ހަބަރު

މަސްވެރިކަމަށް ހިދުމަތް ކުރި ހަތަރު ފަރާތަކަށް ހަނދާނީ ފިލާ

މަސްވެރިކަމުގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރަމުންދިޔަ ހަތަރު ފަރާތެއްގެ އަގުވަޒަންކޮށް ހަދާނީ ފިލާ އަރުވައިފި އެވެ.

މިރޭ އޮތް މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ހަނދާނީ ފިލާ އަރުވާފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ހިދުމަތްތައް ކޮށްފައިވާ ފަރާތްތަކަށެވެ. އެގޮތުން ހަތަރު ދާއިރާއަކުން މަސްވެރިކަމަށް އެކި އެކި ހިދުމަތްތައް ކޮށްދެއްވާފައިވާ ހަތަރު ފަރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހަނދާނީ ފިލާ އަރުވާފަ އެވެ.

ހަނދާނީ ފިލާ އެރުވުނު ފަރާތްތައް

  • އަދްނާން އަލީ، ގ. އާސަމް - ދޮށީގެ މަސްވެރިކަން ކުރިއެރުވުން
  • ދިވެހި މަސްވެރިން - މަސްވެރިކަމުގެ ދާއިރާ އަށް ޒުވާނުން އަހުލުވެރި ކުރުން
  • މައިޒާން އިލެކްޓްރޯނިކްސް - މަސްވެރިކަމުގެ އާ ޓެކްނޮލޮޖީ ތައާރަފުކޮށް އަހުލުވެރި ކުރުން
  • ހުސައިން ޒާހިރު، ނައިޓް ކުއީން، ސ. ހިތަދޫ - މަސްވެރިކަމާ ކަނޑުގެ ވެއްޓާ ގުޅޭ ދިރާސާތައް ކުރުން

މީގެ އިތުރުން، ފާއިތުވެދިޔަ އަހަރު މަސްވެރިކަމާ ގުޅުންހުރި އެކި އެކި ކަންކަމުގައި ފާހަގަކޮށްލެވޭ ނަތީޖާތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަން ކޮށްވެސް ވަނީ ހަނދާނީ ފިލާ އަރުވާފައިވެއެވެ. އެެގޮތުން މި ފިލާ ފަސް ފަރާތަކަށް ވަނީ އަރުވާފަ އެވެ.

މީގެ ތެރެއިން އެކްސްޕޯޓް ކުރާ ފަރާތްތަކަށް އެންމެ ގިނަ ކަޅުބިލަމަސް ކިރުވާފައިވާ ގއ. ނިލަންދޫ ހަނދުވަރީ ދޯންނަށް ވަނީ ފިލާ އަރުވާފަ އެވެ. މި ދޯންޏިން 800 ޓަނު ކަޅުބިލަމަސް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ކިރުވާފައިވެއެވެ. މީގެ އިތުރުން ބ. ތުޅާދޫ ހައިސަމް ދޯނިން 201 ޓަނު ރީނދޫ އުރަހަ ކަންނެލި ކިރުވާފައިވާތީ އެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މިރޭ ހަނދާނީ ފިލާ އެރުވި ފަރާތްތައް

  • އިބްރާހިމް ޔައިޝް ޝާކިރު، ދަރުމަވަންތަ ސްކޫލް - އޯލެވެލް އިމްތިހާނުން މެރިން ސައިންސް އިން ދުނިޔެއިން އެއްވަނަ
  • ހޮރައިޒަން ފިޝަރީޒް - ކަޅުބިލަ މަހުގެ އުފެއްދުންތައް އެކްސްޕޯޓްކޮށްގެން އެންމެ ބޮޑު އާމްދަނީ ހޯދުން
  • އެންސިސް ފިޝަރީޒް - ރީނދޫ އުރަހަ ކަންނެލީގެ އުފެއްދުންތައް އެކްސްޕޯޓްކޮށްގެން އެންމެ ބޮޑު އާމްދަނީ ހޯދުން
  • ގއ. ނިލަންދޫ ހަނދުވަރީ ދޯނި - އެކްސްޕޯޓް ކުރާ ފަރާތްތަކަށް އެންމެ ގިނަ ކަޅުބިލަމަސް ކިރުވާފައިވާ ފަރާތް
  • ބ. ތުޅާދޫ ހައިސަމް ދޯނި - އެކްސްޕޯޓް ކުރާ ފަރާތްތަކަށް އެންމެ ގިނަ ރީނދޫ އުރަހަ ކަންނެލި ކިރުވާފައިވާ ފަރާތް

މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވަނީ މަސްވެރިންނަށް ހާއްސަކޮށް ދެ އެޕްލިކޭޝަން އެއް ވެސް ނެރެފަ އެވެ.