ރިޕޯޓް

މެދު އިރުމަތިން ގެނައީ ހުރަގޭގެ ތަޅުދަނޑި؟

ބުނަން މިއުޅޭ އެއްޗަކާ ހަމައަށް ދެވެން އަންނަނީ މެދު އިރުމަތީގައި މިހާރު އޮތް ހާލަތަށް އަވަސް ކަޅިއެއް ހިންގާލުމަށްފަހު އެވެ. ބައިނަލްއަގުވާމީ މައިދާނުގައި މެދުއިރުމަތީގެ ބާރާއި ހައިބަތު ދެއްކުމަށްވިޔަސް، އިރާނު މައިތިރިކޮށްފައި ބާއްވަން އެމެރިކާ ރުއްސުން ކަމުގައިވިޔަސް، ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ ރަމްޒުކޮށްދެނީ ވަކިނުކުރެވޭނެ ފަދަ އެކުވެރިކަމެކެވެ. މިސްރުން ފެށިގެން ސޫދާނާއި އެފްރިކާއާ ހަމައަށް އެ ދެގައުމުގެ މުއްސަނދިކަމުން ކުރި ފަޅާ ނުފޫޒުގެ ދިގު ހިޔަންޏެވެ. އަދި ދާދި ފަހުން ޔަމަނުގައި ހަތިޔާރާއެކު ދެގައުމުގެ ވަރުގަދަ އަސްކަރީ ބާރެވެ. ކުރު ގޮތަކަށް ބުނަނީނަމަ، ސައުދީއާއި ޔޫއޭއީ ގުޅުން ވަރަށްވެސް ގާތެވެ. އެހާމެ އެކުވެރި އެވެ. ދެ ގައުމެއް ނަމަވެސް ހަމަ ގާތްގަނޑަކަށް އެކައްޗެކެވެ. އެ ދެ ގައުމުގެ ގާތް ގުޅުމުގެ ވާހަކަ އެހާ ހިސާބުގައި ބާއްވާފައި މީގެ ދެ ހަފުތާއެއްހާ ދުވަސް ފަހަތަށް ޖެހިލާނީ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހަކީ ފާހަގަކޮށްލެވޭ ތަފާތު އަދި ހާއްސަ ދުވަހެކެވެ. މި ސަރުކާރަށް ހާއްސަ ދުވަހެކެވެ. އެއީ އެމްޑީޕީ އިސްވެ އޮތް މި ސަރުކާރުގައި ފުރަތަމަ ފަހަރަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި ރާއްޖޭން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ފެއްޓެވި ދުވަހެވެ.

އަބޫދާބީން ފެނުނީ ހުސް އިއްތިފާގު؟

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރެކޯޑުތަކުން ދައްކާނީ ރައީސް ސޯލިހު ޔޫއޭއީއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ކަމެވެ. ބުނީވެސް އެހެންނެވެ. ރައީސް ސޯލިހު އަބޫދާބީއަށް ވަޑައިގެންނެވީ އެ ގައުމުގެ ވަލީ އަހުދު، ޝައިހު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ދެއްވި ދައުވަތެއްގަ އެވެ. އަނެއް ކޮޅުން މަޖިލީހުގެ އިދާރާގެ ރެކޯޑުގައި ވެސް އޮންނާނީ ހަމަ ދާދި އެކައްޗެކެވެ. ރައީސް ސޯލިހުގެ އަރިހުގައި މަޖިލީހުގެ ރައީސް އަބޫދާބީއަށް ވަޑައިގެންނެވިކަމެވެ.

އެހެނަސް، މިވަގުތު ރާއްޖޭގެ ވެރިކަމުގެ މައި ދެ ތަނބު ކުއްލިގޮތަކަށް، އެކުގައި ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަކީ ކުޑަކަމަކަށް ނުވާނެ އެވެ. ސަބަބު ވަރަށް މުހިންމު ވާނެ އެވެ. ރައްޔިތުންވެސް ތިބީ ވަރަށް އުފަލުންނެވެ. ނުހިންގިފައިހުރި މަޝްރޫއުތަކަށް އަނެއްކާވެސް ލައްކަ ގިނަ ޑޮލަރު ހިފައިގެން އަންނާނެކަމުގެ އުއްމީދު ބޮޑުވި އެވެ. ނަމަވެސް، އެ ދަތުރުފުޅުން ފެނިގެން ދިޔައީ މުޅީން އެހެން މަންޒަރުތަކެކެވެ. ދެ ރައީސުން އެކުގައި ކުޅިވަރު ކުޅުއްވަނިކޮށެވެ. ވަރަށް ބުރަކޮށް އުޅުއްވި ދުވަސްތަކަކަށްފަހު ދެ ބޭފުޅުން އަބޫދާބީގެ ގޮނޑުދޮށުގައި އަރާމުކުރައްވާ ހިތްގައިމު ފޮޓޯގަނޑެވެ.

އެކަމަކު ގައުމުގެ ދެ ރައީސުންނަށް ދައުވަތު އަރުވައިގެން، ޔޫއޭއީއަށް ގެންދެވި "ރަސްމީ" ސަބަބެއް ފޮޓޯތަކުގެ ދަތުރުނާމާއިންވެސް ނުފެނުނެވެ. އަބޫދާބީގެ ވަލީ އަހުދު، ޝައިހު މުހައްމަދު ބިން ޒައިދު އަލް ނަހްޔާނާ ރައީސް ސޯލިހު ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެހެނަސް އެ ބައްދަލުވުންވެސް އެފަދަ އެހެން "ރަސްމީ" މަޝްވަރާތަކާ ތަފާތުކަން ވަރަށް ބޮޑަށް ހާމަވި އެވެ.

ޔޫއޭއީގެ ޝާހީ އާއިލާގެ ފުރިހަމަ ހަތް ތަރީގެ މެހެމާންދާރީ ދެ ރައީސުންނަށް އެރުވި އެ ދަތުރުފުޅުގެ "ރަސްމީ" ހައިސިއްޔަތާމެދު ސުވާލު އުފެދިގެން އުޅެނިކޮށް، އަބޫދާބީގެ ބިމުން އެހެން ފޮޓޯގަނޑެއްވެސް ނުކުތެވެ. ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މެދުގައި ބަހައްޓަވައިގެން ދެ ރައީސުން ނެންގެވި ފޮޓޯ އެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު އަބޫދާބީއަށް ވަޑައިގެންނެވިއިރު ޕްރިންސް މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށް ޕްރިންސް މުހައްމަދު ބިން ސަލްމާން ވެސް ހުންނެވީ އަބޫދާބީއަށް ވަޑައިގެންނެވެ. އެހެންވީމާ، އެ ބައްދަލުވުމަކީ ވަރަށް ކައިރި އިއްތިފާގެކެވެ.

ރައީސް ޔާމީންގެ ހުކުމާ ގުޅިފައި؟

ނަމަވެސް، ދެ ރައީސުން އެކުގައި ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އެހެން ކަމެއްވެސް އެބަ އޮތެވެ. އެ ދަތުރުފުޅު ފެއްޓެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިތާ ދެ ދުވަސް ފަހުންނެވެ. ހަގީގަތުގައިވެސް އެއީ ހަމަ އިއްތިފާގަކަށް ވެދާނެ އެވެ. ހުކުމުގެ ފަހުން ދެ ރައީސުން ކުރައްވާ ކޮންމެ ކަމެއް ރައީސް ޔާމީނާ ގުޅުވާކަށް ނުވާނެ އެވެ.

އެކަމަކު އިދިކޮޅު ކޯލިޝަނުން އިވެނީ އިއްތިފާގެއްކަމަށް ބުނެ ދޫކޮށްލެވޭނެ ފަދަ އަޑުތަކެއް ނޫނެވެ. ޕްރައިވެޓް ޖެޓެއް ފޮނުވައިގެން، "ކާރު ރޭހެއް" ބައްލަވާލައްވަން ޔޫއޭއީއަށް ގެންދެވި ދައުވަތު އައީ ސީދާ ސައުދީން ކަމަށްވެ އެވެ. ޗައިނާ ނަގާފައި، ރައީސް ޔާމީންގެ ސަރުކާރާ އެންމެ ގާތް ގުޅުމެއް އޮތީ ސައުދީއާއެކު ކަމީ ސިއްރެއް ނޫނެވެ. ހާއްސަކޮށް ސައުދީ ރަސްގެފާނާއި ރައީސް ޔާމީނާ ދެމެދު ވަރަށް ގާތް ރަހުމަތެރިކަމެއް އޮތްކަމީވެސް ހަގީގަތެކެވެ. އެމަނިކުފާނުގެ ސަރުކާރުގައި ކުރިއަށް ގެންދެވި ބިޔަ މަޝްރޫއުތަކަށް ސައުދީން ވެދިން ދީލަތި އެހީތަކުން އެކަމަށް ބާރުލިބެ އެވެ. އަދި ސައުދީގެ ޝާހީ އާއިލާއަށް ރާއްޖޭގެ ބޮޑު އަތޮޅެއް ވިއްކާލަން އުޅުނު ކަންވެސް މިހާރު ވެފައިވަނީ އެންމެންނަށް އެނގޭ ބޮޑު ސިއްރަކަށެވެ.

ޕީޕީއެމް އެތެރެ ކޮއިލުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ސައުދީގެ ފަސްގަނޑުގެ ބަދަލުގައި މުހައްމަދު ދެ ރައީސުންނާ ޔޫއޭއީން ބައްދަލުކުރެއްވީ "އިއްތިފާގަކަށް" ހައްދަވައި، ސައުދީގެ ބައިވެރިވުމެއް ނެތްކަން ދެއްކުމުގެ ބޭނުމުގަ އެވެ. އެ ބައްދަލުވުމުގައި މިވަގުތު ޖަލުގައި އޮންނެވި ރައީސް ޔާމީނަށް "ލުޔެއް" ދިނުމުގެ އިލްތިމާސެއް ކުރެއްވިކަން ވަނީ އެނގިފަ އެވެ.

ކޮންމެއަކަސް، ދެ ރައީސުން އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، އެނބުރި ވަޑައިގެންނެވީ އެ ހަފްތާގެ ހޯމަ ދުވަހެވެ. އޭގެ ހަތަރު ދުވަސް ފަހުން "އަނިޔާވެރި ހުކުމާއި ދެކޮޅަށް" މިނަމުގައި ކާނިވާ ސަރަހައްދުގައި އިދިކޮޅުން ޖަލްސާއެއް ބޭއްވި އެވެ. އެ ޖަލްސާގައި، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ސައުދީގެ "އިލްތިމާސަށް" ބާރުލިބޭ ފަދަ އިއުލާނެއް ކުރެއްވި އެވެ. ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ރައީސް ޔާމީން ޖަލު ގޮޅިން ގެއަށް ބަދަލުކުރެވިގެންދާނެކަމަށް ނައިފަރު ދާއިރާގެ މެންބަރު އެ ރޭ ވިދާޅުވި އެވެ.

ސިޔާސީ މީހުން ސިޔާސީ ވާހަކަ ދައްކާނެއޭ އެއްބަޔަކު ބުނެފާނެ އެވެ. އެހެނަސް، ޝިޔާމް އެ ރޭ ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރާ ވާހަކައެއް ނޫނެވެ. އިދިކޮޅު ސަޕޯޓަރުންނަށްވީ ރައީސް ޔާމީން ގެއަށް ބަދަލުކުރާނެކަމުގެ ވައުދެވެ. އަދި އެކަން ކުރާނެ ސީދާ ތާރީހެއްވެސް ޝިޔާމް އެ ރޭ ދެއްވި އެވެ.

"އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ، އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި، ގިނަވެގެން ޖެނުއަރީ ހައެއްގެ ކުރިން އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ގެއަށް ބަދަލު ކުރާނަން. އިރާދަ ކުރެއްވިއްޔާ ޖެނުއަރީ ހައެއްގެ ކުރިން އަޅުގަނޑުމެން ރައީސް ޔާމީން ގެއަށް ބަދަލު ކުރާނަން،" އެއީ މިދިޔަ ހުކުރު ދުވަހުގެ ރޭ ޝިޔާމް ދެއްވި ތާރީހެވެ.

އޭގެ ފަހުން، މިދިޔަ އާދީއްތަ ދުވަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ވަނީ ރާއީސް ސޯލިހާ ބައްދަލުކުރައްވައިފަ އެވެ. ނަމަވެސް އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކެއް ތަފްސީލެއް އެއްވެސް ފަރާތަކުން ނުދިނެވެ. އިދިކޮޅުން ހަމައެކަނި ބުނީ އެ ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ރައީސް ޔާމީންގެ ސިއްހީ ހާލަތާއިމެދު އޮތް ކަންބޮޑުވުން ރައީސާ ހިއްސާކުރުން ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް ނުލިބުނެވެ.

ފަހުގެ ތާރީހަށް ބަލާއިރު، ރާއްޖޭގެ ސިޔާސީ ލީޑަރުން ޖަލު ގޮޅިން މިނިވަންކޮށްދިނުމުގެ "އިލްތިމާސް"ތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބެ އެވެ. ކުރީ ސަރުކާރުގެ ދުވަސްވަރު، އެ ރާޅު ނަގަނީ ހުޅަނގުންނާއި އަވަށްޓެރި ގައުމަކުންނެވެ. މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ހަމަ އެ ޒާތުގެ ރާޅެއް ނެގި އެވެ. އެ ފަހަރު "ގުޅުން ބަދަހިކުރަން" ކަމަށް ބުނެ އަވަށްޓެރި ދެ ގައުމެއްގެ މިނިސްޓަރުންގެ ވަފުދެއް ރާއްޖެއަށް ޒިޔާރާތްކުރެއްވި އެވެ. އެ ވަފުދުތަކުން އޭރުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރިފަހުން 24 ގަޑިއިރު ނުވަނީސް، އޭރު ޖަލުގައި ހުންނެވި ސިޔާސީ ލީޑަރަކު އަވަސް އަވަހަށް ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފުރުވާލި އެވެ.

އެއީ އޭރުގެ ވާހަކަ އެކެވެ. އޭރު އެކަމެއް ހިނގީ ހުޅަނގުން ވާގިލިބިގެން އަވަށްޓެރި ދެ ގައުމަކުން އެކުވެގެން ނެގި ރާޅެއްގަ އެވެ. އެކަމަކު ހުރަގޭގެ ތަޅުދަނޑި މިފަހަރު ލެއްގީ މެދުއިރުމަތިން އައި އޮޔާއެކުކަމަށް ބެލެވެ އެވެ. ދެން އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހަށް އިންތިޒާރުކުރުމެވެ. އެކަމަކު އެއްކަމެއް ޔަގީނެވެ. މި ސަރުކާރުގައި މިފަދަ ސީޔާސީ ކަންކަން ހިނގާ އުސޫލުން، އެކަންވެސްވެ ނިމޭނީ އިއްތިފާގަކަށް ވެގެންނެވެ.