ސައުތު އޭޝިއަން ގޭމްސް

ޓީމުން ދިން ވަރުގަދަ މެސެޖު, ދޭންވީ ވާދަކުރުމުގެ ފުރުސަތު

މިދިޔަ ހަތަރު ވަރަކަށް އަހަރު ދިޔައީ ރާއްޖޭގެ އަންހެން ބާސެކްޓްބޯޅައަށް މުބާރާތެއް ނެތި އެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖޭގެ އަންހެން ޓީމަށް ފުރުސަތެއް ނުލިބުނެވެ. މިއަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިންވެސް ފުރުސަތެއް ނުލިބުނެވެ.

ވާދަ ކުރާނެ މުބާރާތެއް ނެތުމުން އަންހެން ޓީމުން ތިބީ މާޔޫސްކަން މަތީގަ އެވެ. ބައެއް ކުޅުންތެރިން ޕާޓްޓައިމްކޮށް އެހެން ކަންކަމަށް ހުސްވެގެން ތިބީ އެވެ. ކުރިން ބާސްކެޓަށް ހުސްވެގެން ތިބި ކުޅުންތެރިންނަށް އެހެން އެސޯސިއޭޝަންތަކުން ލިބުނު ދައުވަތުތަކަށް ދީލާލާފައިވެސް އެބަހުއްޓެވެ. މީޑިއާ ވާހަކަ ދައްކަން ލިބޭ ފުރުސަތުތަކުގައި ކުޅުންތެރިންގެ އެ ޝަކުވާ މީޑިއާ ތިލަ ވެއެވެ.

"ގައުމީ ޓީމު މުބާރާތަކަށް ދާން އޮތީމަ ކޮންމެ ފަހަރަކުވެސް ވަރަށް އުންމީދު ކޮށްގެން ހުންނަނީ ދެވޭނެކަމަށް، އެކަމަކު އެންމެ ފަހު ވަގުތު ގައުމީ އަންހެން ޓީމަކަށް ފުރުސަތެއް ނުލިބޭ،" އިއްޔެ ލަންކާ އާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ފާތިމަތު ޝައިލާން އަފްޒަލްގެ މިދިޔަ އަހަރު އަވަސް އާ ވާހަކަ ދައްކަމުން ބުނެފައި ވެއެވެ. "(ބާސެކްޓް ދޫކޮށްލާފައި) އެހެން ކުޅިވަރުތަކަށް ފުރުސަތުވެސް ލިބޭ، އެހެންނަމަވެސް އަޅުގަނޑު ބާސްކެޓަކާ ދުރަކަށް ނުދާނަން،"

މިއީ ޝައިލާންގެ ވާހަކަ އެވެ. ލަންކާގެ ކުޅުންތެރިން ހުއްޓުވުމުގައި ޝައިލާން އެންމެ ފިޔަވަޅެއްވެސް ފަހަތައް ނުޖެހުނެވެ. އޭނާގެ ތަޖުރިބާ މަދުވިޔަސް ގައުމީ ޖޯޒީގައި އިއްޔެ އޭނާ ދެއްކި ކުޅުން އެންމެންނަށްމެ ފާހަގަވި އެވެ. އެއީ ޝައިލާންގެ ވާހަކަ އެވެ. އަންހެން ޓީމަށް ނުލިބި އޮތް އިންޓަނޭޝަނަލް އެކްސްޕޯޝާއާ މެދު ރާއްޖޭގެ ކުޅިވަރުގެ އިސް ފަރާތްތަކުން ވިސްނަން ޖެހެ އެވެ.

އަންހެން ބާސްކެޓްބޯޅަ ޓީމު އަބަދު ބާކީ ވެފައި އޮންނަން ޖެހޭ ސަބަބެއް ނެތެވެ. އިއްޔެ ލަންކާ ބަލިކޮށް ސެމީފައިނަލުގެ ޖާގަ ކަށަވަރު ކުރި މެޗުގައި އެކަނިވެސް އަންހެން ޓީމުން އެ މެސެޖު ދީފި އެވެ. އަންހެން ޓީމު އެކުލަވާލަފައި ވަނީ ތަޖުރިބާކާރު ކުޅުންތެރިންނާއި ގިނަ ޒުވާން ކުޅުންތެރިންތަކެއް ހިމަނައިގެންނެވެ. މިދިޔަ ހަތަރު އަހަރުތެރޭ އަންހެން ޓީމަށް ގަވާއިދުން ފުރުސަތު ލިބެމުން ދިޔަ ނަމަ ޒުވާން ކުޅުންތެރިންވެސް ޑިވަލޮޕްވުމަށް އިތުރު ބާރަކަށް ވާނެ އެވެ.

ދެން އޮތް އަނެއް ކަމަކީ ލޯކަލް މުބާރާތްތައް ވާދަވެރިކޮށް ބޭއްވުމެވެ. ޓީމު ސްޕޯޓްތަކުގައި ގައުމީ ޓީމުގެ ޕާފޯމަންސް ރަނގަޅު ކުރަން އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ލޯކަލް މުބާރާތްތައް ގިނަ ދުވަސްތަކަކަށް ކުރިއަށް ގެންދެވޭނެ ހެން ވާދަވެރިކޮށް ގެންދިއުމެވެ. އެއީވެސް ގައުމީ ޓީމުގައި ކުޅުންތެރިންގެ ޕާފޯމަންސް ރަނގަޅު ކުރުމަށް އޮތް މުހިންމު ފުރުސަތެކެވެ.