ދިވެހި ސިނަމާ

ނިއުމާ ވާސަސް ޝިރާނީ: މޮޅީ ކާކު؟

ބައެއް މީހުން ބުނާ ވާހަކައެއް އޮވެ އެވެ. އައިޝަތު ޝިރާނީ އާއި ނިއުމާ މުހައްމަދުމެން ދިވެހި ސިނަމާގައި ބެލުންތެރިންގެ ހިތްތައް ފަތަހަކުރީ އެމީހުންގެ ރީތިކަމަކުންނެއް ނޫނެވެ. ލިބިފައިވީ ރީތިކަމެއްގެ ސަބަބުން މަޝްހޫރު ކަމާއި މަގްބޫލުކަމެއް އާންމުންގެ މެދުގައި ލިބުނު ފިލްމީ ދެ ތަރިއަކީ ކުރީގެ ސުޕަސްޓާރުން ކަމުގައިވާ މަރިޔަމް ނިޝާ އާއި ޖަމްޝީދާ އަހުމަދު އެވެ.

އެއީ ތެދެކެވެ. މަރިޔަމް ނިޝާ އާއި ޖަމްޝީދާގެ ފިލްމީ ހަޔާތުގެ ކާމިޔާބީގެ 50 ޕަސެންޓަކީ އެ ދެ މީހުންގެ ރީތިކަމޭ ބުނެވިދާނެ އެވެ. ނިޝާމެން ޖަމްޝީދާމެން ބޮޑު ސްކްރީނަށް އަރައި ތުއިވެލީމަ އަނގައިން ސޮނިވެއްޓޭ މީހުން ވެސް އޭރު ދިވެހި ފިލްމު ބެލި އެވެ.

ނިއުމާ އާއި ޝިރާނީ އަކީ މި ދެންނެވި "ރީތިކަމާ" އެކު ދިވެހި ސިނަމާ އަށް ނުކުތް ދެ މީހުންނެއް ނޫނެވެ. ދެ މީހުންނަށް ވެސް ފިލްމީ ދާއިރާ އިން ފުރުސަތު ލިބުނީ އެމީހުންގެ ފަރާތުން ފާހަގަކުރެވުނު ހުނަރުވެރިކަމެއްގެ ސަބަބުންނެވެ.

ޝިރާނީގެ ޓެލެންޓް ޑިސްކަވާކޮށް އޭނާ އަޅުގަނޑުމެންނާ ހަމަ އަށް ގެނެސްދިން ފަރާތަކީ އެއް އިރެއްގައި ވީޑިއޯ ލަވަތަކުން ބޮޑު މަޝްހޫރުކަމެއް ހޯދި އަހުމަދު ގިއާސް އެވެ. ގިއާސް އަށް ޝިރާނީ ކަމުދިޔައީ މާލޭގައި ބޭއްވި ސްޓޭޖު ޝޯއަކަށް އަރައި އޭނާ ނަށާލި ގޮތަކުންނެވެ.

ގިއާސް އަކީ ވެސް ނަށަން މަރެކެވެ. އަދި އޭރު މުނިފޫހިފިލުވުމުގެ ދާއިރާ އަށް އޭނާ އިންގިލާބެއް ގެންނަން ހިފާފައި ހުރީ ވެސް ނަށައިގެން ކަމަށްވީތީ ޝިރާނީ އޭނާ އަށް ފެނުނީ "ޕާފެކްޓް ޕާޓްނަރެއް" ގެ ގޮތުގަ އެވެ. އެ ހިސާބުން ގޮސް ޝިރާނީ އަށް ލަވައަކުން ފުރުސަތެއް ދިނީ އެވެ.

ދެން އައީ ޝިރާނީ އާއި ގިއާސްގެ ލަވައިގެ އިންގިލާބެވެ.

ނިއުމާ މުހައްމަދަށް ފިލްމީ ދާއިރާ އިން ފުރުސަތު ލިބުނީ އޭނާގެ ޑައިލޮގް ޑެލިވަރީގެ މޮޅުކަން ޓީވީއެމްގެ ކުރީގެ ޕްރޮޑިއުސަރު މަރިޔަމް ޝައުގީ އަށް ފާހަގަކުރެވިގެންނެވެ. ނިއުމާގެ މި ހުނަރެއް ފާހަގަކުރެވުނުއިރު އޭނާ އަކީ އޭރު ޓެކްސީ ސެންޓަރެއްގައި ފޯނުކޯލަށް ޖަވާބު ދޭން ހުރި ޒުވާން އަންހެން ކުއްޖެކެވެ.

ޓީވީއެމުން އޭރު ހެދި ޑްރާމާތަކުގައި ރަނގަޅަށް ޑައިލޮގް ޑެލިވަރީ ނުދެވޭ މައްސަލަ ހައްލުކުރީ ނިއުމާގެ ކުޅަދާނަކަން ބޭނުންކޮށްގެންނެވެ. ދިވެހި ލަވަ އަށް ގިއާސް އިންގިލާބެއް ގެނައީ ޝިރާނީގެ ކުޅަދާނަކަން ދައްކައިގެންނެވެ.

އެހެންވީމަ މި ދެ ތަރިންނަށް ވެސް ފިލްމީ ދާއިރާގެ ދޮރު ހުޅުވިގެން ދިޔައީ އެމީހުންގެ ފަރާތުން ފެނުނު ރީތި ކަމަށް ވުރެ ބޮޑަށް ދެ މީހުންގެ ވެސް "ޓެލެންޓް" ފާހަގަކުރެވިގެންނެވެ. އެއްގޮތަކަށް ވެސް މާކަ ރީތި ބަޔަކަށް ވެގެނެއް ނޫނެވެ.

މަރިޔަމް ނިޝާ އާއި ޖަމްޝީދާގެ ފިލްމީ ހަޔާތަށް ވުރެ މި ދެ މީހުންގެ ފިލްމީ ހަޔާތް ހާއްސަވެފައި ތަފާތުވަނީ ވެސް މި ސަބަބާ ހެދި އެވެ. އަދި ދިވެހި ސިނަމާގެ ރަނިކަން ލިބެނީ ކޮން ސްޓާރަކަށްތޯ ބެލުމަށް ކުރެވޭ ބަހުސެއްގެ ތެރެއަށް މި ދެ މީހުންގެ ނަން ގެންނަން ޖެހެނީ ވެސް މި ސަބަބާ ހެދި އެވެ.

އެކަމަކު މިއީ އެންމެނަށް ކަމުދާނެ ރޭހަކަށް ފަހަރެއްގައި ނުވެދާނެ އެވެ. ނިޝާ އާއި ޖަމްޝީދާގެ ފޭނުން ވެސް އެހާމެ ގިނަވީމަ އެވެ. އަދި އެ ދެ ތަރިންގެ ހިނިތުންވުމާއި ފަރިކަން ބޮޑުސްކްރީނުން ބަލައިލުމަށް އެދޭ އެތައް ބަޔަކު މިއަދު ވެސް ތިބީމަ އެވެ. ގައުމީ އެވޯޑް ހާސިލުކޮށްފައިވާ މި ދެ ތަރިން މި ރޭހުން ބާކީކޮށްލުމަކީ ފަހަރެއްގައި ދިވެހި ސިނަމާގެ އެންމެ މޮޅު ބަތަލާ ހޮވުމަށް ކުރެވޭ މަސައްކަތް އިންސާފުން ނެއްޓިގެންދާ ކަމެއް ކަމަށް ވެސް ވެދާނެ އެވެ.

ނަމަވެސް "ސީރިއަސް އެކްޓިން" އަށް ބަލަނީ ނަމަ ނިއުމާ އާއި ޝިރާނީ ދީފައިވާ ފެންވަރުގެ ޕާފޯމެންސްތަކެއް ނިޝާ އާއި ޖަމްޝީދާއަކަށް ދެވިފައެއް ނެތެވެ. "ދެރިޔާ" އިން ވިދާލީ ހައްވާ ޒާހިރާ އާއި ފާތިމަތު ރަމީޒާމެން ފަދަ ތަރިންނަކީ ވެސް މޮޅު ބަތަލާއިންނެވެ. އެކަމަކު ވެސް އެންމެން ވެސް އިއްތިފާގު ވަނީ ނިއުމާ އާއި ޖަމްޝީދާވަރެއް ނެތް ކަމަށެވެ.

އެހެންވީމަ ދެން މި އޮތީ ބޮޑު ސުވާލެވެ. ނިއުމާ އާއި ޝިރާނީގެ ތެރެއިން މޮޅީ ކާކު ހެއްޔެވެ؟

މިއީ ޖަވާބު ދޭން އެއްގޮތަކަށް ވެސް ފަސޭހަ ސުވާލެއް ނޫނެވެ. ނިއުމާ އަދިވެސް ފިލްމު ކުޅެނީ އެވެ. އޭނާގެ އެކްޓިން ކެރިއަރަށް އެންމެފަހުން ފާހަގަކުރީ 20 އަހަރެވެ. ޝީރާނީ ބޮޑު ސްކްރީނުން ގެއްލުނުތާ މިހާރު ގާތްގަނޑަކަށް 10 އަހަރެވެ. އޭނާގެ އެކްޓިން ކެރިއަރު ނިއުމާގެ އާދަޔާހިލާފު ކެރިއަރަށް ވުރެ ކުރުވެފައި ކުޅުނު ފިލްމާއި ރޯލުތައް ވެސް މަދެވެ.

އަނެއްކޮޅުން ފިލްމީ ދާއިރާގައި ނިއުމާ އަށް މިއަދު ނުލިބޭ ކާމިޔާބީއެއް ވެސް ނެތެވެ. އެންމެ މޮޅު އެކްޓްރެސްގެ ގައުމީ އެވޯޑުން ފެށިގެން އާންމު ހިދުމަތުގެ އެވޯޑް ހާސިލުކޮށް އޭނާ ވަނީ ފިލްމެއް ޑައިރެކްޓްކޮށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ހާސިލުކޮށްފަ އެވެ.

ޝީރާނީގެ ނަމަށް ނިސްބަތްވާ މިފަދަ ޝަރަފްވެރި އެވޯޑްތަކެއް ވެސް ނެތެވެ.

އެހެންވީމަ މި ދެ މީހުން އަޅާކިޔާނީ ކިހިނެތް ހެއްޔެވެ؟

"ޖަޖުކުރަން ވަރަށް އުނދަގޫ ދެ ސްޓާރުން ނިއުމާ އާއި ޝިރާނީ އަކީ. އެއީ ޝިރާނީ އަކީ ކޮންމެ ކޮންމެ އެއްޗެއް ކުޅުނު ބަތަލާއެއް ނޫން. ކުޅެފައި ހުރި މީހެއް ނޫން." ފިލްމު ކްރިޓިކެއްގެ ގޮތުގައި ހަވީރު ނޫހުން ކުރިން ވިދާލި މަޝްހޫރު ލިޔުންތެރިޔާ ހިލްއަތު ރަޝީދުގެ ވާހަކަ ފެށީ މިހެންނެވެ.

ދެން އޭނާ ދެއްކީ މި ދެ ތަރިންގެ ފެންވަރު ޖަޖުކުރަން ކިތަންމެ އުނދަގުލަސް ޖަޖުކުރެވިދާނެ ދިމާލެކެވެ.

"ޝިރާނީ އެހުރީ ވަރަށް ލިމިޓެޑްކޮށް ރޯލުތައް ކުޅެފައި. އެކަމަކު ކުޅުނު ރޯލުތައް ވަރަށް އެކްސެލެންޓް."

އެއީ ތެދެކެވެ. އަދި ޝީރާނީ އާއި ނިއުމާއާ ބެހޭ ގޮތުން ހިޔާލުފާޅުކުރި އެހެން އެންމެނަށް ވެސް މި ދެ އެކްޓްރެސްއިންނާ ބެހޭ ގޮތުން އެއްބަސްވެވުނު ހަމައެކަނި ކަމަކީ ވެސް މިއީ އެވެ. ޝިރާނީ އަކީ އޭނާ ކުޅުނު ހުރިހާ ރޯލަކުން 100 ޕަސެންޓް ދެއްކި އެކްޓްރެސް އެކެވެ. އެންމެ އާދައިގެ ރޯލު ވެސް ނިކަން މޮޅަށް ކުޅުނު އެކްޓްރެސް އެކެވެ.

ނިއުމާގެ އެ ކްލީން ރިކޯޑެއް ނެތެވެ.

"މީގައި ދެ ގޮތަކަށް ނެގިދާނެ. ވެދާނެ މޮޅަށް ކުޅެވެނީ މަދު ރޯލުތަކެއް ކަމަށް ޝިރާނީ އަށް އަމިއްލަ އަށް ގަބޫލުކުރެވޭތީ މަދު ރޯލުތަކެއް ކުޅެފައި ވަނީ ކަމަށް ވެސް. އޭނާ އަށް ގެރެންޓީ އޮންނަ ރޯލެއް އޭރަކު ކުޅެނީ ކަމަށް ވެސް. ނުވަތަ އޭނާ ބޭނުންނުވަނީ ބޮޑުގުޅަ ނުވާން،" ހިލްއަތު ކިޔައިދިނެވެ.

"ނިއުމާ އަކީ ބޮޑުގުޅަ އެކްޓްރެސްއެއް. ޖެހޭ ކޮންމެ ރޯލެއް ލިބޭ ކޮންމެ ރޯލެއް ކުޅޭ ކަމަށް ފާހަގަކުރެވޭ. އެހެންވީމަ ވާގޮތަކީ ދަނީ އޭނާގެ ޓެލެންޓް އެންމެ ރަނގަޅަށް ފެންނަ ފަހަރާއި ނުފެންނަ ފަހަރު"

"ވެދާނެ ގިނަ އެކި ކަހަލަ ރޯލުތައް ނިއުމާ ކުޅެނީ ޗެލެންޖަކަށް ކަމަށް ވެސް. އަދި އޭގެ ތެރެއިން ބައެއް ރޯލުތަކަށް މޮޅުވެފައި އަނެއް ބައި ރޯލުތަކަށް ދެރައީ ކަމަށް ވެސް"

"މިސާލަކަށް ކަންގަނާ ރަނައަތު އަހަރަކު ދެ ފިލްމެއް ވަރު ކުޅޭއިރު ދީޕިކާ ހައެއްކަ ފިލްމު ކުޅެންޏާ މި ބުނާ ތަފާތު ފެންނާނެތާ."

ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޓެޑްރީ މުހައްމަދު ނިޔާޒުގެ ހިޔާލުގައި ވެސް ޝިރާނީ އަކީ އެންމެ އާދައިގެ ރޯލު ވެސް ނިކަން ޕާފެކްޓްކޮށް ހުށަހަޅައިދީފައިވާ އެކްޓްރެސް އެކެވެ. ނަމަވެސް ޓެޑްރީގެ ބަދުނަސީބަކީ އޭނާއާ އެކު މަސައްކަތެއްކޮށްލަން ނުލިބުމެވެ.

ޓެޑްރީ ބުނީ ނިއުމާގެ ދިގު ކެރިއަރުގައި އޭނާ ގިނަ އަދި ތަފާތު ރޯލުތަކަކުން ފެނިގެން ދިޔަ ނަމަވެސް ޝީރާނީ ދެއްކި "އެއް ފެންވަރެއްގެ ކޮލިޓީ" ނިއުމާ އަށް ދެއްކިފައި ނުވަނީ ނިއުމާގެ ދެރަކަމަކުން ކަމަށް ނިންމާނެ ކަމެއް ނެތް ކަމަށެވެ.

"ޕާސަނަލީ އަޅުގަނޑު ޗޫސްކުރާނީ ޝީރާނީ. އެއީ އޭނާގެ ބައެއް ފޭޝަލް އެކްސްޕްރެޝަންސް އަޅުގަނޑަށް ފެނިފައި ހުރި މަސައްކަތްތަކުގައި ވަރަށް ވަރުގަދަ. ލިމިޑެޓް ރޯލުތަކުގައި ވެސް ވަރަށް އިންޓެންސް ޕާފޯމެންސް ދައްކުވައިދީފައި އެބަހުރި،" ޓެޑްރީ ބުންޏެވެ.

"އެކަމަކު ނިއުމާގެ ދިގު ކެރިއަރުގައި އެބަހުރި ޑައިވާސް ރޯލުތަކެއް ވެސް ކުޅެފައި. އެކަމަކު ވެސް (ޝިރާނީގެ ފެންވަރު) ނިއުމާ އަށް ދެއްކިފައި ނުވަނީ ވެދާނެ އޭނާއާ އެކު މަސައްކަތްކުރި ޑައިރެކްޓަރުންނަށް އެކަން ނުކުރެވުނީމަ ކަމަށް ވެސް."

ނިއުމާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން "ދެރިޔާ" ގެ ޑައިރެކްޓަރު ބުނީ ނިއުމާއާ އެކު މަސައްކަތްކޮށްލަން ލިބުނީ އެންމެ ލަވައަކުން ކަމަށް ވިޔަސް އެ މަސައްކަތަކީ ވެސް އޭނާގެ ހިތްވަރު ފެނިގެން ދިޔަ ތަޖުރިބާއެއް ކަމަށެވެ.

"ނިއުމާ އަކީ އޭނާއާ އެކު މަސައްކަތްކުރާ ޑައިރެކްޓަރަކު ބޭނުން ގޮތަކަށް މޯލްޑްކުރެވިދާނެ އެކްޓްރެސްއެއް. އެކަމަކު އޭނާގެ ވެސް އެބަހުރި ލިމިޓޭޝަންސްތަކެއް. އެހެން ނަމަވެސް އޭނަ ގާތު ޑައިރެކްޓަރު ބުނާ ކަމެއް އެންމެ ފުރަތަމަ އުނދަގޫވިޔަސް ޑައިރެކްޓަރުގެ ހިތްހަމަޖެހޭ ފެންވަރަށް އޭނާ މަސައްކަތްކޮށްދޭ. ވަރަށް މަސައްކަތްކުރޭ ބޭނުންވާ ފެންވަރު ގެނެސްދޭން،" ޓެޑްރީ ބުންޏެވެ.

"ޑައިރެކްޓަރު ބޭނުންވާ ނަތީޖާ ނެރެދޭން އެހެން އެންމެނަށް ވުރެ ބޮޑަށް މަސައްކަތްކުރާ އެކްޓްރެސްއެއް ކަމަށް ނިއުމާ ފާހަގަކުރެވެނީ."

ދިވެހި ސިނަމާގެ އެންމެ މޮޅު ހަތަރު އެކްޓްރެސް އިންގެ ގޮތުގައި މަޝްހޫރުވެފައިވާ ނިއުމާ އާއި ޝިރާނީ އާއި ނިޝާ އާއި ޖަމްޝީދާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މަޝްހޫރު ސްކްރީންރައިޓަރު މަހުދީ އަހުމަދު ވެސް ބުނީ ޝީރާނީ އަކީ އޭނާގެ ފިލްމީ ހަޔާތުގައި އަބަދުވެސް ބޮންތީގައި އުޅުނު އެކްޓްރެސްއެއް ކަމަށެވެ.

"އެކަމަކު ނިއުމާގެ ކެރިއަރު ޝީރާނީގެ ކެރިއަރަށް ވުރެ ދިގު. އޭގެ ސަބަބުން ނިއުމާގެ ފޭނުން ވެސް އިތުރުވެގެން ދިޔައީ،" މަހުދީ ބުންޏެވެ.

"އަނެއްކޮޅުން ޝިރާނީ އަށް ފަހު ނިއުމާ އައިސް އޭނާއާ ދެން ވާދަކުރާނެ އެ ފެންވަރުގެ އެހެން ސްޓާރަކު ނެތް. އޭގެ ސަބަބުން ހުރިހާ އެވޯޑްތަކެއް ވެސް ލިބެމުން ދިޔައީ ނިއުމާ އަށް."

ހިލްއަތު ވެސް ބުނީ ދިވެހި ސިނަމާގައި އެކްޓްރެސް އިން ނެތުމަކީ ނުވަތަ އާ މޫނުތަކެއް މި ދާއިރާއިން ނުފެނުމަކީ ހުރިހާ ކްރެޑިޓެއް ނިއުމާ އަށް ނުވަތަ ޝިރާނީ އަށް ދޭން އުނދަގޫވާ ސަބަބެއް ކަމަށެވެ.

"ރާއްޖޭގައި ވާ ގޮތެއް މިއީ އެ ދުވަސްވަރެއްގައި އެންމެ މޮޅު މީހަކު ނުވަތަ އެންމެ ގިނަ ފިލްމާއި ލަވަކުޅޭ މީހަކު އެންމެ މޮޅުވާނީ. އެއީ އެހާ ގިނަ ބަޔަކު ނޫޅޭ މިކަން ކުރާކަށް. އޭރަކު އެންމެ ގިނަ ލަވަ އާއި ފިލްމު ކުޅޭ ބަތަލާއަކު ވާނީ އޭރެއްގެ އެންމެ މޮޅު މީހަކަށް،" ހިލްއަތު ބުންޏެވެ.

ނިއުމާއާ ފަހުން ވާދަކުރާނެ އެކްޓްރެސްއެއް ނެތް ކަމަށް ބުންޏަސް މަހުދީ ބުނީ ނިއުމާ އަކީ ވެސް ޝީރާނީ ފަދައިން ނިކަން "ސޮލިޑް" ޕާފޯމެންސްތަކެއް ދޭ އެކްޓްރެސްއެއް ކަމަށެވެ.

އާފަތިސް ނޫހާއި ހަވީރު ނޫހުގައި ދިވެހި ސިނަމާގެ ވާހަކަ އެންމެ ގަދަ އަށް ގެނެސްދިން ލިޔުންތެރިޔަކީ ހަވީރުގެ މިހާރުގެ އެޑިޓަރެއް ކަމުގައިވާ އިސްމާއީލް ނަސީރެވެ. އޭނާގެ ވެސް ފެވަރިޓަކީ ޝީރާނީ އެވެ.

އެހެންވީމަ ފާޑުކިޔުންތެރިންނާއި ބެލުންތެރިންނާއި ފިލްމީ ދާއިރާގެ މީހުންގެ ހޮވުމަކީ ވެސް ޝިރާނީ ހެއްޔެވެ؟

"ރޮމޭންޓިކް ސީންތަކަށް ނިޝާ ވަރަށް މޮޅު. ހިތާމަވެރި މަންޒަރުތަކެއް ކުޅޭ ނަމަ ނިއުމާ ވަރެއް ނެތް. ލަވަތަކަށް ނިއުމާ އަށް ވުރެ ރަނގަޅީ ނިޝާ. ނިއުމާ ރަނގަޅުވާނެ ރުޅިގަދަ މަންޒަރުތަކަށް ވެސް. ނިޝާއަކާ އެހާ ނުގުޅޭނެ،" އިސްމާއީލްގެ ވާހަކަ ކުރިއަށް ގެންދިޔައީ މިހެންނެވެ.

"އެކަމަކު އަހަރެންނަށް ހަމަ އަބަދުވެސް އެންމެ ކަމުދަނީ ޝިރާނީ."

އެހެންވީމަ ނިއުމާގެ ދިގު ކެރިއަރުގެ މަސައްކަތްތަކަށް މި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ޝީރާނީ ދައްކާލި "ޕާފެކްޓް" ހުނަރުވެރިކަމެއްގެ ހިޔަނި އެޅިފައެއް ނޫން ހެއްޔެވެ؟

ކޮންމެއަކަސް ނިއުމާ އާއި ޝިރާނީގެ ވާހަކައެއް ކުރީގެ ދެ ތަރިން ކަމުގައިވާ ގިއާސް އާއި އިސްމާއިލް ވަޖީހާ ނުލައި ނިންމާލާކަށް ނުވާނެ އެވެ.

އެންމެ ފުރަތަމަ ގިއާސް ބުނަނީ ކީކޭތޯ ބަލާލަމާ ހިނގާށެވެ.

"އެހެން މީހުންނާ ވަރަށް ގުޅިގެން މަސައްކަތްކުރާ މީހެއް އެއީ. މިސާލަކަށް ސްކްރިޕްޓް ދިނީމަ ކެރެކްޓާ ކިޔާލާ ސިކުނޑިއަށް ވަރަށް މޮޅަށް ނަގައިގެން މަސައްކަތްކުރަން ފަށާނީ. އަނެއްކޮޅުން ބުނާ ބަސް ވެސް ވަރަށް އަހާނެ،" ޝީރާނީއާ ބެހޭ ގޮތުން ގިއާސް ބުންޏެވެ.

"އަދި ކިތަންމެ ގިނަ ޝޮޓެއް ނަގަން ނެޖުނަސް މޫޑަކަށް ވެސް ބަދަލެއް ނާންނާނެ އޭނާގެ."

"ނިއުމާ އަކީ ވަރަށް މޮޅު އެކްޓްރެސްއެކޭ ބުނެވޭނީ"

"މި ދެ މީހުންނަކީ ތަފާތު ދެ ގޮތަކަށް މޮޅު ދެ މީހުން. ބުނެދޭން ނޭނގޭ. ދެ މީހުންގެ ތެރެއިން އެކަކު ނަގަން ވަރަށް އުނދަގޫ."

ދެން މި އޮތީ އިސްމާއީލް ވަޖީހުގެ ހިޔާލެވެ.

"ޝީރާނީ އަކީ ވަރަށް އަހުލާގު ރަނގަޅު، މަސައްކަތަށް ނިކަން ފަރުވާ ބެހެއްޓި ބަތަލާއެއް. ވަރަށް ފަސޭހައިން ކެރެކްޓާގެ ތެރެއަށް ވެސް ވަދެގަންނަ ސްޓާރެއް. ނިއުމާއާ މެދު ބުނެވޭނީ މިއަދު ވެސް އޭނާ އެ ދަނީ މޮޅު ހުނަރު ދައްކަމުންނޭ އެހެންވީމަ އޭނާ އަކީ ކިހާ މޮޅު އެކްޓަރެއްކަން އެބަ ސާބިތުކޮށްދެޔޭ،" އިސްމާއީލް ވަޖީހު ދެން ޖަހާލީ ހިނިގަނޑެކެވެ.