ރައީސް މުހައްމަދު ނަޝީދު

ތާޖު މަހަލްއަށް ނުދަނީ ލައިލާ ނެތުމުން: ނަޝީދު

އިންޑިއާއަށް ކުރައްވާ ދަތުުރުފުޅުގެ ތެރެއިން ތާޖު މަހަލްއަށް ވަޑައިނުގަތުމަށް ނިންމެވީ އަނބިކަނބަލުން ލައިލާ އަލީ އާއެކު އެ ތަނަށް އަދި ޒިޔާރަތްކުރެވިފައި ނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އާންމުން ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން "އާސްކް ސްޕީކާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރަގްރާމްގައި ޕްރެޒެންޓަރު ވަނީ މިއަދު އެމަނިކުފާނު އިންޑިއާއަށް ފައްޓަވާ ދަތުރުފުޅުގެ ތެރެއިން ތާޖު މަހަލްއަށް ވަޑައިނުގަތުމަށް ނިންމެވީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

ރައީސް ނަޝީދު އިއްޔެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަނީ ތާޖު މަހަލްއަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ވަރަށް ގިނަ ހަފްލާތަކާއި މަސައްކަތްތައް އެބައޮތް. އޭގެ ތެރޭގައި ތާޖުމަހަލް ބަލައިލަން ދިޔުމާއި އަދިވެސް އެހެން މިބާވަތުގެ ތަންތަނަށް ދިޔުން ހިމެނޭ. އެހެން ނަމަވެސް އިއްޒަތްތެރި މެންބަރުން، އަޅުގަނޑު ގަސްދުކުރަނީ ތާޖު މަހަލް ބަލައިލަން ނުދާން،" ނަޝީދު އިއްޔެ ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާގައި އެހެން ވިދާޅުވީ ކީއްވެގެންތޯ ދެންނެވުމުން ނަޝީދު ރޭ ވިދާޅުވީ މިހާތަނަށް އަނބިކަނބަލުންނާއެކު ތާޖު މަހަލްއަށް ޒިޔާރަތް ކުރެވިފައި ނުވާ ކަމަށެވެ. އެހެން ކަމުން ލައިލާއާ ނުލައި އެތަނަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވިއެވެ.

"ލައިލާއަކާ އެކީ އަޅުގަނޑަށް އެތަނަކަށް [ތާޖު މަހަލް] ނުދެވޭ. އެހެންވީމަ ލައިލާ ނުލާ އެތަނަކަށް ދާކަށް ގަސްތެއް ނުކުރަން." ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ނަޝީދާއި، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ މެންބަރުން ހިމެނޭ ގޮތުން 15 ބޭފުޅުންގެ ވަދުފެއް މިއަދު އިންޑިއާއަށް ވަޑައިގަންނަވާނެ އެވެ.