ސައުތު އޭޝިއަން ގޭމްސްގައި މިއަދު ތިން ކެޓަގަރީއަކުން ހަތަރު ފެތުންތެރިން ފައިނަލަށް ދަތުރު ކޮށް ވަރުގަދަ ފައިޓެއް ދީފި އެވެ.
މިއަދު ހަވީރު ބޭއްވި ފައިނަލު އިވެންޓްތަކުގައި ވާދަ ކުރީ، 400 މިޓަރު މިޑްލޭ ފައިނަލުގައި ވާދަ ކުރީ އަލީ އިއްމާން އެވެ. މީގެ އިތުރުން 100 މީޓަރުގެ ފިރިހެން ބެކްސްޓްރޯކް ފައިނަލުގައި އިއްމާން އާއި މުހައްމަދު އާން ހުސައިން ވަނީ ވާދަ ކޮށްފަ އެވެ. އެ ދެ ކެޓަގަރީން ފައިނަލުގެ ޖާގަ ދިވެހި ފެތުންތެރިން ހޯދީ، ބައިވެރިވި ހުރިހާ ފެތުންތެރިންނަށް ފައިނަލުގެ ޖާގަ ދިނުމުންނެވެ. އެއީ އެ ކެޓަގަރީތަކުގައި އެހެން ގައުމުތަކުން ބައިވެރިވި ފެތުންތެރިންގެ އަދަދުވެސް މަދުވުމުންނެވެ.
މިއަދު ބޭއްވި ހީޓް ބުރުގައި ވާދަ ކޮށް ފައިނަލުގެ ޖާގަ ހޯދީ، ފިރިހެނުންގެ ބެކްސްޓްރޯކް 50 މީޓަރުން ހަސަން އަޝްރަފް އަދި އަންހެނުންގެ ފްރީ ސްޓައިލް 50 މީޓަރުން ހިމްނާ އަހްމަދު އެވެ. ބެކްސްޓްރޯކް 50 މީޓަރުން ހަސަން އަޝްރަފް ފައިނަލަށް ދަތުރު ކުރީ 34.04 ސިކުންތުން ރޭސް ނިންމައިގެންނެވެ. ހަމަ އެކެޓަގަރީގައި ހުސައިން ހާއިޝް ހަސަންވެސް ވާދަ ކުރި އެވެ. އޭނާ ރޭސް ނިންމީ 35.04 އިންނެވެ.
ފްރީ ސްޓައިލް 50 މީޓަރުން ހިމްނާ ފައިނަލަށް ދަތުރު ކުރީ އިއްޔެ ހެނދުނު ހީޓް ބުރުގައި 30.68 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ބެކްސްޓްރޯކް 50 މީޓަރުގެ ފައިނަލުގެ ރޭސް އަޝްރަފް ނިންމީ ހީޓް ބުރުގައި އޭނާ ނިންމި ވަރަށް ވުރެ އަވަހަށެވެ. އެއީ 32.95 ސިކުންތުންނެވެ. ފްރީ ސްޓައިލް 50 މީޓަރުގެ ފައިނަލު ހިމްނާ ނިންމީ ހީޓް ބުރުގައި ރޭސް ނިންމި ވަރަށް ވުރެ އަވަހަށެވެ. އެއީ 29.81 ސިކުންތުންނެވެ.
ބެކްސްޓްރޯކް 100 މީޓަރުގެ ފައިނަލުގައި އިމްއާން ރޭސް ނިންމީ، 1:5.26 (އެއް މިނެޓް 5.26 ސިކުންތު) ންނެވެ. އާން ރޭސް ނިންމީ 1:10.30 ސިކުންތުންނެވެ. ފިރިހެނުންގެ 400 މީޓަރުބ މިޑްލޭ ފައިނަލުގެ ރޭސް އާން ނިންމީ 5:49.8 ސިކުންތުންނެވެ.
މިފަހަރުގެ ގޭމްސްގައި އިމްއާން އާއި ސާޖިނާ ވަނީ ގައުމީ ދެ ރެކޯޑެއް ހަދާފަ އެވެ. އާން ރެކޯޑް ހެދީ 100 މީޓަރު ބެކްސްޓްރޯކް ކެޓަގަރީންނާއި 200 މީޓަރު ބެކްސްޓްރޯކް ކެޓަގަރީންނެވެ. މިއަދު އޭނާ ހެދީ 100 މީޓަރު ބެކްސްސްޓްރޯކްގެ ރެކޯޑްވެސް ކުރިން އޮންނަނީ އޭނާގެ އަތުގަ އެވެ. އެއީ މިދިޔަ އަހަރު ޗައިނާގައި ބޭއްވި ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި 01:08.71 ނިންމި ރެކޯޑެވެ. މިއަދު ފައިނަލުގައި އޭނާ ރޭސް ނިންމީ 1:5.26 އެވެ.
މި ގޭމްސްގައި ސާޖިނާ ހެދި ދެ ވަނަ ރެކޯޑަކީ މިއަދު 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ރެކޯޑެވެ. ކުރިންވެސް އެ ރެކޯޑް އޮންނަނީ އޭނާ އަތުގަ އެވެ. އެއީ އިންޑިއާގައި 2017 ވަނަ އަހަރު ބޭއްވި އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސްގައި 40.25 ސިކުންތުން ރޭސް ނިންމައިގެން ހެދި ރެކޯޑެވެ. މިއަދު ހީޓް ބުރުގައި ސާޖިނާ ރޭސް ނިންމީ 38.53 ސިކުންތުންނެވެ.
އޭނާ ހެދި ފުރަތަމަ ރެކޯޑަކީ ބްރެސްޓް ސްޓްރޯކް 100 މީޓަރުގެ ހީޓްގައި ވާދަކޮށް އިއްޔެ ހެދި ރެކޯޑެވެ. ކުރިންވެސް އެ ރެކޯޑް އޮންނަނީ އޭނާގެ އަތުގަ އެވެ. އެއީ ހަމަ 2017 ވަނަ އަހަރު ބޭއްވި އޭޝިއަން އިންޑޯރ މާޝަލް އާރޓްސް ގޭމްސް ގައި 1:27.53 ރޭސް ނިންމައިގެންނެވެ. ސައުތު އޭޝިއަން ގޭމްސްގައި އިއްޔަ އޭނާ ރޭސް ނިންމީ 1:23.81 ންނެވެ.
އިމްއާން ހެދި ފުރަތަމަ ރެކޯޑަކީ 200 މީޓަރު ބެކްސްޓްރޯކްގެ ގެ ފައިނަލުގައި އިއްޔެ 02:24.26 އިން ހެދި ރެކޯޑެވެ. އޭގެ ކުރިން އެ ރެކޯޑް ހަމަ އޭނާ އާ ކުރީ އިއްޔެ ހެނދުނު ބޭއްވި ހީޓް ބުރުގަ އެވެ. އެއީ 2:26.78 ސިކުންތުން ރޭސް ނިންމައިގެންނެވެ.