އައްޑޫ ސިޓީ، ކޮންވެސްޝަން ސެންޓަރުގައި ތަރައްގީ ކުރަމުންދާ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ހެލްތް މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ އަމާޒަކީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު ހޮސްޕިޓަލުން ހިދުމަތްދޭން ފެށުން ކަމަށެވެ. އިކުއަޓޯރިއަލް ހޮސްޕިޓަލުން ނޮވެންބަރު މަހުގެ ތެރޭގައިވެސް ހިދުމަތްދޭން ހެލްތް މިނިސްޓްރީން މަސައްކަތް ކުރިއެވެ.
ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން އޭރު ވަނީ ހޮސްޕިޓަލުން ހިދުމަތްދޭން ނުފެށިފައެވެ. ނަމަވެސް އަންނަ އާދިއްތަ ދުވަހު ހޮސްޕިޓަލުން ހިދުމަތްދޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
"އާދިއްތަ ދުވަހު ހިދުމަތްދޭން މި ފަށަނީ. ރަސްމީކޮށް ހުޅުވަނީއެއް ނޫން."
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ފައިސަލް ނަސީމްވެސް މިއަދު ވަނީ ހޮސްޕިޓަލުގެ ޚިދުމަތް ފެށުމަށް ކުރަމުންގެންދާ ތައްޔާރީތައް ބައްލަވައިލަވާލައްވާފައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތަކީ އަތޮޅުތަކުގައި ވެސް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ގާއިމުކުރުން ކަމަށް ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގައި ގާއިމުކުރާ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރެވޭ ހޮސްޕިޓަލެއްކަމުން އެ ތަނަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަނަކަށް ވުމަކީ ސަރުކާރުގެވެސް ވަރަށް ބޮޑު އުންމީދެއްކަމަށް ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އެޅި ކޮންވެންޝަން ސެންޓަރަށް ބޮޑު ބަދަލެއް ގެނެސް، އެންމެ ޒަމާނީ 100 އެނދުގެ ހޮސްޕިޓަލަށް ބަދަލު ކުރަން މަޝްރޫއެއް ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެލިޔާ ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއު ނިމި ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރުމުން ހިދުމަތް ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަނީ ފަށާފައެވެ.