އދ. ފެންފުށީގެ ފަޅުގައި ރިސޯޓެއް އަޅަން ތާއީދު ނުކުރާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ފެންފުށީ ކައުންސިލްގެ ރައީސް އަހުމަދު އަބްދުއްޝުކޫރު މިއަދު އަވަސް އަށް ވިދާޅުވީ ފެންފުށީގެ ފަޅަކީ ވަރަށް ބޮޑު ފަޅެއް ކަމަށާ ނަމަވެސް އެފަޅު ހިއްކައިގެން ރަށަށް ގެއްލުންވާ ކަމެއް ކުރުމަށް ކައުންސިލުންނާއި ރައްޔިތުން އެއްބަސް ނުވާ ކަމަށެވެ.
އެ ރަށުގެ ފަޅުގައި ކައުންސިލްގެ ފަރާތުން ތަރައްގީގެ މަސައްކަތްތަކެއް ކުރުމަށް އަދި ފްލޭން ކުރެވިފައިނުވާ ކަމަށް ވެސް އަހްމަދު ވިދާޅުވި އެވެ.
ތ. އެލާގެ ބަދަލުގައި ރިސޯޓެއް ތަރައްގީކުރަން އދ. ފެންފުށީގެ ފަޅުން ބައެއް ދިނުމަށް ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ވަނީ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ. މިކަމާ ގުޅޭ ގޮތުން ކައުންސިލްގެ ރައީސް ވިދާޅުވީ އެއީ ރަށުގެ 80 ޕަސެޓް ރައްޔިތުން ގަބޫލު ކަމެއް ނޫން ކަމަށެވެ. އަދި އެކަމާ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމަށް ވިދާޅުވިއެވެ.
ގާސިމްގެ ސިޓިއާ ގުޅޭގޮތުން ކައުންސިލްގެ ފަރާތުން ސަރުކާރާއި ޓޫރިޒަމް މިނިސްޓްރީއާ އަދި މަޝްވަރާ ނުކުރާ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުމާ ގުޅޭގޮތުން ކައުންސިލުން އަޅާނެ ފިޔަވަޅަކާ ގުޅޭގޮތުން އިދާރާގައި މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް އެކަމަށް ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
ފެންފުށީގެ ރައްޔިތުން އެ ރަށުގެ ފަޅުގައި ރިސޯޓް ހެދުމަށް ދެކޮޅުވާ އެންމެ ބޮޑު ސަބަބަކީ އެ ސަރަހައްދުގައި ވޭލް ޝާކް ސާފިން ޕޮއިންޓަކާއި ޑޯލްފިން ފޮއިންޓެއް އޮތުމެވެ. އަހްމަދު ވިދާޅުވި ގޮތުގައި ގާސިމް ރިސޯޓް އަޅަން ބޭނުންފުޅުވަނީ އެ ޕޮއިންޓް ގައެވެ.
"ގާސިމް އިބްރާހިމް ރިސޯޓް އަޅަން ދޭން އެދިފައި ވަނީ ވޭލް ޝާކް ސާފިން ޕޮއިންޓް ސަރަހައްދު. އެއީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް. މިއީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ" ފެންފުށީ ކައުންސިލްގެ ރައީސް އަހުމަދު ވިދާޅުވި އެވެ.
މީގެ އިތުރުން ރަށުގައި ލަޑާގެ ވިޔަފާރިކުރާ މީހުންނަށާއި މަސްވެރިންނަށް ވަރަށް ބޮޑު ގެއްލުމެން ވާނެ ކަމަށާއި ގާސިމް ހިއްކަން ބޭނުންވާ ސަރަހައްދަކީ ރަށުގެ ގިނަ ރައްޔިތުންގެ އާމްދަނީއާ ގުޅިފައިވާ ސަރަހައްދު ކަމަށްވެސް ވިދާޅުވި އެވެ.
ވިލާ އަށް ދޫކޮށްފައިވާ ތ. އެލާ ސަރުކާރަށް ނަގަން ނިންމުމާ ގުޅިގެން ގާސިމް ފުރަތަމަ އެދިވަޑައިގެންނެވީ ތ. ކަނިމީދު ނުވަތަ ތ. ކަޅުފަހަލަފުށި ދޫކޮށްދިނުމަށެވެ. ނަމަވެސް އެ ދެ ރަށް ވެސް މިވަގުތު ދެވެން ނެތް ކަމަށް ސަރުކާރުން އެންގުމުން ފެންފުށީ ފަޅުން ބައެއް ހިއްކައިގެން ރިސޯޓެއް ހަދަން ގާސިމް ވަނީ ހުށަހެޅުއްވާފަ އެވެ.
ފެންފުށި ފަޅުން ބައެއް ހަމަަޖައްސައިދޭނަމަ ރިސޯޓު ހެދުމަށް އަށް އަހަރުގެ މުއްދަތެއް ދިނުމަށާއި އެއްބަސްވުމުގެ މުއްދަތު 99 އަހަރަށް ހަމަޖައްސަވައި ދެއްވުމަަށްވެސް ގާސިމް ވަނީ ޝަރުތުކުރައްވާފަ އެވެ.