އިސްލާމް ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުގެ ތެރެއިން ކުޑަ ކުދިންގެ ހައްގުތަކަށް އަދި އެހެން ހައްގުތަކަށް ވެސް އަރައިގަތުމަކީ މި ސަރުކާރުން ތަހައްމަލު ކުރާނެ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލް އަަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އެ މޭރުމުން ވާހަކަފުޅު ދެއްކެވީ ދާދި ފަހަކުން ކައިވެނީގެ ނަމުގައި އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ މީހަކު ގުޅުން ހިންގަމުން ދިޔަ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. އެ މީހާގެ ދަރިއަކަށް ބަލިވެ އިނދެ އެ ކުއްޖާ ވިހާފައިވާއިރު، އެ މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމުގެ އެއްވެސް އަމަލަކަށް ޖާގަ ދީގެން މި ސަރުކާރަށް ނުތިބެވޭނެ ކަމަށެވެ. އެ ގޮތުން އިސްލާމް ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުގެ ތެރެއިން ވިޔަސް އެ ޖާގަ ނުދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުގެ ތެރެއިންވިޔަސް، ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމަކީ، މި ސަރުކާރުން ތަޙައްމަލު ކުރާނެ ކަންކަމެއް ނޫން." ރައީސް ސޯލިހް ވިދާޅުވި އެވެ.
ގާނޫނުތަކުގައި ބަޔާން ކޮށްގެން ވެސް އެ ކުދިންގެ ހައްގުތައް ކަށަވަރު ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ގޮތުން ފާހަގަކުރެއްވީ ދާދި ފަހުން މަޖިލީހުން ފާސްކޮށް އެމަނިކުފާނު ތަސްދީގު ކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގަނޫނުގައި ކުޑަކުދިންގެ އަދުލުގެ ގާނޫނެވެ.
"ގާނޫނީ ގޮތުން ކައިވެނި އަގްދު ކޮށްދެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރު ކަމަށް ވާނީ ހަމަޖެހިފައި. އަދި އުމުރުން 15 އަހަރު ނުފުރޭ ކުދިންނަކީ، ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކުދިން ކަމުގައި ވެސް ކަނޑައެޅިއްޖެ." ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ އިންސާނީ ހައްގުތައް ފެށޭ އިމަކީ ވެސް މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަންނަ ވަގުތު ކަމަށެވެ. އާންމު އިންސާނުންނާ ހިލާފަށް ކުޑަކުއްޖެގެ ހައިސިއްޔަތުން އެތައް ބައިވަރު ހައްގުތަކާއި އިނާޔަތްތަކެއް އެ ކުއްޖަކަށް ލިބެން ޖެހޭ ކަމަށެވެ.
އެ ހައްގުތައް ކަށަވަރު ކުރުމުގެ ގޮތުން ކުޑަކުދިން ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ގޮތުން ސްކޫލް ކުދިންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމަކީ ކުޑަކުދިންގެ އުމުރާ ގުޅޭ ސިއްހަތަށް ރަނގަޅު ކާނާ ދިނުމުގެ މަގްސަދުގައި ފެށި ޕްރޮގްރާމެއް ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.