ހަބަރު

ކައިޓް ކޭމްޕާއެކު ގޮއިދޫއަށް އީދެއް!

Dec 11, 2019

ކައިޓް ސާފިން ކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ބ. ގޮއިދޫގައި ހާއްސަ ކޭމްޕެއް ފަށައިގެން ކުރިއަށް އެބަދެ އެވެ. މި ކޭމްޕްގެ ހަރަކާތްތައް ރަށުގައި ބާރަށް ކުރިއަށްދާއިރު މިކަމުގެ ފޯރިގަދަ އެވެ.

ގޮއިދޫގައި ކުރިއަށްދާ މި ކޭމްޕަކީ އެ ރަށުގެ ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތް ޑިވެލޮޕްމެންޓް ސޮސައިޓީއިން އިސް ނަގައިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ކޭމްޕްގައި ރާއްޖޭގައި ނަން ހިނގާ ކައިޓް ސާފަރުންނާއި ބޭރުގެ އިންސްޓްރަކްޝަނުން ހަރަކާތްތެރިވެ އެވެ.

ކޭމްޕްގައި ބައިވެރިިވެފައިވާ ގޮއިދޫގެ ސްކޫލް ދަރިވަރުންނަށް ކައިޓް ސާފުކުރުމަށް ދަސްކޮށް ދެނީ އެ ފަރާތްތަކުންނެވެ. މި ކޭމްޕް ހުރިހާ ކުރާ ދަރިވަރުންނަށް އިންޓަނޭޝަނަލް ކައިޓް އޮގަނައިޒޭޝަން (އައިކޭއޯ)ގެ ސެޓްފިކެޓް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ގޮއިދޫގައި ކުރިއަށްދާ މި ކޭމްޕްގައި 30 ދަރިވަރުން ބައިވެރިވެ އެވެ. އެ ރަށުން ބޭރުގެ ބައެއް ކުދިން ވެސް ކޭމްޕްގައި ބައިވެރިވި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ކުދިންނަށް ގޮއިދޫއަށް ދެވޭ ގޮތެއް ނުވި އެވެ. ގޮއިދޫގައި މޫދު ކުޅިވަރުގައި މިހާރު ފާހަގަވަމުން އަންނަ ރަށެކެވެ. މޫދު ކުޅިވަރަށް އަރަމުން އަންނަ ތަރިން އެ ރަށުން ދަނީ އުފެދެމުންނެވެ. މި ކޭމްޕްގައި ގިނަ އަންހެން ކުދިން ވެސް ބައިވެރިވާކަން ފާހަގަކޮށްލެެވެ އެވެ.

މި ކޭމްޕްގެ އެންމެ ބޮޑު އެއް މަގުސަދަކީ މޫދު ކުޅިވަރަށް މިހާރުވުރެ ވެސް ބޮޑަށް ކުދިން ޝައުގުވެރިކޮށް އެކަމުގެ ހުނަރުތައް ދަސްކޮށްދިނުން ކަމަށް ކުދިންނަށް ހުނަރުތައް ދަސްކޮށްދިނުމަށް ހަރަކާތްތެރިވާ އާސިމް މުހައްމަދު (ސިންބެ) ބުންޏެވެ. އަދި އެހެން ރަށްރަށަށް ގޮއިދޫ ނަމޫނާއަކަށްވުން ވެސް މިއީ މަގުސަދެއްކަން ފާހަގަކުރި އެވެ.