ވެކްސިންގެ ރެކޯޑާއެކު ފަތުރުވެރިކަމުގައި ރާއްޖެއަށް އެންމެ އުހަށް ދެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"ޓޫރިޒަމްއާ ވެކްސިން" މި ނަމުގައި އަމީން އާންމު ކުރެއްވި ލިޔުއްވުމެއްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދޭންފެށުމަކީ ހަމައެކަނި ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަމުގެ އިތުބާރު އުފައްދައިދޭ ކަމެއް ނޫން ކަމަށާ އެއީ, ރާއްޖޭގެ ނާޒުކު އިގްތިސާދުގެ މައި ތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ މަންފާ މި ހާލަތުގައި ހޯދުމަށާއި ރައްޔިތުންނަށް އެ ފައިދާ ލިބިލިބި ހުރުމަށްޓަކައިވެސް މި ވަގުތަށް އެންމެ ބޭނުންތެރި ކަމެއް ކަމަށެވެ.
ފަތުރުވެރިންގެ އިތުބާރާއި ޔަގީންކަން އުފެއްދުމަށް ވެކްސިންގެ މުހިންމު ކަން ވަރަށް ބޮޑުކަން ފާހަގަ ކުރައްވާ އަމީން ވިދާޅުވީ ފަތުރުވެރިންނަށް ހިދުމަތްދޭ ރިޒޯޓު މުވައްޒަފުންނާއި, ފަތުރުވެރިންނާ އެއާޕޯޓުންނާއި އުޅަނދުފަހަރުން ބައްދަލްވާ އޮފިސަރުންނާއި ހިދުމަތްތެރިން ފަތުރުވެރިންނާ ބައްދަލްކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ގޮތުގައި އަޅައިގެންކަން ކަށަވަރުކަމާއެކު ފަތުރުވެރިންނަށް އެނގުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
"މިއަދުގެ އުނދަގޫ އަދި ނުރައްކާތެރި ހާލަތުގައިވެސް, ދުނިޔޭގެ ގިނަ ޓޫރިސްޓުންގެ މެދުގައި ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބަލައިގަނެފައިވާ ކަމަށް ގިނަ ލިޔުންތަކުން ފެންނަ މަދު މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވުމަކީ ރާއްޖެއަށް މިވަގުތު އޮތް ވަރަށް ބޮޑު އެޑްވާންޓޭޖެއް،" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މި ހާލަތުގައި, ރާއްޖެއަށް ލިބިފައިވާ ފުރުސަތުގެ ބޭނުން އެންމެ ފަހިކޮށް ހިފުމަށްޓަކައި އެންމެ ފުރަތަމަ ވެކްސިން ދެވޭ މީހުންގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންނާއި އުމުރާ ބަލީގެ ގޮތުން އިސްކަންދޭންޖެހޭ މީހުންނާއެކު ޓޫރިސްޓް ރިޒޯޓް/ހޮޓާތަކުގައި މަސައްކަތްކުރާ މީހުނާއި, ފަތުރުވެރިންނަށް އިސް ސަފުގައި ހިދުމަތްދިނުމުގައި ދެމިތިބި މީހުން ހިމަނައި, އެމީހުން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ބާރުއަޅައި, ހިތްވަރު ދޭން ޖެހޭ ކަމަށެވެ.
އަދި ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި ރާއްޖެ ހޯދާފައިވާ މަތީ މަގާމާއި މަޝްހޫރުކަމާ އެއްފަދައިން ޓޫރިސްޓުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައިވެސް ރާއްޖެ ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ ވަނަ ހޯދުމަށްޓަކައި ކުރިޔަށް އޮތް ތިންމަސް ނުވަތަ ހަތަރު މަސްތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ އެންމެން ވެކްސިން ޖަހައި, ނިންމުމުގެ ޓާގެޓެއް ކަނޑައެޅުން މުހިންމު ކަމަށެވެ.
ވެކްސިން ޖެހުމުގެ މިލަނޑުދަނޑިއާއި ކާމިޔާބީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ކެމްޕޭންގެ ތެރޭގައި މިދުވަސްވަރު ހިމަނައި, އެކެމްޕޭން ވަރުގަދަޔަށް ޖެއްސުމަކީވެސް މުހިންމު ކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.