ރައީސް މުހައްމަދު ނަޝީދު

ކުލި ކޮންޓްރޯލް ކޮށްގެން ލިބޭ ގެއްލުން ބޮޑު: ނަޝީދު

މޭލޭގައި ކުލި ކޮންޓްރޯލް ކުރުމުން އިގްތިސާދަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އާންމުން ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން "އާސްކް ސްޕީކާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރަގްރާމްގައި އާންމުންގެ މީހަކު ވަނީ މާލޭގައި ކުލި ކޮންޓްރޯލް ކުރުމަށް ވިސްނަވަންތޯ ރައީސް ނަޝީދަށް ސުވާލު ކުރައްވާފައެވެ.

ގިނަ ބަޔަކު މާލޭގައި ބޮޑު ކުލީގައި އުޅެންޖެހިފައިވާއިރު މިއީ ގިނަ އެތައް ބައެއްގެ ކަންބޮޑުވުމެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ އެފަދަ ކަންކަމާއި ނުކުޅުން ކަމަށެވެ. މާލޭގައި ކުލީގެ އަގު ބޮޑުވެފައިވަނީ އިމާރާތް ކުއްޔަށް ހިފަން ބޭނުންވާ މީހުންގެ އަދަދު ގިނަވެ، އިމާރާތްތައް މަދުވުމުން ކަމަށާ ކުލި ދަށް ކުރެވޭނީ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް އިމާރާތްތައް ހެދިގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުލި ކޮންޓްރޯލް ކޮށްފިނަމަ އެކަމުގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރާނެ ކަމަށެވެ. އަދި ކުލި ކޮންޓްރޯލް ކުރުމަށް މިހާތަނަށް މަސައްކަތް ކުރި ގައުމުތަކުން ރަނގަޅު ބަދަލެއް ފެނިފައިނުވާ ކަމަށް ވިދާޅުވިއެވެ.

"އެމްޑީޕީއަކީ ސެންޓާ، ރައިޓް، [މެދު، ކަނާތު] ވިސްނުމުގެ ޕާޓީއެއް. އަޅުގަނޑުމެންނަކީ ވީ މިންވަރަކުން މާރުކޭޓްތަކާއި ނުކުޅެވޭތޯ ބަލާ ބައެއް. ކުލި އެ ބިނާވެފައި އެ އޮންނަނީ ކިތަށް މީހުންތޯ އިމާރާތެއް ބޭނުމިއްޔާ ކިތަށް އިމާރާތްތޯ ހުރީވިއްޔާ، އެކަމުގެ މައްޗަށް. މިހާރު ކުލި މައްޗަށް ދަނީ އިމާރާތް މަދުވެފައި ބޭނުންވާ މީހުން ގިނަ ވީމަ. ދެން ކުލި ދަށްވާނީ އިމާރާތް ގިނަވެފައި ބޭނުންވާ މީހުން މަދުވީމަ. އެއަށް އަޅުގަނޑުމެން ވަދެ ގޮސް، ކުލި ކަނޑައަޅައިފިނަމަ ދެން އިގްތިސާދުގެ އެހެން އެތަށް ތަނަކުން ކިތަންމެ ނަހަމަ ކަންތައްތަކެއް ނިކުންނާނެ. އޭރުން އިގްތިސާދަށް ލިބޭ ގެއްލުންވެސް އެހެންވީމާ އާންމު ހަލާތަށް ލިބޭ އުނިކަންވެސް ވަރަށް ބޮޑުވާނެ. ރެންޓް [ކުލި] ފަދަ ކަންކަން ކޮންޓްރޯލްކުރަން އުޅުނު މުޖްތަމައުތަކުން ނުވަތަ އިގްތިސާދުތައް ރަނގަޅަށް ހިނގާފަ އޮތް ތަނެއް ނުފެނޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުލި ކޮންޓްރޯލް ކުރެވެން އޮތީ އިމާރާތްތަކަށް އޮތް ޑިމާންޑް ދަށް ކުރެވިގެން ކަމަށެވެ.