސައިންނެވެ. ނޭޕާލަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 42 ވަނަ މިނެޓްގައި އަބީޝެކް ރިޖާލް އެވެ.

އެ ޓީމުގެ ދެ ވަނަ ލަނޑު ނެގި ކޯނަރަކުން ކާމިޔާބު ކުރީ އަނަންތާ ޓަމަންގް އެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖެއަށް ޖެހުނީ އެންމެ ތިން ލަނޑެވެ.