ހުސައިން ފިޔާޒު މޫސާ

ހައްގުތައް ހޯދަން ސުވާލު ކުރަންޖެހޭ: ކޮމިޝަނަރު

ހައްގުތައް ފުރިހަމަ ވެގެންދާނީ ސުވާލުކުރާ ރައްޔިތުންތަކެއް އުފެދި އެ ސުވާލުތަކަށް މުއައްސަސާތަކުން ޖަވާބު ލިބިގެން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އިންސާނީ ހައްގުތަކުގެ ދުވަހާއި، މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާ އާންމު ކުރެެއްވި ވީޑިއޯ މެސެޖެއްގައެވެ.

މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން އާންމު ކުރެއްވި ފުރަތަމަ ވީޑިއޯ މެސެޖްގައި ކޮމިޝަނަރު ފިޔާޒް ވިދާޅުވީ ހައްގުތައް ފުރިހަމަ ވެގެންދާނީ ގާނޫނު އަސާސީގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންސާނީ ހައްގުތައްވެސް އަދި މަސްވެރިންގެ ހައްގުތައްވެސް، މަސްވެރި އާއިލާތަކުގެ ހައްގުތައް ފުރިހަމަ ވެގެންދާނީ ގާނޫނު އަސާސީގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހުރިހާ ބޭފުޅުންވެސް ކޮށްގެން. އަދި ސުވާލުކުރާ ރައްޔިތުންތަކެއް އުފެދިގެން އެ ކުރާ ސުވާލުތަކަށް މުއައްސަސާތަކުން ޖަވާބު ލިބިގެން." ފިޔާޒް ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ މަޝްހޫރު ނޫސްވެރިޔާ ހުސައިން ފިޔާޒު މޫސާ އައްޔަން ކުރައްވާ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުއެވެ. މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ޑިގްރީއެއް ހާސިލު ކުރައްވާފައިވާ ފިޔާޒު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި 19 އަހަރު ދުވަހު މަސައްކަތް ކުރައްވައިފަ އެވެ. "އާފަތިސް" ނޫހުން ނޫސްވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގެންނެވި ފިޔާޒު ވަނީ "މިއަދު" އާއި "ހަވީރު" ނޫހުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި
އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ. އެ އޮފީހުގެ ބޭނުމަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރިހާ ހުރަސްތައް ނައްތާލައި ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަ ކުރުމަށް ފުރުސަތު ހުޅުވައި ދިނުމެވެ.