ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޑަބްލިޔުބީޕީއެފް ޑިސްޓިންގުއިޝްޑް ސާވިސް އެވޯޑް ރައީސް ސޯލިހަށް

އެކި ކުޅިވަރުތަކުގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލާ ކުޅިވަރުގެ ދާއިރާގައި ހަމަހަމަކަން ގާއިމުކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި މިއަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ އެކި މުބާރާތްތަކުގައި ރަން ވަނަތައް ހާސިލުކޮށްފައިވާ އެ އެސޯސިއޭޝަނުގެ އެތުލީޓުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވަނީ އެސޯސިއޭޝަންގެ އެތުލީޓުން ފާއިތުވި އަހަރުގެ ތެރޭގައި ހޯދާފައިވާ ރަން ވަނަތަކާއި ތަފާތު ކާމިޔާބީތައް ފާހަގަކުރައްވާ، އެތުލީޓުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި، އެކި ކުޅިވަރުތަކުގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލައްވާ، ކުޅިވަރުގެ ދާއިރާގައި ހަމަހަމަކަން ގާއިމުކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ދާއިރާގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކާއި، އެސޯސިއޭޝަނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރައްވަން، ކަމާއިބެހޭ ވުޒާރާއާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ބޮޑީބިލްޑިން އެސޯސިއޭޝަންގެ އިސް ބޭފުޅުންވަނީ، ފާއިތުވި އެއް އަހަރުގެ ތެރޭގައި ކުޅިވަރު ތަރައްގީ ކުރެއްވުމުގައި ސަރުކާރުން ގެންގުޅުނު ހަމަހަމަ އުސޫލުތަކަށް ފާހަގަކޮށްފައެވެ. އަދި ބޮޑީބިލްޑިންގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން އިސްނަންގައިގެން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށްފައެވެ.

އެގޮތުން ކުޅިވަރު ކުރިއެރުވުމަށް މާލީ ގޮތުން ވެދޭ އެހީތެރިކަމާއި، އެތުލީޓުންގެ ތަމްރީނުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން ވެދޭ އެހީތެރިކަން ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި، އެ ޖަމިއްޔާގެ ފަރާތުންވަނީ ދާއިރާގެ ކުރިއެރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަނުން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވާ "ޑަބްލިޔުބީޕީއެފް ޑިސްޓިންގުއިޝްޑް ސަވިސް އެވޯޑް" އެމަނިކުފާނާއި ހަވާލުކުރައްވާފައެވެ. މި އެވޯޑު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވާފައިވަނީ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޑިޒެންޓް އިބްރާހީމް ހަމީދާއި، ސައުތު އޭޝިއަން ބޮޑީބިލްޑިންގް އެންޑް ފިޓްނަސް ފެޑެރޭޝަންގެ އެގްޒެކެޓިވް މެމްބަރު އަލީ ރިފާއުއެވެ. މިއީ، މި އެވޯޑު އޭޝިއާގެ ގައުމެއްގެ ރައީސަކަށް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.