ގަން އިންޓަނޭޝަނަލް އެއާޕޯޓް

ގަން އެއާޕޯޓު މަޝްރޫއުގައި ސޮއިކުރުން އާދިއްތަ ދުވަހު

ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އިންޑިއާގެ ރެނާޓާސް ކުންފުންޏާއެކު ސޮއިކުރުން މިމަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ސްޓްރެޓީޖިކް ޕާޓްނަޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން އައްޑޫ އެއަޕޯޓާއި، އައްޑޫ ރީޖަނަލް ސީޕޯޓް ޕްރައިވަޓައިޒްކުރުމަށް ގޮވާލާ ގަރާރުގެ ބަހުސްގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އައްޑޫ އިންޓަނޭޝަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ހިންގާ ޖީއައިއޭއަކީ މިހާރުވެސް ޕްރައިވަޓައިޒް ކޮށްގެން ހިންގާ އެއާޕޯޓެއް ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ޖީއައިއޭ ތަރައްގީކުރުމަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ 28.5 މިލިޔަން ޑޮލަރުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން ވެސް މިމަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އައްޑޫ އެއާޕޯޓް ތަރައްގީކުރަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

އަސްލަމް ވިދާޅުވީ އޭގެ އިތުރުންވެސް ވަރަށް ގިނަ ހިދުމަތްތަކެއް މިހާރުވެސް ގާއިމުވަމުންދާ ކަމަށެވެ. އޭގެ ތެރޭގައި އިންފްލައިޓް ކޭޓަރިން ސާވިސްގެ ހިދުމަތް ހިިމެނޭ ކަމަށް ވިދާޅުވި އެވެ.

ޖީއައިއޭ ތަރައްގީކުރަން ނިންމާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނަކުން ކަމަށްވާތީ މިމަޝްރޫއުގެ ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރީ އިންޑިއާ ސަރުކާރުންނެވެ.

ޖީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓަސްއާ ހަވާލުކުރީ މިމަޝްރޫއަށް ޕްރީ ކޮލިފައި ކުރި ހަތް ކުންފުނީގެ ތެރެއިންނެވެ.