ހަބަރު

ބޭރަށް ފުރާ މީހުންގެ ކްލާހަށް ބިނާކޮށް އާ ޓެކްސްއެއް ނަގާ ބިލެއް

ރާއްޖޭން ބޭރަށް ފުރާ މީހުންގެ އަތުން ނަގާ ސާވިސް ޗާޖްގެ ބަދަލުގައި އެ މީހުން ދަތުރުކުރާ ކްލާހަށް ބިނާކޮށް އާ ޓެކްސްއެއް ތައާރަފު ކުރަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ. ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ އެ ގާނޫނުގެ ދަށުން ޓެކްސްއެއްގެ ގޮތުގައި ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖް ނެގުން ހުއްޓާލާ ފަސިންޖަރުން ދަތުރުކުރާ ކްލާހަށް ބިނާކޮށް ޑިޕާޗާ ޓެކްސްގެ ނަމުގައި އާ ޓެކްސްއެއް ތައާރަފު ކުރުން ކަމަށެވެ.

އެކަމަކު އެ ބިލްގައިވާ ގޮތުން، އަންނަ މާޗު މަހުގެ ފަހު ދުވަހުގެ ނިޔަލަށް އެއާޕޯޓް ސާވިސް ޗާޖް ނެގޭނެ އެވެ. އަދި ބިލުގައި ބުނާ ގޮތުންނަމަ އަލަށް ތައާރަފު ކުރާ ޑިޕާޗާ ޓެކްސް ނަގަން ފަށާނީ އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭ މީހުންނާއި ޓްރާންސިޓް ފަސެންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދިން ޑިޕާޗާ ޓެކްސް ނެގުމުން އިސްތިސްނާ ވާނެ ކަމަށް ބިލްގައި ބުނެ އެވެ.

އޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް ފީ (އޭޑީސީ) ގެ ރޭޓްތައް ވެސް ދަތުރު ކުރާ ބިނާކޮށް ބަދަލު ކުރަން ބިލުގައި ހިމަނާފައިވެ އެވެ. ބިލުގައިވާ ގޮތުން ވެލާނާ އެއާޕޯޓުން ދަތުރު ކުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އޭޑީސީ ނަގާނެ އެވެ.

އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން މިހާރު 12 ޑޮލަރު ނަގާއިރު ބިދޭސީންގެ އަތުން ނަގަނީ 25 ޑޮލަރެވެ. އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ވެސް ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަ އެވެ. އެހެންކަމުން ވޭލާނާ އެއާޕޯޓުން ފުރާ ދިވެހިންގެ އަތުން 24 ޑޮލަރު އަދި ބިދޭސީންގެ އަތުން 50 ޑޮލަރު ނަގަ އެވެ.

ބިލުގައިވާ ގޮތުން އަލަށް ތައާރަފު ކުރާ ޑިޕާޗާ ޓެކްސް ނަގާނީ އިކޮނޮމީ ކްލާހުން ދަތުރުކުރާނަމަ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރެވެ. ބިޒިނަސް ކްލާހުންނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 60 ޑޮލަރު ނަގާ ގޮތަށެވެ. ފަސްޓް ކްލާހުންނަމަ 60 ޑޮލަރު ނަގާ ގޮތަށް އަދި ޕްރައިވެޓް ޖެޓުންނަމަ 120 ޑޮލަރު ނަގާ ގޮތަށެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި އެއާޕޯޓް ސާވިސް ޗާޖާއި އޭޑީސީގެ އިތުރުން އަލަށް ތައާރަފު ކުރާ ޑިޕާޗާ ޓެކްސް ނެގުމުގެ ހުރިހާ ޒިންމާއެއް އަދާ ކުރަން ޖެހޭނީ ފަސިންޖަރަކު ދަތުރުކުރާ އެއާލައިނަކުންނެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް މީރާއަށް އެ ޓެކްސްތައް ނުދައްކައިފިނަމަ ޓެކްސް ނެގުމާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.