މިނިސްޓްރީ އޮފް ޓޫރިޒަމް

ފެންފުށީ ތުނޑި، ކުއްޔަށް ދޫކުރުން ހުއްޓުވައިފި

އދ. ފެންފުށީ ތުނޑި ސަރަހައްދުން ފަތުރުވެރިކަމަށް ބިންތަކެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން ކުރިއަށް ގެންދިޔަ ބީލަން ޓްއަރިޒަމް މިނިސްޓްރީން ބާތިލްކޮށްފި އެވެ.

އެކަން ބަޔާންކޮށް ޓްއަރިޒަމް މިނިސްޓްރީން ބުނީ ފެންފުށީ ތުނޑީ ސަރަހައްދުން 5000 އަކަފޫޓްގެ ހަތަރު ބިން ކުއްޔަށް ދޫކުރުމަށްޓަކައި މިދިޔަ އަހަރުގެ އޮގޯސްޓް މަހުގެ 30 ވަނަ ދުވަހު ކޮށްފައިވާ އިއުލާން ބާތިލްކުރާ ކަމަށެވެ.

އެ އިއުލާން ބާތިލްކޮށްފައިވަނީ ބީލަން ހުށައަޅަން ޖެހޭ ކަންކަން ސާފުނުވާތީއާއި، ޓޫރިސްޓް ގެސްޓް ހައުސް ތަރައްގީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާއި ބެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުޅުވާލެވޭ ބިން ބިމުގައި ތަރައްގީ ކުރެވޭނީ ވަކިވަކި ގެސްޓްހައުސް ތަކެއްކަން ބީލަން ފޮތުން ސާފުނުވާތީ ކަމަށެވެ.

އަދި ބީލަން ކާމިޔާބުކުރި ފަރާތްތަކާ އެކީ މިހާތަނަށް އެގްރީމަންޓްކޮށް ސޮއިކޮށްފައިނުވާތީ އެ ބީލަން ބާތިލްކުރަން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

"އެެހެންކަމުން މި ބީލަން ބާތިލްކޮށް، އދ. ފެންފުށީ ކައުންސިލާއި ގުޅިގެން މި ބިންތައް އަލުން ބީލަމަށް ހުޅުވާލުމަށް ކުރަންޖެހޭ ކަންތައްތައް މި މިނިސްޓްރީން ކުރިއަށް ގެންދާނެ ވާހަކަ ދެންނެވީމެވެ." މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.