ވިޔަފާރި

ދެކުނު އެފްރިކާ އިން ގަމަށް މި އަހަރުވެސް ފްލައިޓް ތަކެއް

Dec 9, 2019

ޓޫރިޒަމްގެ މައި ސީޒަންއާ ދިމާކޮށް، ދެކުނު އެފްރިކާ އިން ސ. ގަމަށް މި އަހަރު ވެސް ފްލައިޓްތައް ފަށައިފި އެވެ.

ސައުތު އެފްރިކަން އެއާލައިންސް އިން ގަަމަށް ތިން ވަނަ ބުރުގެ މަތިން އައި ފުރަތަމަ ފްލައިޓް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ އިއްޔެ އެވެ. މި އެއާލައިނުން ހަފްތާ އަކު އެއް ފްލައިޓް ބާއްވާނެ އެވެ. މި ދަތުރުތައް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ސައުތު އެފްރިކަން އެއާލައިންސްގެ މި ދަތުރުތަކުގައި ގަމަށް ޖައްސާނީ އެއާބަސް އޭ 340 މަރުކާގެ ބޯޓު ފަހަރެވެ. މީގެ ބޯޓަކުން 300 މީހުން އުފުލޭނެ އެވެ.

ގަމަށް މި ދަތުރުތައް ބާއްވަނީ ސައުތު އެފްރިކަން އެއާވޭޒް އާއި ދެކުނު އެފްރިކާގެ އެއާ ޓުއާ އޮޕަރޭޓަތެއް ކަމަށްވާ ޓުއާ އޮޕަރޭޓާޒް (އޭޓީއޯ) ގުޅިގެންނެވެ. ހާއްސަ މި ޗާޓަރު ދަތުރުތައް އެންމެ ފުރަތަމަ ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހާއި އޮކްޓޯބަރު މަހު އެވެ. އެގޮތުން މި އެއާލައިނުން މިހާތަނަށް 24 ޗާޓަރު ފްލައިޓު ބާއްވާފައިވެ އެވެ.

އައްޑޫއަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ސަރަހައްދެވެ. ނަމަވެސް މި ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރަން ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ނަމަވެސް މި ސަރުކާރުން ވަނީ މި ސަރަހައްދުގައި އިތުރު 4،000 އެނދު އިތުރު ކުރާނެކަމުގެ ވައުދެއްވެފަ އެވެ. މިހާރުވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ ޓޫރިޒަމަށް ބިންތަކެއް ބިޑަށް ލާފަ އެވެ. އައްޑޫގައި މިހާރު ހިންގަނީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓާއި ހެރަތެރޭގައި ހިންގާ ކެނަރީފް މޯލްޑިވްސް އާއި އީކުއޭޓާ ވިލެޖުގެ އިތުރުން، އެންމެ ފަހުން ހުޅުވި ސައުތު ޕާމް ރިސޯޓެވެ.

ގަމަށް މިހާރު ޝެޑިއުލް ފްލައިޓް ބާއްވަނީ ހަމައެކަނި ސްރީލަންކަން އެއާލައިންސް އިންނެވެ. އެ އެއާލައިނުން ފްލައިޓު ފެށިތާ ތިން އަހަރު ވެއްޖެ އެވެ.