ހަބަރު

2020 ގައި ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް

ދެހާސް ވިހި ވަނަ އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ 2020 ގެ ކަލަންޑަރުގައި ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ދުވަސްތަކުގެ އިތުރުން، އިތުރު ހަ ދުވަހެއް ބަންދު ކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައެޅި ދުވަސްތައް

2 ޖަނަވަރީ 2020 (ބުރާސްފަތި)
27 މޭ 2020 (ބުދަ)
28 މޭ 2020 (ބުރާސްފަތި)
28 ޖުލައި 2020 (އަންގާރަ)
29 ޖުލައި 2020 (ބުދަ)
12 ނޮވެންބަރު 2020 (ބުރާސްފަތި)

ރައީސް އޮފީހުން ބުނީ މި ދުވަސްތައް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސަރުކާރުގެ މުވައްޒިފުންގެ ފަސޭހައަކަށް ކަމަށެވެ. އެގޮތުން މި ދުވަސްތަކަކީ ބަންދު ދުވަސްތަކެއް އައުމަށްފަހު އަލުން ސަރުކާރު ހުޅުވި އަދި އޭގެ އެއް ދުވަސް ފަހުން އަނެއްކާވެސް ބަންދު ދުވަހެއް އަންނާތީ ރައްޔިތުންގެ ފަސޭހައަކަށްޓަކައި ރައީސް ނިންމެވި ނިންމެވުމެއް ކަމަށެވެ.

ރައީސް ޔާމީންގެ ދުވަސްވަރު ފެށިގެން ސަރުކާރުން ގެންދަވަނީ މިގޮތަށް އަމަލު ކުރަމުންނެވެ. ރައީސް އޮފީހުން ބުނީ އަހަރު ފެށުމުގެ ކުރިން އެ ގޮތަށް ކަނޑައެޅީ އާންމުންނަށް އިތުރަށް ފަސޭހަކޮށްދިނުމަށްޓަކައި ކަމަށެވެ.