އަންނަން އޮތް ޖީލުތަކަށް ލިބެން އޮތް އާމްދަނީ މިހާރު ބޭނުންކުރުމުގެ ހައްގެއް ނޯންނާނެކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ވެސް އާމްދަނީ އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އިސްލާހުތައް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަދި މަޖިލީހުގެ ހައުސް މެޖޯރިޓީ ލީޑަރު އަލީ އާޒިމެވެ.
އެ ބިލާ ގުޅޭގޮތުން މިއަދު ކުރިއަށް ދިއަ ބަހުސްގައި ވާހަކަ ދައްކަވަމުން، އަލީ ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލުގައި ރަނގަޅު ކަންތައްތަކެއް ހުރި ނަމަވެސް، އޭގައި ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއްވެސް ހިމެނިފައިވާ ކަމަށެވެ.
ޓޫރިޒަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވަމުން އާޒިމް ވިދާޅުވީ މި އިސްލާހުތަކުގެ ސަބަބުން ޓޫރިޒަމް ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވެގެން ދާނެ ކަމަށެވެ.
ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ގާނޫނީ ބާރު ލިބިގެން އިންޓިގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގައިގެން ތަރައްގީ ކުރާ ރަށްތަކާއި ފަޅުތައް، ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ވިޔަފާރި ކުރުމުގެ މަގު ހުޅުވިގެން ދިއުމެވެ.
ޖުމްލަ ގޮތެއްގައި 20 އިސްލާހެއް ހިމެނޭ ބިލުގައި، ޕްރައިވެޓް އައިލެންޑް ތަރައްގީކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި އެވެ.
މީގެ އިތުރުން، ރިސޯޓު ތަރައްގީ ކުރަން މިހާރު ދޫކޮށް، ނަމަވެސް ރިސޯޓު ނުހެދި ހުރި ރިސޯޓުތަކަށް ވެސް މި ބިލުގެ ޒަރިއްޔާ އިން ހައްލު ތަކެއް ވަނީ ހޯދައިދީފައި އެވެ.
ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިންޓިގްރޭޓެޑް ޓޫރިޒަމާއި، ރިސޯޓާއި ގެސްޓްހައުސް ފަދަ ތަންތަން ކަނޑައެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައި އޮތް ނަމަވެސް، ބިނާވެށި ޕްލޭންގެ ދަށުން ވަކި ރަށްތަކުގައި ޓޫރިޒަމަށް ބިން ކަނޑައެޅުމާއި ބިން ދޫކުރުމުގެ ބާރު ރަށު ނޫނީ ސިޓީ ކައުންސިލު ތަކަށް މި ބިލުގެ ތެރެއިން ވަނީ ފުރުސަތު ފަހިކޮށްދީފައި އެވެ.
އަދި މާލެ ނޫން ސަރަހައްދުތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ވެސް މި ބިލުން ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ.
ދިގު މުއްދަތަކަށް ޓޫރިޒަމަށް ކަނޑައަޅާ ބިންތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ހިމަނާފައިވާ މާއްދާތަކަށް އިޝާރާތް ކުރައްވައި، އަލީ ހުސެއިން ވިދާޅުވީ 2050 ވަނަ އަހަރު ދައުލަތަށް ލިބެން އޮތް އާމްދަނީގެ މިލްކުވެރި، ނޫނީ ހައްގުވެރި ފަރާތަކީ މި ޖީލު ނޫންކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.
"އަންނަން އޮތް ޖީލުތައް. އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށް ލިބެން އޮތް އާމްދަނީ މިއަދު އަޅުގަނޑުމެން ހަމަ ނަގަންވީތޯއޭ،" ޓެކްސްގެ ނިޒާމަށް ބަދަލެއް އަންނަ ކޮންމެ ފަހަރަކު 50 އަހަރުން 99 އަހަރަށް ރިސޯޓުތައް ކުއްޔަން ދެމުންދާ ސަގާފަތަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ މިގޮތަށް އަންނަ އޮތް ޖީލުތަކަށް ލިބެންހުރި އާމްދަނީ ނަގައިގެން ކުރާ ކަމަކާމެދު ވެސް މިހާރު ވިސްނަން ޖެހޭ ކަމަށެވެ.
މިގޮތުން، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ރަށްތަކުގެ އަގު ހުންނާނެ މިންވަރަށް ބެލުމެއްނެތި، މިގޮތަށް އަމަލުކުރުމުން، ގެއްލިގެން ދަނީ އަންނަ އޮތް ޖީލުތަކުގެ ހައްގެއްކަމަށް އަލީ ފާހަގަކުރެއްވި އެވެ.
އަންނަން އޮތް ޖީލުތަކުގެ އާމްދަނީ މިއަދު އަޅުގަނޑުމެން ނަގަން ވިސްނާއިރު، ކޮބާތޯ 2075 ވަނަ އަހަރު މި ގައުމުގައި ދިރިއުޅޭނެ މީހުންގެ ހައްގު؟ ކިހިނެއް ތޯ އަޅުގަނޑުމެންނަށް އެނގެނީ، އޭރު މި ރާއްޖޭގެ ރަށެއްގެ އަގު ހުންނާނީ މި ވަރަށް ކަން؟،" އަލީ ސުވާލުކުރެއްވި އެވެ.
އެކަމާ މެދު ފުންކޮށް ވިސްނާލުމަށް ގޮވާލައްވަމުން، އޭނާ ތަކުރާރުކޮށް ވިދާޅުވީ ކުރިއަށް އޮތް ޖީލުތަކަށް ލިބެންއޮތް އާމްދަނީ މިހާރު ނަގައިގެން، ބޭނުންކުރުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން، މާލެ ނޫން ސަރަހައްދުތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ވެސް މި ބިލުން ގެންނަ ބަދަލުތަކާ ގުޅޭގޮތުން އަލީ ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.
މިގޮތުން، އޭނާ ވިދާޅުވީ މާލެ އަތޮޅުގައި ހުރި ރިސޯޓުތަކުން ދައްކަންޖެހޭ ކުލި ބޮޑުވާންޖެހޭ ކަމަށް ގަބޫލުކުރައްވާއިރު، އެ އުސޫލުން ޓީޖީއެސްޓީ ދައްކަންޖެހޭ މިންވަރުވެ ސް ތަފާތުވާން ޖެހޭ ކަމަށެވެ.