އިލެކްޝަންސް ކޮމިޝަން

ޖަސްޓިސް ޕާޓީ އުފައްދަން ހުއްދައެއް ނުދިން

މޯލްޑިވްސް ޖަސްޓިސް ޕާޓީ (އެމްޖޭޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށައެޅި ނަމަވެސް އެ ހުއްދަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަދި އެ ކޮމިޝަންގެ އިސް ތަރްޖަމާން އަހުމަދު އަކްރަމް ވިދާޅުވީ މޯލްޑިވްސް ޖަސްޓިސް ޕާޓީ (އެމްޖޭޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށައެޅި ނަމަވެސް އެ ހުއްދަ ނުދިނުމަށް އެ ކޮމިޝަނުން ނިންމީ މިހާރު ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީއެއްގެ ނަމާ، އެ ނަން އެއްގޮތް ކަމަށް ކޮމިޝަނަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެމްޖޭޕީ އުފެއްދުމަށް ހުއްދަ ނުދިނީ އަދާލަތު ޕާޓީގެ ނަމާއި އެއްގޮތް ކަމެއް ހުރުމުންނެވެ. ކޮންމެ ސިޔާސީ ޕާޓީއަކަށް ދިވެހި ބަހާއި، އިނގިރޭސި ބަހުން ކިޔާނެ ގޮތް ކަނޑައަޅާއިރު، އަދާލަތު ޕާޓީގެ އިނގިރޭސި ނަމެއްގެ ގޮތުގައި ޖަސްޓިސް މި ނަން ބޭނުންކުރެއެވެ.

"ދިވެހި އެންމެންގެ ޕާޓީ" ނަމުގައި ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ދީފައެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް ދިހަ ޕާޓީއެއް އެބައޮތެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްޑީއޭ، ޑީއާރުޕީ، ޕީއެންސީ، ލޭބާ ޕާޓީ، އެމްޓީޑީގެ އިތުރުން އެންމެ ފަހުން ރަޖިސްޓްރީ ކުރި ރައީސް މައުމޫންގެ އެމްއާރުއެމް އެވެ.